(22 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޣަރީބުއްދީން. އަހަރެން މިއީ ކަލޭގެ ގާތް ރައްޓެއްސެއް. ކަލެއަށް ގެއްލުމެއް، އަނިޔާއެއް ލިބިއްޖެއްޔާ އަހަރެން ވަރަށް ދެރަ ވާނެ."
"ތިޔަ ބުނާ ދެރަ ގޮތް އަހަންނާ މެދު ރެޔާއި ދުވާލު މިހިރަގެން ވަނީނު؟ އަހަރެން ދުވާލަކު އެތައް ތަށްޓެއް ދޮންނަން. ދެން އެ ތަށިތައް މޭޒު މައްޗަށް ނަގަން. އަދި މޭޒު ދޮވެ ތާހިރު ކުރުމުގެ މަސައްކަތަކީވެސް ރެޔަކާއި ދުވާލަކު އެތައް ފަހަރަކު އަހަރެން ކުރާ ކަމެއް. އެކަމަކުވެސް ޕްރޮފެސަރާއި އޭނާގެ އަންހެނުންގެ ބެވުމަކުން ސަލާމަތެއް ނުވޭ. މި ހުރިހައި މަންޒަރެއް ބަލަން ހުންނަ އިރަކު ކަލޭ ދެރައެއް ނުވޭތަ؟ އަހަންނަށް ކައްކަން ދަސްކޮށް ދޭށޭވެސް ބުނެފިން. ކައްކަން އެނގުނީމާ އަހަންނަށް އެހެން ތަނަކަށްވެސް ވަޒީފާއަށް ދެވިދާނެ." އަހަރެން ޝަކުވާ ކުރާން ފަށައިފީމެވެ. އަހަރެން ހުރީ އަމީރުއްދީން ދެކެ ރުޅި އައިސްފައެވެ. އެއީ ރަނގަޅު މަގެއް ދެއްކުމުގެ ބަދަލުގައި އަހަރެންގެ ހިތްވަރު އެލޭ ކަހަލަ ވާހަކަ ދައްކާތީއެވެ. އޭނާޔާ ވާހަކަ ދެއްކުނީތީ މިހާރު ދެރަވެސް ވާން ފަށައިފިއެވެ.
"ޣަރީބުއްދީން. ކަލޭގެ ޝަކުވާ މުޅިއަކުން ނުބައެއްވެސް ނޫން. އެކަމަކު ކެއްކުމަކީ އަހަރެންގެ މަސައްކަތް އެއީ އަހަރެންގެ ރޯދި. އަހަރެންގެ މަގާމުގައި ހުރީ ކަލޭ ނަމަ ކަލޭވެސް ބުނީހީ ހަމަ މިހެން. މަޑުމައިތިރިވެގެން ނިކަން ވިސްނާލަބަލަ. އަމިއްލަ ފަންނު އެހެން މީހަކަށް ދޭނީ ކާކު؟ ކަލޭ އަހަރެން ދެކެ ތިޔަ ރުޅި އަންނަނީ އެއްވެސް ކަމަކާ ނުލާ."
އޭނާގެ ދަލީލުގައި ބަރުދަނެއް އެބަހުއްޓެވެ. އަހަންނަށް ވިސްނިއްޖެވެސް މެއެވެ. އަހަރެން ތެދުވަމުން ބުނެލީމެވެ. "އެންމެ ރަނގަޅު. އަހަންނަށް އެހީތެރިވާން ކޮށް ދެވޭނޭ ކަމެއްނެތިއްޔާ ޕްރޮފެސަރު ގާތު އަހަރެންގެ ވާހަކަ ނުބުނާތި."
"އިށީނދޭ..." އޭނާ އަހަރެންގެ ކޮނޑުގައި އަތް އަޅައި ގޮނޑީގައި ބޭންދިއެވެ. "އަހަރެން މި ވާހަކަ ދެއްކި ކަލޭގެ ހުރި ހިތްވަރެއް ބަލައިލާން ވެގެން. ކަލޭގެ ހުރިހައި މައްސަލައެއް އަހަރެން ހައްލުކޮށް ދޭނަން. ކަލޭގެ ނިޔަތް ރަނގަޅިއްޔާ ޓެހެޓާއަށް ދޭ. އެއީ މިތަނުން ދެ ގަޑި އިރުގެ ރާސްތާ."
"އެއީ ކީއްކުރަން؟" އަހަރެން ކަންބޮޑު ވެއްޖެއެވެ.
