އެމްއާރުއެމުން މިހާތަނަށް 24 ދާއިރާއަކަށް ކުރިމަތިލާން ނިންމަވައިފި

މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫން (އެމްއާރުއެމް) ގެ ތާއީދާއެކު މިހާތަނަށް 24 ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އޭގެ އިތުރަށް 11 ދާއިރާއަކަށް ވާދަ ނުކުރައްވަން ވެސް ވަނީ ނިންމަވައިފައެވެ.

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވަންދެން އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ސިޓީ އެއް ދެއްވާނެއެވެ. އެމްއާރު އެމްގެ ނަމުގައި މަޖިލީހަށް ކުރިމަތި ލައްވަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން 108 މީހުންވަނީ ކުރިމަތި ލައްވައިފައެވެ.

މަޖީލީހުގައި ޖުމްލަ 87 ދާއިރާ ހިމެނެއެވެ. އެހެން ކަމުން އެ ހުރިހާ ދާއިރާއަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު އެމްއާރުއެމް އަށް އެބައޮތް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް އެމްއާރުއެމްއިން މަޖިލީހަށް ވާދަކުރައްވާނީ ކިތައް ގޮނޑިއަށް ކަމެއް ކަށަވަރު ނުކުރެވެއެވެ. އެހެންނަމަވެސް އެގާރާ ދާއިރާއަކަށް ވާދަ ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްއާރުއެމުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ދާއިރާތަކަކީ، ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ، ވިލިމާލެ ދާއިރާ، ކެލާ ދާއިރާ، ނޮޅިވަރަމް ދާއިރާއެވެ. އޭގެ އިތުރަށް ކޮމަންޑޫ ދާއިރާ، ތުޅާދޫ ދާއިރާ، ތުލުސްދޫ ދާއިރާ، ކ. ގުރައިދޫ ދާއިރާ، ދިއްގަރު ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، އިސްދޫ ދާއިރާ، ފޮނަދޫ ދާއިރާ، މާވަށު ދާއިރާ، ތިނަދޫ އުތުރު ދާއިރާ ހިމެނެއެވެ. އަދި ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ ވެސް ހިމެނެއެވެ.

އެމްއާރުއެމްގެ ފަރާތުން ވާދަނުކުރަން ނިންމާފައިވަނީ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ދިއްދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، މާމިގިލި ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީން ވަނީ ނިންމައިފައެވެ. އަދި ޖޭޕީން ވަނީ 36 ދާއިރާއަށް ކުރިމަތިލާން ނިންމައިފައެވެ. އަދާލަތުން ކުރިމަތިލަނީ 13 ދާއިރާއަކަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.