ކުންފުންޏަކުން ބަލަހައްޓަންޖެހޭ ސަގާފީ ތަރިކައެއް މިރާއްޖެއަކު ނުހުންނާނެ: ތާރިގު

އެއްވެސް ކުންފުންޏަކުން ބަލަހައްޓަންޖެހޭ ސަގާފީ ތަރިކައެއް ރާއްޖޭގައި ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސްޓޭޓު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މުހައްމަދު ތާރީގު ވިދާޅުވެއްޖެއެވެ.

ތާރިގު ވިދާޅުވީ އެފަދަ ތަނެއްހުރިނަމަވެސް ހުންނާނީ ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒާއި އެކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބަލަހައްޓާ ތަނެއް ކަމަށެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ "ކުންފުންޏަކުން ބަލަހައްޓާނެ ސަގާފީ ތަރިކައެއް މިރާއްޖޭގައި ހުންނާނެ ކަމަށް ގަބޫލެއް ނުކުރަން. ހުރިއްޔާ ހުންނާނީ ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒާއި އެކުންފުންޏަކާ ގުޅިގެން ހިންގާ (ކޮންމެވެސް އެއްބަސްވުމެއްގެ ދަށުން) ކުރާކަމެއް ނުވަތަ ކައުންސިލަކާ ގުޅިގެން ހިންގާ ކަމެއް،" ކަމަށެވެ.

އެ އުސޫލުގެ ތެރެއިން އައްޑޫ ސިޓީގެ ގަމުގައިހުރި އާސާރީ އަދި ސަގާފީ ތަރިކައިގެ ގޮތުގައި ގަބޫލުކުރެވޭ ތަންތަން ކައުންސިލާއި ގައުމީތަރިކަ ރައްކާކުރާ މަރުކަޒުގެ ދަށަށް އަންނާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތާރިގު މިހެން ވިދާޅުވީ އައްޑޫސިޓީ ގައުމުގައި އެފަދަ ތަންތަން ހުރެފައި ގަން އަމިއްލަ ކުންފުންޏެއްގެ ދަށުގައި އޮތުމުންނެވެ.

"މި ސިޓީގެ (އައްޑޫ) ގަމުގައިހުރި އާސާރީ، ސަގާފީ ތަރިކައިގެ ގޮތުގައި ގަބޫލުކުރެވޭ ތަންތަން ކައުންސިލާއި ގައުމީ ތަރިކަ ރައްކާކުރާ މަރުކަޒުގެ ދަށަށް އަންނާނެ ކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއްނޫން. އެކަންވާނެ. އެކަންވީމާ އެތާގައި މިހާރުހުރި އިމާރާތްތަކާއި ތަންތަން ބަދަލުވެގެންދާނެ، ބޭނުން ކުރެވޭ ސަގާފީ މަރުކަޒުތަކެއްގެ ގޮތުގައި. ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަށް ބަދަލުވެގެންދިޔުން މުހިންމު ކަމަކީ،" ތާރިގު ވިދާޅުވިއެވެ.

ގަމުގައި ސިނަމާ ތަކާއި އާޓުގެލެރީއާއި މިޔުޒިއަމްތަކައި އާޓު އެންޑް ކުރާފްޓް ސެންޓަރު ތަކާއި މިކަހަލަ ތަންތަން އުފެދިގެންގޮސް މިހަރާކަތް ބޮޑުވެ ފުޅާވެގެންދާނީ މިކަންކަން ރައްކާތެރިކުރުމުގެ ވިސްނުމެއް މީހުންނަށް އައިސްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ދެތިން އަހަރުކުރިއާ އަޅާބަލާއިރު މިކަންކަމަށް މީހުންގެ ހޭލުތެރިކަން ވަރަށްބޮޑު. އެހެންނަމަވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރާ ގާތަށް ވެސް އެ ހޭލުންތެރިކަމެއްނެތް،" ތާރިގު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.