"މުޅި ވާހަކަ ނިމެންދެން އަޑު އަހާބަލަ. އެ އަވަށުގައި އަހަރެންގެ ކޮއްކޮއަކު އުޅޭނެ. ކަލޭމެން ދެމީހުން އެތަނަށް ދޭ. ދެތިން ދުވަހަކު ތިބޭ ގޮތަށް ދާން ވާނީ. އެތާނގައި ތިބެގެން ކާވެނި ކޮށްލާ. ކާވެނި ކުރެވުނީމާ އެއްވެސް މީހަކަށް ކަލޭމެނަކާ ނުއެއް ކުޅެވޭނެ."
އޭނާގެ ވާހަކަ އިވުނީމާ އަހަރެން ލޮލުން ކަރުނަ ފާއްދާލިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ، އަމީރުއްދީން. ކުރީގެ ޝަކުވާތައްވެސް ފިލައިފި." އަހަރެން އޭނާގެ އަތްތިލައިގައި ބޮސް ދިނީމެވެ.
"އަހަރެން ކޮއްކޮގެ އެޑްރެސް ދޭނަން. އަދި އޭނާއަށް ދޭން ސިޓީއެއްވެސް ދޭނަން. އެވެސް ހިފައިގެން ދާތި."
އަހަރެން އުފަލުން ގޮސް އޭނާގެ އަތުގައި ހިފި ގޮތަކަށް ދުލެއްވެސް ނުކުރަމެވެ.
* * *
ގެއިން ނުކުމެގެން ދަތުރަށް ފެށުނީމާވެސް އަހަރެމެން ދެމީހުން ފިލައިގެން ދަނީ ކަމަށް ގަބޫލު ކުރާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ. އަހަރެމެންނަށް ކާމިޔާބު ކަމާއެކު ފިލައިގެން ދަތުރަށް ފެށިއްޖެއެވެ. އެކަމަކު އަހަރެންގެ ކަންބޮޑުވުން ފިލައިގެންނެއް ނުދެއެވެ. އަތްފައި ވަނީ ފިނި ވެފައެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ.
"ކަލޭ ފެނުނީމާ ހީވަނީ ބޮޑު ކުށެއް ކޮށްފައި ފިލައިގެންދާ މީހަކުހެން." ޝަބްނަމް ބުނެލިއެވެ.
"އެހެންތަ؟ މިއީ ފުރަތަމަ ފަހަރު ކަމަށް ވާތީ ވެގެން އުޅޭ ގޮތެއް. ދެތިން ފަހަރު ފިލައިގެން ދެވިފައި ހުރި ނަމަ މިހެންނެއް ނުވީސް. ތަޖުރިބާ ލިބުނީމާ ފަރިތަވެސް ވެދާނެ." އަހަރެން ލަދުން ކަހަލަ ގޮތަކަށް ބުނެލީމެވެ.
"ތިޔައީ ކޮން ކަހަލަ ފީކަޅާ ވާހަކައެއް؟ މަޑުމަޑުން ވާހަކަ ދައްކާ. ކައިރީގައި ތިބި މީހުންނަށް އަޑު އިވިދާނެ."
އަހަރެން ވަށައިގެން ބަލައިލީމެވެ. އެއްވެސް މީހަކު އަހަރެމެންގެ މައްޗަކަށް ސަމާލުކަމެއް ނުދެއެވެ.
"އަހަރެމެންގެ ކަންތައް އެނގުނީމާ ކަލޭގެ ބައްޕަ އަމިއްލައަށް މަރު ވެގަންނާނެ." އަހަރެން މިހެން ބުނީ ދައްކާނޭ ވާހަކައެއް ނޭނގިގެންނެވެ. ހާސް ވެގެން ގޮސް ދައްކާނޭ އެއްވެސް ވާހަކައެއް ނޭނގެއެވެ.
"ތިޔައީ ކަލެއަށް ހީވާ ގޮތް. އަހަރެމެން ކަހަލަ ބޮޑެތި މީހުންނެއް އަމިއްލައަަކަށް މަރެއް ނުވާނެ. ބައްޕަ އަހަރެމެން ހޯދާނޭކަން ޔަގީން." އޭނާ މިހެން ބުނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކު އަހަރެންގެ ކުރިމަތީގައި ދުނިޔެ އެނބުރޭން ފަށައިފިއެވެ.
"ކީކޭ؟ ހޯދާނެއޭ؟" އަރުތެރޭގައި އަހަރެންގެ އަޑު ތާށި ވެއްޖެއެވެ.
"މި ކަހަލަ ކަންތައްތަކުގައި އޮންނާނީ ދެ ގޮތެއްނު؟ އެހެންޏާ ހޯދާނެ. އެހެންޏާ އަހަރެމެން ދިޔަ ތަނެއް ބައްޕައަކަށް ނުހޯދޭނެ."
