ކުއްލި ޙަމަލާ - 3

(19 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން މި ބުނީތިޔަ ހެންނެއްނޫން. ބުނަން މި އުޅެނީ ބައްޕަޔާ އެއްވެސް ވާހަކައެއް ދައްކައިފިއްޔާ މަރައިލާާނެކަން ގައިމޭ. އެހެން ނޫނީ ފުލުހުންނާ ހަވާލު ކުރާނެ. ބައްޕައަކީ ވަރަށް ހަރުކަށި މީހެއް."

"ފުލުހުންނޭ..؟" ބާރަށް ވައި ޖެހޭ ދުވަހަކު އަނަރޫފަ ގަހެއް ހެެލޭހެން އަހަރެން ރޫރު އަޅާން ފަށައިފިއެވެ.

"އާނ. ކޮންމެވެސް ތުހުމަތެއް އަޅުވައިފައި ޖަލަށް ފޮނުވައިލާނޭކަން ޔަގީން."

"ތިޔައީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން."

ޝަބްނަމް އަހަންނާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "އަދިވެސް ތިޔަ މާތް ބަހުރުވަ ދޫކޮށްލާކަށް ނުވޭތަ؟"

އަހަރެންގެ ހަށިގަނޑުގެ އެތެރޭގައި ހުރިއްޔާ ހުރިހައި ގުނަވަނެއް ނަށާން ފަށައިފިއެވެ. ވީ އުފަލެއްގެ ކޮޅެއް ނެތެވެ. "އަހަރެން ޖަލަށް ވަންނާކަށް ބޭނުމެއް ނޫން."

"އެހެން ވެއްޖެއްޔާ އިހަށް ކެތްކޮށްގެން ހުރޭ."

"ތިޔައީ ކޮން ކަހަލަ ވާހަކައެއް." ޖަލުގެ ވާހަކަ ދެއްކީމާ ބިރު ގަތް ކަމުގައި ވިޔަސް އަނެއްކާވެސް އަހަރެންގެ ޖޯޝު ހިލިގެންފިއެވެ. "މިހާރު މިިހެން ކެތްކޮށްގެން ހުންނަތާ އަހަރެއް ވެގެން މި ދަނީ."

"އެހެން ކޮންމެވެސް ގޮތެއް ހޯދާ. ބައްޕަޔާ ވާހަކަ ދެއްކުމުގެ ޚިޔާލު ހިތުން ފިލުވައިލާ. އެހެން ނޫނީ ބައްޕަ ކަލޭގެ ވަސް މި ދުނިޔެއިން ފިލުވައިލާނެ."

"އިރުއިރުކޮޅާ ބައްޕަގެ އިންޒާރު ތިޔަ ދެނީ ކީއްކުރަން؟" އަހަރެން ބިރު ފޮރުވާން މަސައްކަތް ކުރަމުން ބުނެލީމެވެ.

"އެއީ ކަލޭ ހަމަ ހޭގައި ބަހައްޓާން ވެގެން."

"އަހަރެން މިހިރީ ހަމަ ހޭގައި." އަހަރެން ނުރުހުން ވީމާ އޭނާވެސް ދެރަ ވެއްޖެއެވެ.

"ޣަރީބުއްދީން. އަހަރެން މި ވާހަކަ ދައްކަނީ ކަލޭގެ ހެވަކަށް. ބޭނުމިއްޔާ ބައްޕަޔާ ވާހަކަ ދައްކާ. އޭރުން ވާ ގޮތެއް އެނގިދާނެތާ."

"އެންމެ ރަނގަޅު. އެއީ ނުރައްކާތެރި ކަމެއްކަން އަހަންނަށް އެނގޭ." އެންމެ ރަނގަޅު ގޮތަކީ ހަތިޔާރު ބެހެއްޓުން ކަމަށް އަހަރެން ބެލީމެވެ. "އެކަމަކު ޝަބްނަމް އަތުން ބީވެގެން ދިއުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން."

