އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަށް ބޭނުންވާ ވެހިކަލް ގަންނަން ހަމަޖައްސަވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ވެހިކަލް ގަތުމަށް ކަނޑައަޅުއްވާފައިވަނީ 8 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. އެއީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން ހަމަ ޖެއްސެވި ފައިސާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް ވެހިކަލް ގަންނަނީ އެތަނުގެ ބެލުމުގެ ދަށުގައި ތިބި މީހުން އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައެވެ. އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކަމަށް ވެސް ފޮރިން މިނިސްތްރީން ވިދާޅުވިއެވެ.