ކުއްލި ޙަމަލާ - 2

(15 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނާ އެކީގައި ހިނގާ. އެކަނި ދާކަށް ނުކެރޭނެ. ބިރު ގަނޭ." މިއީ އެ ވަގުތު އައި އަމުރެވެ.

"އަޅުގަނޑު އިށީންނާާނީ ކޮންތާކުތޯ؟" އަހަރެންގެ ބުއްދި ފިލައިދިޔަ ކަހަލައެވެ.

"މިތާގައި. އަހަރެންގެ ކައިރީގައި." އޭނާ އެހެން ބުނި ގޮތުން ހީވަނީ އެއީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެއް ހެންނެވެ.

"އެކަމަކު..." އަހަރެންގެ ބަސް ހުއްޓިއްޖެއެވެ.

"އަނގަ ނުތަޅާ އަރައި އިށީނދޭ."

އަހަރެން ރެކިސާއަށް އަރައި ޝަބްނަމާ ޖެހިގެން އިށީނދެއްޖައީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ކަންތައްތައް ހިނގާ ގޮތް ނިކަން ދެކިބަލާށެވެ. އުޑުމަތީގައި ދިއްލިފައި އެ ހުންނަ ހަނދާއި، ބިންމަތީގައި ވަޔާ ބުރައިގެންދާ ހިރަފުސްކޮޅާ މިހާރު މިތިބީ އެއް ހަމައެއްގައެވެ. މުޅި ދަތުރުމަތީގައި އަހަރެން ދިޔައީ ޚިޔާލީ ފޮލާ ކައްކަމުންނެވެ. ދޫންޏެއްހެން ޖައްވުގައި އުދުހެމުންނެވެ. އަހަރެމެން ދެ މީހުންގެ ހަށިގަނޑު ވަނީ ޖެހި ފިތިފައެވެ. ރެކިސާ ވަޅުގަނޑަަށް ޖަހައިލާ ކޮންމެ ފަހަރަކު ޝަބްނަމް އަހަރެންގެ އުނގަށް ވެއްޓޭ ކަހަލައެވެ. އުމުރާއި ޖަޒުބާތަކީ ހައުދަހައިވާ އާދަޔާ ޚިލާފު އެއްޗެކެވެ. ހިތަށްވެސް ނާރާ ކަހަލަ މަންޒިލުތަކަށް އިންސާނާ ގެންގޮސްފަތެވެ. ޕްރޮފެސަރު ޢަލީ ޤުލީ ޚާންގެ އަންހެން ދަރިފުޅު އެ އިނީ އޭނާގެ ނޯކަރާ ޖެހިގެން އިށީނދެ، އުފަލުން ހިނިތުންވޭވެއެވެ. މިއީ ޢާއްމު ޙާލަތުގައި ކަންތައް ހިނގާނޭ ގޮތެއް ނޫނެވެ. އުޑާ ހަމައަށް އުފުލިގެންދާ އެދުމާއި އަތް ނުފޯރާ ވަރަށް ފުޅާވަމުންދާ ޖަޒުބާތަކީ އިންސާނާ ޢަރުޝިން ބިމަށް ތިރިކޮށްލާ ކަމެކެވެ. ޝަބްނަމްގެ އެއްވެސް ކުށެއް ނެތެވެ. ކުށްވެރިއަކީ ޕްރޮފެސަރު ޢަލީ ޤުލީ ޚާނެވެ. މަތީ ފެންވަރުގެ މީހަކު އަންނާނޭ ކަމުގެ އުއްމީދުގައި ނުވަތަ ލިބިދާނޭ ކަމުގެ އުއްމީދުގައި ދަރިފުޅު މީހަކާ ނުދެވައި މިހައި ދުވަސް ކުރުމަކީ އޭނާގެ ކުށެކެވެ. އޭނާ އެ އުއްމީދުކުރާ މަތީ ފެންވަރުގެ މީހާ އަދި ދުނިޔެއަކަށް ނާދެއެވެ. އައި ނަމަވެސް އެ މީހަކު ބޭނުން ވާނޭ އިތުރު އެއްޗެއް އޮންނާނޭ ހެއްޔެވެ؟ އިއްޒަތްތެރިޔަކު ބޭނުން ވާނީ ކޮން އިއްޒަތެއް ހެއްޔެވެ؟ ޝަފީޤް އަޙްމަދަކީ ރަނގަޅު މީހެކެވެ. ރަނގަޅު ޢާއިލާއެއްގެ މީހެކެވެ. އެކަމަކު އޭނާ ކަމު ނުދިޔައީ ދުއްވާނޭ ބޮޑު ކާރެއް ނެތީމަޔޯލައެވެ. ޝަބްނަމާ އިންނާން އެދިގެން މީހަކު ނާންނަތާ މިހާރު ތިން އަހަރު ވެއްޖެއެވެ. މީސްމީހުން ކިޔައި އުޅެނީ މި ޒަމާނަކު ރަނގަޅު ފިރިހެނުން ނޫޅޭ ކަމަށެވެ. އެކަމަކު ހަގީގަތް އޮތީއަކީ އެހެންނެއް ނޫނެވެ. މި ޒަމާނުގައި ނެތީ ކެތްތެރި، މައިތިރި، ވިސްނުންތެރި މައިންބަފައިންނެވެ. ދަރިންނަށްޓަކައި ރަނގަޅު ފިރިން ހޯދާން މަސައްކަތް ކުރާ މީހުންނެވެ. މި ޒަމާނަކީ ކުލަ ހުވަފެނުގެ ޒަމާނެކެވެ. ބޮޑެތި ގަނޑުވަރާއި، މޮޅު ކާރާއި، ނޫޓުބޮނޑީގެ ހުވަފެނުގެ ޒަމާނެވެ. ދަރިން މީހުނާ ނީނދެ ގޭގައި ތިބޭން ޖެހޭ ސަބަބަކީ އެއީއެވެ. މީގެ ނަތީޖާ ފެންނަނީ ވަރަށް ހިތިކޮށެވެ. ދަރިންގެ ފަރާތުން ފެންނާން ފަށަނީ މައިނަބަފައިން ބޭނުންވާ ކަހަލަ ކުލަވަރެއް ނޫނެވެ.