"އެހެން ވެއްޖެއްޔާ ދޫ ނުކުރޭ. އެކަމަކު ބައްޕަޔާ ވާހަކަ ދެއްކުން ނޫން ގޮތެއް ހޯދާ."

އެ ބުނާ އެހެން ގޮތެއް ހޯދާން ވިސްނުމުގައި އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެއެވެ. ރަނގަޅު ބުއްދިއެއް ކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ކުރާނޭ ކަމެއް ނެތިގެން ޝަބްނަމް ގާތު އެހެން ބުނެވެސްފީމެވެ. އަހަންނަށް ކުރެވުނު ބުއްދިއެއް ނެތްކަން އެނގުނީމާ ޝަބްނަމް ދިން ޚިޔާލަކުން އަހަރެންގެ ބުއްދި ލުހިގެން ދިޔަކަހަލައެވެ.

"ޔާރައްބީ. ފުރާނަ ހަށީގައި ހުރިހައި ހިނދަކު ތިޔަހެން ހަދާކަށް ހަމަ ލާހިކެއް ނޫން." އަހަރެން ބުނެލީމެވެ.

"އެހެން ވެއްޖެއްޔާ މަރުވީމާ ކަމެއް ކުރަން ހުރޭ." އޭނާގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ.

"އެކަމަކު ތިޔަަ ބުނަނީ ވަރަށް ނުރައްކާތެރި ކަމެއްގެ ވާހަކައެއްނު؟"

"ދެ މީހުން ކޮނޑާއި ކޮނޑު ޖައްސައިގެން ހިނގައިގަތީމާ ކިތަންމެ ނުރައްކާތެރި ހުރަހެއްވެސް ގިރާ ކުރެވިދާނެ." އޭނާ އަހަންނަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.

"އަހަރެންގެ ކޮނޑު ވަރަށް ބަލިކަށި." އަހަރެންގެ ބިރު ފިލާ ގޮތެއް ނުވިއެވެ.

"ކަލެއަކީ ބޮޑު ފިނޑިއެއް. އެއްވެސް ކަމެއް ނުކުރެވޭ ފައްކާ ސޮހޮލެއް." އޭނާ ރުޅި އަތުވެއްޖެއެވެ.

އޭނާ ރުޅި އައިކަން އެނގުނީމާ އަހަރެންގެ ގާތަށްވެސް ރުޅި އަތުވެއްޖެއެވެ. "ތިޔައީ ކޮން ކަހަލަ ވިޔާ ނުދާ އިލްޒާމެއް."

"މިއީ އިލްޒާމެއް ނޫން. ހަގީގަތެއް. މި ވާހަކައިގެ ތެދުކަން ކަލޭ ތިޔަހަރަ ސާބިތު ކޮށް ދެނީނު." އޭނާގެ އަޑަށް އަނެއްކާވެސް މަލާމާތުގެ އަސަރު ވެރިވެއްޖެއެވެ. "އަހަރެން އަންހެނަކަށް ވެހުރެ ކަންތައް ކުރާން ވާ ގޮތް ކިޔައި ދިނީމާވެސް ބޮޑު ސިންގާ ފިރިހެނަކަށް ތިޔަ އުޅެނީ ނުކެރިގެން."

"ނޫނޭ. އެހެންނެއް ނޫން. އަހަންނަކީ ވަރަށް ނިކަމެތި މީހަކީން. ނިކަމެތި މީހުންގެ ހިތްވެސް ވަރަށް ނިކަމެތި ވާނެ. ދޫންޏެއްގެ ހިތްހައި ކުޑަ ވާނެ. ކުޑަކުޑަ ކަމަކާ ގުޅިގެންވެސް ބާރު ލާފައި ތެޅިގަންނާނެ. ވިސްނައިލީމާ އެނގޭނެ. ދިމާވާ ކޮންމެ މުސީބާތެއް ދިމާވާނީ އަހަންނާ. ޝަބްނަމްގެ އައްޑަނައަކަށް ޕްރޮފެސަރު ޢަލީ ޤުލީ ޚާން ހުންނާނެ. އަހަރެންގެ ދިފާއުގައި ހުންނާނީ ކާކު؟ ހަންމުށީގެ އެތިފަހަރުތައް އަރާނީ އަހަރެންގެ ގަޔަށް. އަހަރެންގެ ގަޔަކު ކާށިކޮޅަކާ އެކީ ކައިލާނޭ ވަރުގެ މަސްކޮޅެއްވެސް ނެތް."

