ކުއްލި ޙަމަލާ - 1

މިއީ ވަރަށް މަދުން ވާ ކަމެކެވެ. އާދައިގެ ނިކަމެތީންގެ ހައިރާން ކުރުވާން ނުވަތަަ ހާސްކަން ބޮޑު ކުރުވާން ހިނގާ ކަމެކޭވެސް ބައެއް ފަަރަށް ހިތަށް އަރައެވެ. އަހަންނަށް ޕްރޮފެސަރު ޢަލީ ޤުލީ ޚަންގެ ގެއިން ވޭޓަރެއްގެ ވަޒީފާ ލިބިއްޖެއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ދަނބިދަރިއަކަށް ވެދާނެއޭވެސް އަހަންނަށް ހީވާން ފަށައިފިއެވެ.

އަހަންނަކީ ހަށިގަނޑު ނިކަމެތި ބަލިކަށި މީހަކީމެވެ. ލޮލުގެ ފެނުން ރަނގަޅު ބުއްދިވެރި މީހަކު އަހަންނާ ކައިރިވާކަށް ނުވެސް ވިސްނާނެއެވެ. ހަށިގަނޑުގައި ދޮޅުގަނޑު ކަށި ހަމަ ވަނީ ކިރިޔާއެވެ.

ރޭގަނޑު ނިދަން އޮށޯވެ ލޯ މަރައިލުމާއެކު ކުރިމަތީގައި ޝަބްނަމްގެ ސޫރަ ހަރަކާތް ކުރަން ފަށައެވެ. މި ދައްކަނީއަކީ ފިލްމު ކުޅޭ ޝަބްނަމްގެ ވާހަކައެއް ނޫނެވެ. ޕްރޮފެސަރު ޢަލީ ޤުލީ ޚާންގެ އިން ހަމައެކަނި ދަރިފުޅު ޝަބްނަމްގެ ވާހަކައެވެ. އޭނާ ވަރަށް ގިނައިން އަހަރެންގެ ޚިދުމަތް ލިބިގަނެއެވެ. ޚިދުމަތުގެ އިތުރަށް އަހަރެން އޭނަޔާ ހިތާވުމަކީވެސް އޭނާގެ އެދުމެކެވެ. އެކަމަކު ސީދާ އެހެންނެއް ނުބުނެއެވެ. ބުއްދިވެރިއަކަށް ކުޑަކުޑަ އެންމެ އިޝާރާތަކުން ފުދޭނެއެވެ. އޭނާ އަހަރެންގެ ހިތަށް އަމާޒުކޮށް ފޮނުވައިލަނީ އެކަހަލަ އެންމެ އިޝާރާތެއް ދެ އިޝާރާތެއް ނޫނެވެ. ދުވާލަކު އެތައް އިޝާރާތެކެވެ. މިއިން އެއްވެސް ވާހަކައެއް އަހަރެން އެކަކު ގާތަކުވެސް ނުބުނަމެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި މަސައްކަތުގެ ބައިވެރިޔާ އަމީރުއްދީނަކަށްވެސް ނާންގަމެވެ. އަމީރުއްދީނަކީ އެގޭގައި ކައްކަން އުޅޭ މީހާއެވެ. ބޮޑު ކައްކާއެވެ. އޭނާއަކީ އެ ގޭގައި އަހަންނަށްވުރެ އިސް މީހެކެވެ. އަދި ބާރާއި ނުފޫޒުވެސް އަހަންނަށްވުރެ ގަދައެވެ. އޭނާ އެ ގެއަށް މަސައްކަތު އަންނަނީ ފަތިހުއެވެ. އެނބުރި ގެއަށް ދަނީ އިރާދަމުއެވެ. އަހަރެން އުޅެނީ އެ ގޭގައެވެ. ނިދަނީ ގޭގެ ފުރަގަަހުގައި ނޯކަރުންނަށް ހަދައިފައި ހުންނަ ކޮޓަރިއެއްގައެވެ. އެގޭގައި އުޅުމަކީ އަހަންނަށް މަޖުބޫރު ވެފައިވާ ކަމެކެވެ. ފުރަތަމަ ސަބަބަކީ އަހަރެންގެ ގެއެއް ދޮރެއް ނެތުމެވެ. ދެވަނަ ސަބަބަކީ ކުރާނޭ މަސައްކަތް ހުސްނުވާ ވަރަށް ހުރުމެވެ. ކައްކަނީ ދުވަހަކު ތިން ފަހަރުއެވެ. އެހެންވީމާ ކައްކައި ނިމުނީމާ އަމީރުއްދީނުގެ މަސައްކަތް ނިމުނީއެވެ. އިރުއިރުކޮޅާ ކާން ޖެހޭތީ އަހަރެންގެ މަސައްކަތް ނިމޭ ވަގުތެއް ނޯވެއެވެ.