"ޣަރީބުއްދީން. ކަލޭ މިތާނގައި މަޑު ކުރޭ. އަހަރެން އެބަ އަންނަން." ރެކިސާ މަޑު ކުރީމާ ފައިބަމުން ޝަބްނަމް ބުނެލިއެވެ. އެއަށް ފަހު އޭނާގެ އެކުވެރިޔާއާ ބައްދަލު ކުރާން އެ ގެއަށް ވަދެގެން ހިނގައްޖެއެވެ. އަހަރެން އިންތިޒާރުގައި ހުރީއެވެ.

ހައެއްކަ މިނިޓުވެސް ނުވަނީސް ޝަބްނަމް އެނބުރި އަތުވެއްޖެއެވެ.

"ހިނގާ." ރެކިސާގައި އިށިންނަމުން އޭނާ ބުނެލިއެވެ.

އޭނާ އެހައި އަވަހަށް އައީމާ އަހަރެން ޙައިރާން ވިއެވެ. "ކުރައްވަން އުޅުއްވި ކަންތައް ކުރެއްވުނީތޯ؟"

"އާނ." އޭނާ ހިނިތުންވެލިއެވެ.

އެކަމަަކު އެ ވާހަކަ އަހަންނަކަށް ގަބޫލު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ އައީ އެއްވެސް ކަމަކު ނޫންކަން ކަށަވަރެވެ. އޭނާ އަހަންނާ އެކީ ރެކިސާ ދުއްވައިލަން ބޭނުންވީކަން ގައިމެވެ. ހައެއްކަ މިނިޓުން ރަނގަޅަށް ސަލާންގަލާންވެސް ކޮށެއް ނުލެވޭނެއެވެ. އަހަރެންގެ ހިތުގައި ޝަބްނަމްގެ ލޯބި ފުރި އުތުރި އަރައިގެންފިއެވެ. ހިތުގައި ހުރިއްޔާ ހުރިހައި ވާހަކައެއް އޭނާގެ ކުރިމައްޗަށް ބަންޑުން ކޮށްލައިފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އަަހަރެންގެ ހިތުގައި ލޭގެ ބަދަލުގައި ހުރީ އޭނާގެ ލޯތްބެވެ. އެކަމަކު އަހަރެންގެ ދުރު ވިސްނުމާއި ޠަބީޢީ ފިނޑި މިޒާޖުގެ ސަބަބުން އެ ވާހަކަ ބުނާކަށް ނުކެރުނެވެ.

