އޭނާގެ ނަމަކީ ޑޮކްޓަރ ޢީސާ މަރްޒޫޤެވެ. އޭނާ ދިރިއުޅެނީ ސޫރިޔާގައެވެ. މަސައްކަތަކީ ބޭސްކުރުމެވެ. މަސައްކަތް ކުރަނީ ދިމިޝްޤުގެ ހަސްފަތާލެއްގައެވެ. އެއްދުވަހަކު ކުއްލިއަކަށް އޭނާގެ ހާލު މާ ބޮޑުވެގެން ހަމަ އެ ހަސްފަތާލުގައި ބާއްވައިފިއެވެ. މުޢާއިނާކޮށް ބެލުމުން އެނގުނީ އޭނާއަށް ކެންސަރު ޖެހިފައި ހުރިކަމެވެ. އެކަން އެނގުމާއެކު ޑަކްޓަރުން ލަސްނުކޮށް ފަރުވާދޭން ފަށައިފިއެވެ. ފަރުވާގެ ކަންތައް ބަލަހައްޓަމުން ދިޔައީ ޑަކްޓަރުންގެ ޓީމަކުންނެވެ.
އޭނާގެ ޞިއްޙީ ރިޕޯޓުތައް ކުރިމަތީގައި ހުއްޓެވެ. ބަލި ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ. ޓީމުން ބުނަނީ އޭނާ ދެން ދުނިޔޭގައި އޮންނާނީ ހައެއްކަ ހަފްތާ ވާންދެން ކަމުގައެވެ. ޑޮކްޓަރ ޢީސާ އަކީ ޒުވާނެކެވެ. އަދި މީހަކާވެސް ނޫނދެއެވެ. އެކަމަކު އެންގޭޖްމަންޓް އޮތީ ނިމިފައެވެ. އޭނާ އިންނަންއުޅޭ ކުއްޖާ ގާތު މީހުން ބުނަމުން ދިޔައެވެ. "އެންގޭޖްމަންޓް ރޫޅައިލާށެވެ. ކަލޭ ތިޔަ އިންނަން އުޅޭ މީހާއަށް އެއޮތީ ކެންސަރު ޖެހިފައެވެ." އެކަމަކު އޭނާ އެވާހަކަ ގަބޫލެއް ނުކުރެއެވެ. އަނެއްކޮޅުން ޑޮކްޓަރ ޢީސާ އަބަދުވެސް ކިޔާ ޙަދީޘެއް އޮވެއެވެ.
دَاوُوا مَرْضَاكُمْ بِالصَّدَقَةِ (حسن - صحيح الجامع 3358 – أبوداوفى المراسيل 105 – مجمع الزوائد 3\63)
"ބަލިމީހުންނަށް ޞަދަޤާތުން ފަރުވާދޭށެވެ."
އެއްދުވަހަކު ޢީސާގެ ހާލާމެދަށް ފިކުރުކޮށް، މޮޅިވެފައި އިންދާ އޭނާގެ ހަނދާނަށް އަންނަނީ މި ދެންނެވުނު ޙަދީޘެވެ. އޭނާ ވިސްނައި، ފިކުރު ހިންގައިލިއެވެ. އެހެން އިނދެފައި ކުއްލިއަކަށް ބޯޖަހައިލާފައި ބުނެލިއެވެ. މިއީ ޞައްޙަ ހަދީޘެއް ހެއްޔެވެ؟ ޞައްޙަ ޙަދީޘެއްކަމުގައި ވަނީނަމަ އަހަރެންގެ ބައްޔަށް ބޭސް ކުރަން ވާނީ ޞަދަޤާތުންނެވެ. ދުނިޔަވީ ފަރުވާ މިހާރު ވާވަރަށް ކުރެވިއްޖެއެވެ.
ގޭގެ ވެރިމީހާ މަރުވެ، ޙާލުގައި ޖެހިފައިވާ ޢާއިލާއެއް އޭނާ ދަނެއެވެ. ބަލިވެ ގިނަ ދުވަހު އޮންނަން ޖެހުމުގެ ސަބަބުން އޭރު އަތަކު މާ ގިނަ ފައިސާއެއްވެސް ނެތެވެ. އެހެންނަމަވެސް އަތުގައި އޮތަ ކުޑަ ފައިސާކޮޅު ރައްޓެއްސެއްގެ ހަވާލުގައި އެއްކަލަ ގެއަށް ފޮނުވައިފިއެވެ. އަދި އެގޭ މީހުންނަށް އޭނާގެ ބަލީގެ ވާހަކަޔާއި، ކަންތައް މިހާރު އޮތް ހިސާބު ކިޔައިދީފައި، ބައްޔަށް ފަރުވާކުރަން ބޭނުންވަނީ ޞަދަޤާތުންކަމަށް ބުނެ، އޭނާގެ ބަލި ރަނގަޅު ކޮށްދެއްވާތޯ ދުޢާކޮށްދޭން އެދިފިއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްގެ ތެދުކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އޭނާގެ ބަލި ރަނގަޅު ވެއްޖެއެވެ.
އެއްދުވަހަކު ޑޮކްޓަރ ޢީސާ އޭނާއަށް ފަރުވާ ކުރި ޑަކްޓަރުންގެ ޓީމާ ބައްދަލު ކޮށްފިއެވެ. އެމީހުން ތިބީ ޢީސާގެ ރިޕޯޓު ބަލާފައި، އޭނާގެ ބަލި މުޅިން ރަނގަޅުވީތީ ޙައިރާންވެފައެވެ. އޭނާގެ ބަލި ރަނގަޅުވީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވުމަށް ޢަމަލު ކުރީމާ ކަމަށް އޭނާ ޓީމު މީހުން ގާތު ބުންޏެވެ. އަދި ބުންޏެވެ. "މިހާރު އަޅުގަނޑުގެ ބަލި ރަނގަޅު ވެއްޖެއެވެ. އަޅުގަނޑު ތަޤްދީރަށް އީމާންވަމެވެ. އެކަމަކު އޭގެމާނައަކީ އެއްގޮތަކަށްވެސް ދުނިޔަވީ ސަބަބުތަކާ ދެކޮޅު ހެދުމެއް ނޫނެވެ. ނުވަތަ އެ ސަބަބުތަކުގައި ނުހިފުމެއް ނޫނެވެ. ޑަކްޓަރުން ލައްވައި ބޭސް ނުކުރުވުމެއްވެސް ނޫނެވެ. އެކަމަކު ކީރިތި ރަސޫލާގެ މި ޙަދީޘްގެ ތެދުކަން ސާބިތުވެއްޖެއެވެ. ބޭހަކާ ނުލައި ބަލިބަލި ރަނގަޅު ކޮށްދެއްވާ ފަރާތެއް ވޮޑިގެންވާކަން ހަމަ ޔަގީނެވެ." (މި ހާދިސާ ބަޔާންކޮށްފައި ވަނީ ހަފްތާއަކޫ އެއްފަހަރު ނެރޭ ޢަރަބި މަޖައްލާއެއްކަމަށްވާ "އަލްމުސްލިމޫން" ގެ 181 ވަނަ ނަންބަރުގައެވެ. މިއީ ލަންޑަނުގައި ނެރެވުނު މަޖައްލާއެކެވެ. އެކަމަކު މިހާރު މި ޖަޖައްލާއެއް ނުނެރެއެވެ.)
(ޢަބްދުލްމާލިކު މުޖާހިދުގެ ލިޔުއްވުމުގެ ތަރުޖަމާއެއް)