"އެހެން ވެއްޖެއްޔާ މި ތަނުން ފެއްސިގަނޭ. މީގެ ފަހުން އަހަންނަށް ފެންނަ ހިސާބަށް ނާންނާތި." އޭނާގެ ރުޅި ސައްތައަށް އަރައިފިއެވެ.

"މަޑުމައިތިރިވޭ. ތިޔަ ބުނާ ގޮތަށް ހަދަން އަހަރެން ރުހެން. އެކަމަކު ކުރާނޭ ގޮތެއް ނުއެއް ވިސްނޭ." އަހަރެންގެ ޖަޒުބާތުތައް ހިލިގެންފިއެވެ.

"އެއީ ކަލޭގެ ކަމެއް. ކަލެއަށް ލަވައި ދީދީ އަހަންނަކަށް ނުހުރެވޭނެ. އަމިއްލަ ސިކުނޑި ބޭނުން ކުރޭ."

"ޝަބްނަމް ތިޔަ ދިން ލަފައެއްގެ ސަބަބުން އަހަރެންގެ ސިކުނޑި ހުއްޓިއްޖެ. ދަބަރު ޖަހާފައި ހުރި މެސެނަކަށް ވެއްޖެ. ވިސްނުމުގެ ހަކަތަ ހުސް ވެއްޖެ."

އަހަރެން މިހެން ބުނީމާ ޝަބްނަމް ބުނި އެއްޗެއްގެ ސަބަބުން އަހަރެންގެ ފިރިހެންވަންތައްކަން ހޭލައިފިއެވެ. ނާރުތަކަށް ވާން ވެއްޖެއެވެ. "އެންމެ ރަނގަޅު. ވާނެ ގޮތެއް ވާނެ. އަހަރެން މިއީ ޗިޅިޔާ ގުލާާމު ކަމަށް ހީ ނުކުރާތި."

"އެހެން ވެއްޖެއްޔާ ކާލާ މަންނައަށް ވެފައި ދައްކާ." އޭނާގެ ހީނގެންފައި ބުންޏެވެ.

* * *

އޭނާގެ ވާހަކަ ގަބޫލު ކުރީމާ އަހަރެން ވަންނާން ޖެހުނީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށެވެ. ދެ ދުވަސް ވާންދެން ވަރަށް ބޮޑަށް ވިސްނައިފީމެވެ. ހަދާނޭ ގޮތެއް ނޭނގުނެވެ. ފިލައިގެން ގޮސް ވަންނާނޭ ތަނެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަކީ ބޯމަތީގައި އޮތް އުޑު ނޫނީ ހިޔާވަހިކަމެއް އޮތް މީހަކީމެއް ނޫނެވެ.

ފިކުރު ބޮޑު ވެގެން ގޮސް ގޮތް ހުސްވީމާ އަހަރެންގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާ އަމީރުއްދީނާ މަޝްވަރާ ކޮށްފީމެވެ. އަހަންނާއި ޝަބްނަމްގެ ލޯބީގެ ވާހަކަތައް އެނގުނީމާ ހައިރާންވީ ވަރުން އޭނާގެ ދެލޯ ދެކާށިކިބަހެންވެއްޖެއެވެ. އަހަރެމެންގެ ރޭވުމުގެ ވާހަކަ ބުނީމާ އޭނާގެ ލޯ ފުންމައިގެން ބޭރަށް ނައީ ކިރިޔާއެވެ.

