ތަރައްޤީގެ ނަމުގައި ތިމާވެށި ސުންނާފަތި ކޮށްލުމަކީ ސަރުކާރުގެ ސިޔާސާތެއް ނޫން: ރައީސް

ރާއްޖެ ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. "މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް މިއަންނަނީ ހޯދައިދެމުންނެވެ. ތިމާވެއްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރަމުންދާއިރު އެންމެންގެ ޢަމަލުތައް ވެސް ތިމާވެއްޓާ ރަޙުމަތްތެރި ގޮތަކަށް ބަދަލު ކުރުމަކީ ފަރުދީ ފެންވަރުގައި ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، އަޅުގަނޑުމެންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.