ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް: އިންޑިއާގެ ރައީސް

ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށް  އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކަމަނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތުގައެވެ.

އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ ވިދާޅުވީ އިޤުތިޞާދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ޘަޤާފީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. އަދި މޯލްޑިވްސް-އިންޑިއާ ޕާޓްނަރޝިޕްއަކީ، ސަރަހައްދަށް ނަމޫނާއެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ރައީސްގެ މަޤާމަށް އެކަމަނާ ވަޑައިގެންނެވުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްޤީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގޭ ދިވެހިރައްޔިތުންނަށް ފައިދާހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު ވެވުނު 6 އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެކު އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ބޭއްވި މިބައްދަލު ކުރެއްވުމަކީ އެކަމަނާ އިންޑިއާގެ ރައީސްގެ މަޤާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ޤައުމެއްގެ އިސްވެރިއަކާއި އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.