* * *

މެންދަމުން އަަލިވެ ތިނެއް ޖަހައިފިއެވެ. ކަތިލައިފައި އެއްލައިލީ ކުކުޅެއްހެން އަހަރެން ތަންމަތީގައި ނުނިދިގެން އޮވެ ފުރޮޅެނީއެވެ. ސިކުނޑި ގަބު ވެއްޖެއެވެ. އަތްފައި ފިނި ވެއްޖެއެވެ. ރޯ މަހެއްހެން ހިތް ތެޅެނީއެވެ. ކުރިއަށް އަޅަންވީ ކޮން ފިޔަވަޅެއް ކަމެއް ނޭނގެއެވެ. ވިސްނަވިސްނައި ބޯ ހަލާކު ވެއްޖެއެވެ. މިއީ އެންމެ ރެއެއްގެ ހާލަތެއް ނޫނެވެ. ކޮންމެ ރެއަކުމެ އިރު އަރަނީ މި ހާލުގައި އޮތްވައެވެ. ޝަބްނަމްގެ ކަންތައް ހުންނަ ގޮތުން އެއްވެސް ކަމެއް ސާފެއް ނުވެއެވެ. އަހަރެންގެ ހިތަށް އަރައެވެ. އޭނާ އަހަންނާ ދިމާއަށް ހަޅޭއް ލަވާނެ ނަމައެވެ. ބަވާނެ ނަމައެވެ. ބުނާ ކަމެއް ނުވެގެން އަޑުލާނެ ނަމައެވެ. އެކަމަކު މިއިން އެއްވެސް އޭނައެއް ނުކުރެއެވެ.

އަހަރެން ގަސްތުގައި ޝަބްނަމްގެ ކަންތައްތަކަށް ފަރުވާ ކުޑަ ކުރާން ފަށައިފީމެވެ. އޭނާގެ ފައިވާންތައް ނުފޮހެ ބަހައްޓާން ފަށައިފީމެވެ. އެއް ދުވަހަކު އޭނާގެ އެނދަށް ސައިތަށްޓެއް ބަންޑުން ޖަހައިވެސްފީމެވެ. މިއިން އެއްވެސް ކަމަުން ނުކުތް ނަތީޖާއެއް ނެތެވެ. އޭނާ އަކީ ވަފާތެރިކަމުގެ ނަމޫނާއެކެވެ. ކުޑަވެސް ނުރުހުންތެރިކަމެއް ނުދައްކައެވެ. ލޯތްބާއެކު އަހަންނާ ދިމާއަށް ބަލައިލުން ފިޔަވައި އެހެން ކަމެއް ނުކުރެއެވެ.

އޭނާގެ މި އާދަތަކުގެ ސަބަބުން އެއް ކަމެއް ޔަގީން ވެގެން ހިނގައްޖެއެވެ. އެއީ އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ސާފު ލޯތްބެވެ. މިހާރު މި އޮތީ އިންނާން ވީ ދުވަސް ޖެހިފައެވެ. އެކަމަކުވެސް އެ ވާހަކަ ދައްކާކަށް ނުކެރެއެވެ.

މިހާރު އަހަރެންގެ ހިތަށް އަރާ އެއްޗެއް ފިސާރި ރަނގަޅަށް ބުނަން ހެއްޔެވެ؟ އަހަންނަށް ހީވަނީ މަޑުމަޑު އަޑަކާއެކު އަހަރެން ހިތް ހަމަ މިހާރު ފަޅައިގެން ހިނގައިދާނޭ ހެންނެވެ. އަހަރެންގެ މަރު ވެދާނޭ ހެންނެވެ. އަހަރެން ބިރު ގަންނަނީ ދެ އެއްޗެއް ދެކެއެވެ. އެއީ ލޯތްބާއި ހުރަގެއެވެ. ބިރު ގަންނަ ސަބަބަކީ ލޯތްބަކީވެސް އަދި ހުރަގެއަކީވެސް މާ ރަނގަޅަކަށް ފެނިފައިވާ އެއްޗަކަށް ނުވުމެވެ. އަހަރެން ބޭނުން ވަނީ އަހަރެންގެ ހިތް ނަގައިފައި ޝަބްނަމްގެ ފައިދޮށުގައި ބާއްވާށެވެ. އޭނާ ބޭނުމިއްޔާ އެ ހިތް ނަގައިގެން އޭނާގެ މޭގައި ޖައްސައި ބާރު ކޮށްފާނެއެވެ. އެހެން ނޫނީ އެއިން ފުޓުބޯޅަ ކުޅެފާނެއެވެ.