އަމީރުއްދީން ބައެއް ފަހަރަށް ހަމްދަރުދީވެގެން އަހަންނާ ދިމާއަށް ބުނެއެވެ.

"އެކުވެރި ޣަަރީބުއްދީން. ކަލެއަކީ ވަރަށް ނަސީބު ދެރަ މީހެއް. ދުވާލަކީ ކަލޭގެ ހައްގެއް ނޫން. ރޭގަނޑަކީވެސް ކަލެއަށް ލިބޭ އެއްޗެއް ނޫން. ދުވާލަކު އަރާމެއް ނުކުރެވޭ. ރޭގަނޑަކު އަރާމު ނިންޖެއް ނުލިބޭ. ކަލޭ ކުރާނޭ ކަމެއް ނޯންނަ އެންމެ ސިކުންތެއްވެސް ނެތް."

އަހަރެން ދެރަވެފައި ބުނަމެވެ. "އެކުވެރި އަމީރުއްދީން. އަހަންނާމެދު ތިޔަހައި ބޮޑަށް ވިސްނާ ކަމުގައި ވަނީ ނަމަ އަހަރެންގެ މަސައްކަތް ފަސޭހަކޮށް ދޭންވީނު؟ އަހަންނަށްވެސް ކައްކަން ދަސްކޮށްދީ. އޭރުން ކަލޭ ތިޔަ އުޅޭހެން އުޅެވޭ ގޮތް ވެދާނެ."

މިހެން ބުނުމާއެކު އަމީރުއްދީން ރުޅި އައިސް ކެކިގަނެއެވެ. "ކަލޭގެ ދުލީގެ ތެރޭގައި ހުންނަން ދަސްކުރޭ ޣަރީބުއްދީން. ކަލެއަށް ކައްކަން ދަސްކޮށް ދިނުމަކީ އަހަރެން މި ވަޒީފާ ދޫކޮށްލުން ކަހަލަ ކަމެއް. ކަލެއާ ރީތިކޮށް ވާހަކައެއް ދައްކައިލުމާއެކު ތިޔަ ސަވާރު ވަނީ އަހަރެންގެ ކޮނޑަށް. ހަމަބިމަށް ތިރިވެ، ރަނގަޅަށް ތިޔަ ތަށިތައް ދޮވޭ. ކާން ހަދާ ގަޑި އެހެރަގެން ޖެހެނީ."

އަހަރެން ހިމޭންކަމާއެކު ތަށިތައް ދޮންނާން ފަށައިފީމެވެ. އަމީރުއްދީންގެ ޚަސީލަތުގެ ސަބަބުން އަހަރެންގެ ގާތަކަށް ރުޅިއެއް ނާދެއެވެ. ހިތަކު ނުރހުމެއްވެސް ނުއުފެދެއެވެ. އަހަންނަކީ ހަގީގަތް ގަބޫލު ކުރާން އާދަވެފައިވާ މީހަކީމެވެ. އެހެން މީހެއްގެ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ބަތްސުވާ ގުރުބާން ނުކުރާނޭކަން އަހަރެން ރަނގަޅަށް ދަންނަމެވެ. ޚުދު އަހަންނަކީވެސް އެކަހަލަ އާދައިގެ އިންސާނަކީމެވެ. އެހެންވީމާާ އަމީރުއްދީނުގެ ވާހަކަތަކުގެ ސަބަބުން ކުރާންވީ ކޮން ޝަކުވާއެއް ހެއްޔެވެ؟ އެކަމަކު ބައެއް ފަހަރަށް އަހަރެންގެ ހިތުގައި ހަސަދައިގެ ރާޅު ނަގައެވެ. ޚާއްސަކޮށް އޭނާ ތެލިތެލީގައި ދޭފަތާއި ސަމުސާ ހަރަކާތް ކުރަމުން އަހަންނަށް އެކި ކަހަލަ އަމުރު ކުރާ ވަގުތު ހިތުގައި ބާވަތެއްގެ ގިންޏެއް އަނދާން ފަށައެވެ.

