އަންދާޒާ ކުރިވަރަށް ބަލި ފެތުރިގެންނުދިޔައީ ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން: ރައީސް

ރާއްޖޭގައި ބަލި ފެތުރިގެންދާނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށް ބަލި ނުފެތުރެނީ މާތްﷲ ގެ ވާގިފުޅާއި އެކު އެޅުނު ފިޔަވަޅުތަކުގެ ނަތީޖާއިން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނާއި މުޙާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ  ވިދާޅުވީ ރާއްޖޭގައި ކުރިން އަންދާޒާކުރެވުނު މިންވަރަށް ބަލި ނުފެތުރުނު ސަބަބަކީ ސިއްޙީ ޙިދުމަތްތެރިންގެ ލަފަޔާއި އެއްގޮތަށް މާލެ ސަރަޙައްދު ފުރަބަންދުކޮށް، އާއްމު ހަރަކާތްތަކާއި، ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމެވެ. އަދި ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުންދެއްވުމެވެ.

މާލެތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހަކާއި އެކު ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުންނަށް ބަލިޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްގޮތެއްގައި ފާހަގަކުރެވެނީ 7 މީހަކު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަހައްމަލުކުރައްވައި މި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް ގެނެވިފައިވާކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް އެއް މަހާއި 5 ދުވަސް ވެފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1186 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 420 ދިވެހިންނާއި 766 ބިދޭސީންނެވެ. މީގެތެރެއިން 91 މީހަކު ވަނީ މިހާރު މި ބަލިން ފަސޭހަވެފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ ނިޔާވެފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.