މިއީ ފަސޭހައިން ހައްލު ކުރެވިދާނޭ މައްސަލައެއް ނޫންކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން ހީކުރި ގޮތާ ޚިލާފަށް ކަންތައްތައް އެނބުރޭން ފަށައިފިއެވެ.

އަހަރެން އެކި ގޮތްގޮތަށް އެކި ކަހަލަ ވާހަކަ ދައްކާން ފެށިމާ ޝަބްނަމް ލަދުން އިސް ޖަހައިލިއެވެ. އުޑާއި ބިމާ ހަމަހަމަ ނުވާނެއޭ މީހުން ކިޔައި އުޅެއެވެ. އެކަމަކު މަޖުބޫރުވީމާ އުޑުވެސް ބިމާ ހަމައަށް ތިރިވާނޭކަމަށް އެ ދުވަހު އަހަރެން ގަބޫލު ކޮށްފީމެވެ.

ހަދާނޭ ގޮތް އޮޅުން ފިލުވާން އަހަރެން ފިލްމު ބަލާން ފަށައިފީމެވެ. ލޯބި ހުށަހަޅާނީ ކިހިނެއް ކަމާއި، ހުށަހެޅީމާ ވާނީ ކިހިނެއްކަން އެނގޭތޯއެވެ. އެކަމަކު ފިލްމަކުން އެކައްޗެއްވެސް ނޭނގުނެވެ. ފިލްމުގައި އެ ކުރާ ކަންތައް އެއީ އާދަމުގެ ދަރީން ކުރާ ކަހަލަ ކަންތައްތަކެއް ނޫނެވެ. ނޫނީ ކުރެވޭނޭ ކަހަލަ ކަންތައްތަކެއް ނޫނެވެ. ފިލްމުގައި އެ ހަދާހެން ޕްރޮފެސަރު ޢަލީ ޤުލީ ޚާނާ ދެކޮޅަށް ތެދުވުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ފިލްމުގައި ބަޠަލުގެ ހިތްވަރު ފެނިފައި ނުބައިބައި ކުޅޭ މީހާ ބިރު ގަނެއެއް ނޫން ހެއްޔެވެ. އަހަރެންގެ ހާލަތަށް ބަލާ ނަމަ ޕްރޮފެސަރު އަހަރެން ލުނބޮއެއް ފެލާހެން ފެލައިލާނޭކަން ޔަގީނެވެ.

"ޝަބްނަމްގެ ބައްޕައަށް ނަންގަންނާން ޖެހޭ ވާހަކައެއް އެބައޮތް." އެންމެ ފަހުން އަހަރެން ހިތްވަރު ކޮށްފައި ޝަބްނަމް ގާތު ބުނެފީމެވެ. އޭނާ ކުއްލިއަކަށް އަހަންނާ ދިމާއަށް ބަލައިލީ ގޮތުން ހީވީ އަހަރެންގެ ބޮލުން ދެ ދަޅު ފަޅައިފައި ހުއްޓާ ފެނުނީ ހެންނެވެ.

"އަޑު އިވިލައްވައިފިތޯ؟" އޭނާގެ ރައްދު ޢަމަލު ހުރި ގޮތުން އަހަރެން ރުޅި އަތުވެއްޖެއެވެ.

"އިވިއްޖެ. އަހަރެންގެ ހިތަށް އަރަނީ ދޮޅު އިންޗީގެ ދުލަކުން ދޮޅު މޭލުގެ ވާހަކައެއް ދެއްކީ ކިހިނެއް ބާވައޭ."

"ކީކޭތޯ؟" އަހަރެންގެ ރުޅި ގަދަވިއެވެ.

"މި ބުނީ ކަލޭ ތިޔަހަރީއަކީ ހަމަހެޔަކު ނޫނޭ."

"އެހެންތޯ؟ މި ހިނގި ހުރިހައި ކަމެއް ހިނގީ ދެ މީހުން ހޭބަލި ވެފައި ތިބެގެންތޯ؟" އަހަރެން މަލާމާތުގެ ރާގަކަށް މިހެން ބުނީމާ އޭނާ އިސް ޖަހައިލިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.