މިދިޔަ ސަރުކާރުން ހިންގައިފައިވާ ޖަރީމާތައް ބެލުން އަވަސް ކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚީލާފަށް ހިނގާ ދިޔަ ޖަރީމާތައް ބެލުން ލަސްވަމުންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅި ބަހުސް ފަށްޓަވައިފިއެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަހީދެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްކުރެއްވީ 64 މެމްބަރުންގެ ޢިއްތިފާގުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަހީދު ވިދާޅުވީ ޖިނާޢީ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ އެތައް ބައެއްގެ ޝަރީޢަތުގެ މަރުޙަލާ ލަސްވަމުންދާތީ ރައްޔިތުން ކަންބޮޑުވާކަމަށެވެ. ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ވައްކަމާއި މަނީ ލޯންޑްރިންނާއި ޚިޔާނާތުގެ މައްސަލަތަކާއި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފު އެތައްކަމެއްގެ އިތުރުން، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިސާރުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯރޓްގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. ދެ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް އެތައް ސަތޭކަ ބައެއް ހައްޔަރުކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައި ހިނގާދިޔަ އެތައްކަމަކަމަށް ޖަވާބު ލިބުމަކީ ރައްޔިތުންގެ ޙައްޤެއް ކަމަށްވާއިރު އެކަންކަން ނުބެލި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަން ފާހަގަ ކޮށްފައިވެއެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަންކަމަށް  މައްސަލަ ހުށަހަޅުއްވަމުން މެމްބަރ ވަހީދު ވިދާޅުވިއެވެ.

މައްސަލައިގެ ބަހުސް ފެށްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަހީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ރައްޔިތުން ވޯޓް ދީފައި ވަނީ މިދިޔަ ސަރުކާރުން ޤާނޫނާ ހިލާފަށް ހިންގައިފައިވާ ބޮޑެތި އެތައް ޖަރީމާތަކެއް ބަލާ ތަހްޤިޤްކޮށް އެކަންކަމަށް ފިޔަވަޅު އަޅާނެ ކަމުގެ ވަޢުދުވެފައިވާތީ ކަމުގައެވެ.  އެހެންކަމުން އެމައްސަލަ އަވަސްކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.  

މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފު ވިދާޅުވީ އެކަކު އަނެކަކަށް އިނގިލި ދިއްކޮށްގެން ކަންކަމަށް ޙައްލެއް ނާންނާނެކަން މަޖިލީހުގެ މެންބަރުންނާއި އެހެން މުއައްސަސާތަކުންވެސް ޤަބޫލުކުރަން ޖެހޭކަމުގައެވެ. ކަންކަން ޙައްލުކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުންކަން ޝަރީފު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ދިމާވެގެން އުޅޭ ގިނަ މައްސަލަތައް ފެއިލްވެފައި ވަނީ މަޖިލީހުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތު އަދާ ކުރެވިފައި ނެތުމުން ކަމަށް ވިދާޅުވިއެވެ. ފަނޑިޔާރުގެއާއި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ ފަހުގެ ކަންކަން ކުރުމުގެ އިޚްތިޔާރު އޮތީ ވެސް މަޖިލީހަށްކަން ހަނދާން ކުރަންޖެހޭކަން ޝަރީފު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެންމެ ބޮޑު އަނިޔާއެއް ލިބިފައިވާ މީހަކީ އޭނާކަމުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާ ތަކުގެ ތެރޭގައި ދަތުރު ކުރަން ބޯޓްގައި އިންދާ ޕާސްޕޯރޓް ކެންސަލް ކޮށްލުމާއި މުދާ ފޭރިގަތުން ހިމެނޭކަމަށް ވިދާޅުވިއެވެ. ސަރުކާރުގައި މި މައްސަލަ ބަލައި ދިނުމަށް އެދިފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ. އެ މައްސަލަތައް ބެލުމުގެ ބާރު ސަރުކާރަށް ދީފައިވާކަން ފާހަގަ ކޮށް މަޖިލީހަކީ މައްސަލަތައް ބަލާތަނެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ޖުޑިޝަރީ އަކީ މައްސަލަ ހުށަހެޅުނީމާ ބަލާތަނެއްކަމަށް ފާހަގަކުރެއްވިއެވެ. ރައީސްކަމުގައި ޔާމީން ހުންނެވިއިރު ނުކުރެވި އޮތީ ހަމަ އެކަނި ނޭވާލުން ހުއްޓުވާލުންކަމަށް ޖާބިރު ސިފަކުރެއްވިއެވެ. ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޔާދަ ކުރެއްވުމަށާއި ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރެއްވުމަށް ޖާބިރު ގޮވާލެއްވިއެވެ.

މާވަށު ދާއިރާގެ މެމްބަރ އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުރީގެ ސަރުކާރުތަކުން ހިންގައިފައިވާ ޖަރީމާތަކުގެ ވާހަކަދައްކާ އިންސާފު ހޯދުމުގެ ވާހަކަ ދެކިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބަދަލު ހިފުމުގެ ސަޤާފަތް ނުހުއްޓޭހާ ދުވަހަކު ތަރައްޤީއަށް ރައްޔިތުން ކުރާ އުއްމީދުގައި ދުވަހަކުވެސް ކުލަ ނުޖެހޭނެކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.