"ރަނގަޅު ގޮތަކީ ތިޔަ ބުނާ ދެވަނަ ގޮތް. އެކަމަކު ފުރަތަމަ ގޮތް ވެއްޖެއްޔާ އަހަންނަށް ވާނީ ކިހިނެއް؟" އަހަރެން ހަމަ ޖެހިލާން މަސައްކަތް ކުރަމުން ސުވާލު ކޮށްލީމެވެ.
"އަހަންނަކަށް ނޭނގޭ. ވާނޭ ގޮތެއް އެނގޭނީ ވީމާ." އޭނާ ފަރުވާ ކުޑަ ގޮތަކަށް ބުންޏެވެ.
"އިރާދަ ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ." އަހަރެން ހިތާހިތުން ދުޢާ ކުރީމެވެ. އަދި މަޑު މަޑުން ކުރުސި ކިޔަވާން ފެށީމެވެ.
* * *
"ކޮން ގޮލައެއް؟" އަމީރުއްދީންގެ ކޮއްކޮގެ ގޭގެ ދޮރުގައި ޓަކި ޖަހައިލީމާ އެތެރެއިން ވަރަށް ބާރު އަޑަކުން އަހައިލިއެވެ.
"އަހަރެން... ޣަރީބުއްދީން." އަހަރެން ޖަވާބުގައި ބުނެލީމެވެ.
"މި ވަގުތަކު ދޭނޭ އެއްވެސް އެއްޗެއް ނެތް." އޭނާ ދޮރެއް ނުހުޅުވިއެވެ.
"އަހަރެން މިއީ ސަލާން ޖަހާ މީހެއް ނޫން. ދޮރު ހުޅުވަބަލަ." އަހަރެންގެ ގާތަށް އައި ރުޅީގައި ދޮރުފަތުގައި ވަރަށް ބާރަށް ކޮޅުފައިން ޖަހައިފީމެވެ.
އިރުކޮޅެއް ކޮށްފައި މީހަކު އައިސް ދޮރު ހުޅުވައިފިއެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ހިކި، އަނަރޫފަ މީހެކެވެ. އޭނާގެ ސިފައަށް ބަލާއިރު އަމީރުއްދީނާ ވައްތަރު ގޮތެއް ހުއްޓެވެ. އެކަމަކު ހަށިގަނޑުގައި އަމީރުއްދީނުގެ ވަރެއް ނެތެވެ. އޭނާ ހުރީ މުންޑެއް އަނދެގެން، ކޮނޑުކެނޑިއެއް ލައިގެންނެވެ.
"އަހަރެންގެ ނަމަކީ ޣަރީބުއްދީން. އަހަރެން މިގެއަށް ފޮނުވީ އަމީރުއްދީން."
"އެހެންތަ؟ އަމީރުއްދީން ފޮނުވި މީހެއް ދޯ؟ އޭނާގެ ހާލު ރަނގަޅުތަ؟" އޭނާ އަހަރެންގެ ގައިގައި ފާޑަކަށް އޮލުލައިގެންފިއެވެ. އަދި ބާރަށް ހަލުވަން ފަށައިފިއެވެ. "ބުނެބަލަ..." އޭނާގެ ޖޯޝަކަށް ބަދަލެއް ނާދެއެވެ. އަހަރެން ޖެހި ލަތްކަކާއެކު އޭނާ ފޮޅުވާލައިފީމެވެ.
"މިއީ ކަލޭގެ އަންހެނުންތަ؟" ބުރުގާ އަޅައިގެން ހުރި ޝަބްނަމާ ދިމާއަށް ބަލައިލާފައި އޭނާ ސުވާލު ކުރިއެވެ.
"ނޫން. އެކަމަކު އަހަރެމެން ވަރަށް އަވަހަށް އިންނާނަން." އަހަރެން ލަދުން އިސް ޖަހައިލީމެވެ.
"އޭނ... ތިޔައީ ކޮންފަދަ ނުފޮރުއްޕާނެއް... ކަލޭ ތިޔަ އައީ އަންހެނަކު ވަގަށް ނަގައިގެންތަ؟ އަހަރެން ހައްޔަރުކުރުވަން އުޅޭނެ ކަމެއް ނެތް. ރައްކާވޭ... މި ތަނުން ފެއްސިގެން ދޭ..."
"މި ސިޓީ ކިޔާލަބަލަ. މީގައި ހުރިހައި ވާހަކައެއް ހުންނާނެ." އަހަރެން އަވަސް އަވަހަށް އަމީރުއްދީންގެ ސިޓީ އޭނާގެ އަތަށް ދީފީމެވެ. އޭނާ ގޭތެރެއަށް ނުވެސް ވަދެ ހުރެގެން އެ ސިޓީ ކިޔާން ފަށައިފިއެވެ.
(ނުނިމޭ)