"ޣަރީބުއްދީން. ކާމޭޒު ސާފު ކޮށްފިންތަ؟" މި ސުވާލުގެ ޖަވާބުގައި އަހަރެން ނޫނެކޭ ބުނެފިއްޔާ މޭޒު ސާފުކުރަން ވަރަށް ހަރުކަށިކަމާއެކު އަމުރު ކުރެއެވެ. އާނއެކޭ ބުނެފިއްޔާ ތަށި އަތުރާން އަމުރު ކުރާނެއެވެ. އޭނާގެ މި ހަރުކަށިކަމުގެ ސަބަބުން ބައެއް ފަހަރަށް ރުޅި އާދެއެވެ. އަހަރެންގެ ފަރާތުން ފެންނަ ކުޑަކުޑަ އުނިކަމަކާ ގުޅިގެން ހަރުކަށި ވާން ޖެހޭ ވަރަށް ވުރެ ބޮޑަށް ހަރުކަށި ވީމާ އަހަރެންގެ ހިތުގައި ހަސަދަވެރިކަން އުފެދެއެވެ.

އެކަމަކު މިހާރު އަހަންނަށް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ އަހަންނާއި ޝަބްނަމްގެ ލޯބީގެ ވާހަކަ އަމީރުއްދީނަށް އެނގިއްޖެއްޔާ އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް ހަސަދަވެރިކަން އުފެދޭނޭ ކަމެވެ. މިހެން ހިތަށް އެރީމާ ބާވަތެއްގެ އުފާވެރިކަމެއް ހިތަށް ވެރިވެއެވެ. އަމީރުއްދީން ހަސަދަވެރިވާ ކަހަަލަ ކަމެއް އަހަރެންގެ ކިބައިގައިވެސް ހުރިކަން އެނގޭތީއެވެ.

އަހަރެން ހުންނަނީ އަހަރެމެން ދެ މީހުން ލޯބި އަމީރުއްދީނަށް ފޮރުވައިގެންނެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ހުރިހައި ކަމެއް އަދި މުޅީން ހަމައެއް ނުޖެހެއެވެ. އަހަރެން އަދި ލޯބި ފައުޅެއް ނުކުރަމެވެ. އަދި ޝަބްނަމްވެސް ލޯބިވާ ކަމަކަށް އެއްބަހެއް ނުވެއެވެ. ހުރިހައި ކަމެއް ކުރިއަށް ދަނީ ލޮލުން ލޮލަށެވެ. ނަޒަރުގެ ލޯބީގެ ގޮތުގައެވެ. މި ވާހަކަ އަހަރެން އަމީރުއްދީން ގާތު ބުނެފިއްޔާ އަހަރެން މޮޔައިން ބަލަހައްޓާ ތަނަކަށް ފޮނުވައިލާފައި ބިނދިބިނދިފައި ހޭނީކަން އަހަންނަށް އެނގެއެވެ.

އަހަރެމެެން އާދައިގެ މީހުންނަށް ދިމާވާ އެންމެ އުނދަގޫ މައްސަލައަކީ މިއީއެވެ. މޮޅު ކަމެއް ކުރިޔަސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ގިނަ ފަހަރަށް ކުރާނީ މަލާމާތެވެ. އެހެންވީމާ އަހަރެން ގަސްތު ކުރީ ހިމޭނުން ހުންނާށެވެ. އެކަމަކު އެންމެ ފަހުން އަހަރެން ވާހަކަ ފައުޅުވީ އަހަރެންގެ ހިމޭންކަމުގެ ސަބަބުންނެވެ.

"ޝަބްނަމަށް ކިރު ތަށި ދީފައި ކަލެއަށް އާދެވުނީ އަދި ކިރިޔާތަ؟" އަމީރުއްދީން އަހަންނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.

"އާނ." އަހަރެން އިސް ޖަހައިލީމެވެ.

"އެއީ ކީއްވެގެން؟ އެ ތާނގައި ކީއްކުރީ؟" އޭނާ ތަހުގީގީ ރާގަކަށް ސުވާލު ކުރިއެވެ.

"އެއްވެސް ކަމެއް ނުކުރަން." ބިރުން ގޮސް ދައްކާނޭ ބަހަނާއަކާމެދު އަހަރެން ވިސްނައިލީމެވެ. "ޝަބްނަމްގެ ބޫޓު ޕޮލިސްކޮށް ދިނީ."

