މުސީބާތްތަކާއި ދަތި އުނދަގޫތަކާއި ހިތާމައާއި ހިތްދަތިކަމުގެ ދެވަނަ ނަމަކީ ދިރިއުޅުމޭ ބުނެވިދާނެއެވެ. އެހެނީ، މި ދުނިޔޭގެ ޙަޔާތުގައި މުސީބާތްތަކާއި ހިތްދަތިކަމާއި އުނދަގޫތައް ތަޙައްމަލުކުރަން ނުޖެހޭ އެއްވެސް އިންސާނަކު ނުވެއެވެ. މުއުމިނުންނަކީ، އެބައިމީހުންނަށް ކުރިމަތިވާ މުސީބާތްތަކާއި ހިތްދަތިކަމުގެ ވަގުތުގައި ވެސް ނާއުއްމީދުވެ މާޔޫސްވެ ތިމާމެންގެ ނަފުސު ހަލާކުގެތެރެއަށް އެއްލައިލާނެ ބަޔަކުކަމުގައި ވެގެންނުވާނެއެވެ. އެއާޚިލާފަށް اللَّهُ ހަނދުމަކޮށް، ކެތްތެރިކަން އިސްކުރުމަކީ މުއުމިނުންގެ ޚާއްޞަ ސިފައެކެވެ.
މާތް اللَّهُ ވަޙީކުރެއްވިއެވެ. { يَاأَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ إِنَّ اللَّهَ مَعَ الصَّابِرِينَ} (البقرة: ١٥٣) މާނައީ: {އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން، ތިޔަބައިމީހުން ވާގިއެދޭށެވެ! ހަމަކަށަވަރުން، اللَّهُ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.} އެހެން އާޔަތެއްގައި އަންގަވާފައިވެއެވެ. {إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ} (الزمر: ١٠) މާނައީ: {ކެތްތެރިންނަށް އެއުރެންގެ ދަރުމަދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ.}
މެދުވެރިވާ ކޮންމެ ކަމަކަށްވެސް ކެތްތެރިވުމުގެ މަތިވެރިކަން ހާމަކޮށްދެއްވައި، ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {مَا يُصِيْبُ الْمُسْلِمَ مِنْ نَصَبٍ، وَلاَ وَصَبٍ، وَلاَ هَمٍّ، وَلاَ حَزَنٍ، وَلاَ أَذًى، وَلاَ غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ.} (مُتَّفَقٌ عَلَيْهِ) މާނައީ: ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް، އަދި ބޮޑުވެގެންވާ ހިތާމައެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެކުޑަމިނުން ގަޔަށް ކަށްޓެއްހެރުމުން (އެ ކަމަށް ކެތްތެރިވިނަމަ) އޭގެ ސަބަބުން، މާތް اللَّهُ، އެ މީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުސްލިމަކު ނުވެއެވެ.}
މާތް اللَّهُ، އަޅަމެންނީ މުސީބާތްތަކަށް ކެތްތެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން!