ލުތުފީ ރާއްޖެ ގެނައުމަށް ޢުޒުރު ދައްކާނަމަ ކޯޓަށް ހުށަހަޅައިގެން އަމުރެއް ނެރޭނަން: ޢުމަރު

ޢުމަރު ނަސީރު (މ) ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްއާއެކު

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން އުޒުރު ދައްކާ ކަމަށްވާނަމަ އެމައްސަލަ ކޯޓަށް ޙުށަހަޅައިގެން ފުލުހުންގެ މައްޗަށް ތަންފީޒީ އަމުރެއް ނެރޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އެމީހެއްގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވާ މީހަކު ބަންދު ކުރުމަށްފަހު ނުވަތަ އެމީހަކު އަމިއްލައަށް ޙަވާލުވުމަށްފަހު އެމީހެއްގެ ޤައުމަށް ނުވަތަ ރެޑު ނޯޓިސް ނެރެން އެދުނު ފަރާތަކާ ޙަވާލު ކުރުމަށް އެއްވެސް ޤައުމަކުން ހުރަސް ނާޅާނެ ކަމަށެވެ.

"ހަމަ ތިބެފައެއް އެއްވެސް މީހެއްގެ މައްޗަށް ރެޑު ނޯޓިސްއެއް ނުނެރޭނެ. ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު ޤައުމުތަކުން ޤަބޫލުކުރާ ސަބަބުތަކެއް ހުރެގެން ރެޑު ނޯޓިސްއެއް ނެރޭނީ. އެހެންވީމާ ލުތުފީ މާލެ ގެނައުމުގައި އެއްވެސް އުޒުރެއް އޮވެގެން ނުވާނެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ލުތުފީ ރާއްޖެ ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނިކޮށްނެއެވެ. "ގޮންޖެހުންތަކެއް ހުރިނަމަ ހުރީ ބަފާކަލޭގެ (ކާކުގެ ވާހަކައެއް ކަމެއް ނޭނގޭ) ފަރާތުން އަންނަ ގޮންޖެހުންތަކެއް. ރެޑު ނޯޓިސް އޮތުމަކީ އެއްވެސް ހުރަހެއް އިތުރު ތަޙުޤީޤެއްނެތި ކުށްވެރިޔާ ދިވެހިރާއްޖެއަށް ފޮނުވައިދޭނެ ކަމެއް،" ޢުމަރު ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެއްވެސް ޢުޒުރެއް ނުދައްކައި ލުތުފީ ރާއްޖެ ގެނައުމަށް ޢުމަރުވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. "ނޫންނަމަ ތިޔަ މައްސަލަ ކޯޓަށް ހުށަހަޅައިގެން ތަންފީޒީ އަމުރެއް ފުލުހުންގެ މައްޗަށް ނެރޭނަން،" ޢުމަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ ހާޒިރު ވެފައިވަނީ މެއިމަހު އެއްވަނަ ދުވަހު ކަމަށެވެ. އޭނާ ހާޒުރުވެފައިވަނީ އަމިއްލަ އިޚްތިޔާރުގައެވެ. އޭނާ އެމްބަސީއަށް އައިސް ދިވެހިސަރުކާރާ ޙަވާލުވާން އެދުމުން އޭނާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތް ލަންކާއާއި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލުތުފީ ހޯދަން އިންޓަރޕޯލްއިން ރެޑު ނޯޓިސް ނެރެފައިވުމުން ބައިނަލްއަޤުވާމީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ތަކެއްވެސް ހުރި ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެފައިވެއެވެ. "ސްރީލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ޞައްޙަ ވިސާއަކާ ނުލައި ފިލައިގެން ކަމުން އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެ ޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތް ކޮށްފައި ވުމުން ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތަކެއް ވެސް ހުއްޓެވެ." ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާތީ ކުށްވެރިން ބަދަލު ކުރުމުގައި ރާއްޖެއާއި ލަންކާއާ ދެމެދުއޮތް އެއްބަސްވުމުގެ ޞައްޙަކަމާމެދުވެސް ސުވާލު އުފެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިފަދަ އެތައް ގޮންޖެހުންތަކެއް ހުއްޓަސް ބައިނަލްއަޤުވާމީ މަރުޙަލާގައި ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ވީހާ ވެސް އަވަހަކަށް ލުތުފީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.