"މިއީ ބޫޓު ޕޮލިސްކުރާ ކަހަލަ ގަޑިއެއްތަ؟"

"އަހަންނަކަށް ވަގުތެއް ވަގުތެއް ނޯންނާނެ. އަމުރު ކުރެވުމާއެކު ތަބާ ވުމަކީ އަހަރެންގެ އުސޫލު." އަހަރެން ބުނެލީމެވެ. ނަސީބު ރަނގަޅު ކަމުން އަމީރުއްދީނަށް އަހަރެން ދެއްކި ވާހަކަ ގަބޫލު ކުރެވިއްޖެއެވެ.

"އެންމެ ރަނގަޅު. މި ބޮނޑިކޮޕީކޮޅު ފިލުވައިލާފައި ރަނގަޅަށް ދޮވެލާ." އޭނާގެ އަޑަށް މަޑުމައިތިރިކަން އަތުވެއްޖެއެވެ.

"ގެނޭ." އަހަރެން ﷲ އަށް ޝުކުރު ކުރީމެވެ.

* * *

އަހަންނާއި ޝަބްނަމްގެ ނަޒަރު ގުޅިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަކު ލޯބި ފައުޅު ކުރާކަށް ދެމީހުން ކުރެ މީހަކަށް ނުކެރެއެވެ. އޭނާގެ ބަލައިލުންތަކާއި އިޝާރާތްތައް އަހަންނަށް ވިސްނެއެވެ. އެކަމަކު އަހަރެންގެ ވިސްނުމުގެ މައްޗަކަށް ޚުދު އަހަރެންވެސް އިތުބާރެއް ނުކުރަމެވެ. އަހަރެންގެ ވިސްނުން ނުބައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ހީކުރާ ކަހަލަ ކަމެއް ނެތުމަކީވެސް ދުރުކަމެއް ނޫނެވެ. ބައެއް ފަހަރަށް އަހަރެން ކަންބޮޑު ވެގެން ގޮސް އަމިއްލައަށް ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައި ހަދަމެވެ. މައްސަލައަށް ހައްލެއް ހޯދޭނޭ އޮތީ އެންމެ ގޮތެކެވެ. އެއީ އަހަރެންގެ ލޯބި ފައުޅު ކުރުމެވެ. ހިތުގައި ހިނގާ ޝުޢޫރުތައް ޝަބްނަމްގެ ކުރިމައްޗަށް ބަންޑުން ކޮށްލުމެވެ. އެކަމަކު އެއީވެސް ރައްކައުތެރިކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗަކާއި ޝަބްނަމް ވިސްނާ ގޮތާ ދިމާ ނުވެއްޖެ ނަމަ އަހަރެން އުލު ބައިންދާނެކަން ކަށަވަރެވެ. ވަޒީފާއިންވެސް ވަކި ކުރާނެއެވެ. އަދި ފަހަރެއްގައި ޖަލުގެ ގޮޅިއަކަށް ވަންނާންވެސް ޖެހިދާނެއެވެ. ބޮޑެތި މީހުންގެ ގޮތެއް ހަމަ އެއް ގޮތަކަށްވެސް ނޭނގޭނެއެވެ. އެމީހުންގެ ލޮލުން ފެންނަ ކުލަވަރާއި ހިތުގެ ހާލަތަކާ ދިމައެއް ނުވާނެއެވެ. އެއްވެސް ކަމަކާ ނުލައި ކަތިލެވޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ވަޒީފާ ގެއްލޭކަށްވެސް ބޭނުމެއް ނޫނެވެ. ޖަލަށް ވަނުމަކީ އަމުދުން އަބުރުވެރި އެކަކުވެސް ބޭނުން ވާނޭ ކަމެއް ނޫނެވެ. އެހެންވީމާ ހިމޭނުން ހުރީއެވެ.

"ޣަރީބުއްދީން. އަހަރެން ރައްޓެއްސެއްގެ ގެއަށް ދާން ޖެހިއްޖެ." ޝަބްނަމް އެއް ދުވަހަކު ކުއްލިއަކަށް ބުނެފިއެވެ.

"ކާރެއް ނެތް. ވެރިމީހާ ކާރުގައި ބޭރަށް ވަޑައިގެންފި."

"ކަލޭ ގާތު މި ބުނަނީ އެހެން ވެގެން. އަވަހަށް ރެކިސާއެއް ގެނުވާ."

ރެކިސާ ގެނައީމާ އަހަންނާ ކުރިމަތިވީ މުޅިން އެހެން އިމްތިޙާނެކެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.