"ކަލޭ ތިޔަހަރީ އަފިހުން ކައިގެންތަ؟ މޮޔަވީތަ؟ ރޭގަނޑު ހަތަރު ދަމު ކަލެއަށް ފެންނަނީ ތިޔަ ކަހަލަ ވިޔާނުދާ ހުވަފެން."

"އަމީރުއްދީނު. ސަމާސާ ނުކުރޭ." އަހަރެން އޭނާގެ އަތުގައި ހިފައިލީމެވެ. "އަހަރެން ކަލެޔާ މި ވާހަކަ ދެއްކީ ހަދާނޭ ގޮތް ހުސް ވެގެން. އެކަމަކު ކަލޭ އަހަންނަށް މަލާމާތް ކުރަނީ."

"އަހަރެންގެ ލޯބިވާ އިއްޒަތްތެރި ޣަރީބުއްދީން. މަލާމާތް ނޫން އެހެން ކަމެއް އަހަރެން ކުރާނީ ކިހިނެއް؟ ޕްރޮފެސަރު ޢަލީ ޤުލީ ޚާން ފަންސުރެއް ފޭއްސާހައި ފަސޭހަ ކަމާއެކު ކަލޭ ފޭއްސައިލާނެ." އޭނާ އަތުން އެހެރަ ކޮށްލީ އިޝާރާތަކުން އަހަރެންގެ މޭގަނޑު އަނގަޔަށް އަތުވެއްޖެއެވެ.

"ކަލޭ ގާތު މި ވާހަކަ ދެއްކުނީ އަހަރެންގެ މޮޔަކަމުން. ޕްރޮފެސަރު އަހަރެން ފޭއްސައިލާނޭކަން މިހާރު ޔަގީން ވެއްޖެ."

އަމީރުއްދީން ހިނިތުން ވެލައިފައި އޯގާތެރިކަމާއެކު ބުންޏެވެ. "ނޫނޭ. އެކުވެރި ޣަރީބުއްދީން. ކަލޭ ތިޔަ ހީކުރަނީއަކީ ރަނގަޅަކަށް ނޫން. އަހަރެން ވެރިމީހާ ގާތު އެއްވެސް ވާހަކައެއް ނުދައްކާނަން."

"އެހެން ވެއްޖެއްޔާ ތިޔަ ދައްކަނީ ކޮން ވާހަކައެއް؟"

"އަހަރެން މި އުޅެނީ ކަލެއަށް ވިސްނައި ދެވޭތޯ. އެކަމަކު އަހަންނަށް ހީވާ ގޮތުގައި ކަލޭމެން ދެމީހުން މިހާރު ތިޔަ ތިބީ ވަރަށް ދުރަށް ނުކުމެފައި.  ވިސްނައިދޭން ކުރާ ކަމަކުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެ."

"ކަލޭ ތިޔަ ހީކުރާހައި ދުރަކަށް އަހަރެމެން ނުއެއް ނުކުންނަން. އަދި މިހައި ތަނަަކަށް އެއްވެސް ކަހަލަ ކަތި ފިޔަވަޅެއް އަހަރެމެން ނާޅަން." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

"އަހަރެން މި ބުނީ އެހެންނެއް ނޫން. އަހަރެން މި ބުނަނީ ތިޔަ ކުރާން އުޅޭ ކަމަކުން ދުރު ވެގަތުމަކީ އެންމެ ރައްކާތެރި ގޮތޭ."

"ޝުކުރިއްޔާ. ރަނގަޅު މަޝްވަރާއެއް ދެވެން ނެތިއްޔާ ފަހަތަށް ޖެހޭ ވާހަކަވެސް ނުދައްކާ. އަހަރެމެން މިތިބީ އެކަހަލަ ގޮތަކަށް ނޫން." އަހަރެން ތުން އަނބުރައިލީމެވެ.

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.