ރޯދައަކީ އައްޑަނައެއް

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ)) [1] މާނައަކީ: "ރޯދަޔަކީ އައްޑަނައެކެވެ." އިތުރުއެކަލޭގެފާނުގެ މި މާތް ކުރު ޢިބާރާތުގައި ވަރަށް ގިނަ މާނަތަކެއް ހިމެނެއެވެ.މި ބަސްފުޅުން އެނގެނީ ރޯދައަކީ ކޮންމެ ފާސިދުކަމަކުން ރޯދަވެރިޔާ ރައްކައުތެރިކޮށްދޭނެ ކަމެއް ކަމެވެ. ކޮންމެ ނުބައިކަމަކާ އޭނާ ދުރުހެލިކުރާނެ ކަމެއް ކަމެވެ. އަދި އެއީ ކޮންމެ ހަޑިހުތުރުކަމަކުން އޭނާ ޠާހިރުކޮށްދޭނެ ކަމެއް ކަމެވެ.ކީރިތިރަސޫލާގެ މިބަސްފުޅުން އެނގެނީ ރޯދަހިފުމަކީ ދުނިޔޭގައި ކުށް ފާފަތަކަށް އަރައިގަތުމުންނާއި އާޚިރަތްދުވަހު ނަރަކައިގެ ޢަޛާބުން ރޯދަވެރިޔާ ޙިމާޔަތް ކޮށްދޭނެ އަޅުކަމެއް ކަމެވެ.

ރޯދައަކީ އައްޑަނައެކޭ ޙަދީޘް ކުރެއްވި  ބަސްފުޅުން ރޯދައަކީ ރޯދަވެރިއާއަށް ލައްވާފައިވާ ވަރުގަދަ ކިއްލާއެއް ކަން އެނގެއެވެ. ރޯދައިގެ ސަބަބުން އޭނާގެ އަޚްލާޤާއި ސުލޫކު ރިވެތިވެ ، އީމާންކަން ވަރުގަދަވެގެން ދާނެތީއެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުގައި  މި މާނަތައް ހިމެނޭކަން  ބަޔާންކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ، وَهُوَ حِصْنٌ مِنْ حُصُونِ الْمُؤْمِنِ، وَكُلُّ عَمِلٍ لِصَاحِبِهِ، وَالصِّيَامُ لِي، وَأَنَا أَجْزِي بِهِ)) [2] – މާނައަކީ: "ރޯދައަކީ އައްޑަނައެކެވެ. އެއީ މުއުމިނުންގެ ކިއްލާތަކުގެ ތެރެއިން ކިއްލާއެކެވެ. ކޮންމެ ޢަމަލަކީ ވެސް އެކަމެއް ކުރާމީހަކަށް ލިބިގެންވާ ކަމެކެވެ. ރޯދަ ފިޔަވައެވެ. ރޯދަ ލިބިވޮޑިގެންވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި އެކަންކުރާ މީހާއަށް ޖަޒާދެއްވާނީ ތިމަންރަސްކަލާނގެއެވެ."

ރޯދަ މި ފަދަ އައްޑަނައަކަށް ވާނީ ރޯދަވެރިއާ އެ އައްޑަނަ ވަރުގަދަ އެއްޗަކަށް ހަދަން މަސައްކަތްކުރި ވަރަކުންނެވެ. މިކަމާބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((الصَّوْمُ جُنَّةٌ مَا لَمْ يَخْرِقْهَا وخَرْقُها الغِيْبَةُ)) [3] – މާނައަކީ: "ރޯދައަކީ އައްޑަނައެކެވެ. އޭގައި ބައުގަނޑެއް ނަހަދާނަމައެވެ. އޭގައި ބައުގަނޑު ހަދާ އެއްޗަކީ ނެތިމޮށުމެވެ."

މިއީ ތިބާއަށް ލިބިފައިވާ ރަނުގެ ފުރްޞަތެކެވެ. ރޯދަ ހިފުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތާ ތިބާ  ކުއްތަން ކުރުވާނެ އަޅުކަމެކެވެ. ތިބާއަށް ﷲ ހުއްދަކޮށް ދެއްވާފައިވާ ބައެއް ކަންތައްތައް އެކަލާނގެ ރުހިވޮޑިގަތުން  ހޯދުމަށްޓަކައި އެ ކަލާނގެ  ކަނޑައަޅުއްވާފައިވާ ވަގުތުކޮޅަކަށް ތިބާ މަނާ ކޮށްފައިވާތީއެވެ. ތިބާގެ ޙަޔާތް ބަދަލު ކޮށްލީ ކޮން އެއްޗެއް ހެއްޔެވެ؟ ހެނދުނު ސައި ބުއިމާއި މެންދުރު ކެއުން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ އެއީ الله تبارك تعالى އަށް ކިޔަމަންގަތުން ނޫންހެއްޔެވެ؟ އެއީ ﷲއަށް އަޅުކަން ޚާލިޞް ކުރުން ނޫންހެއްޔެވެ؟ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ((كُلُّ عَمَلِ ابْنِ آدَمَ لَهُ فَالْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ إِلَّا الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ إِنَّهُ يَتْرُكُ الطَّعَامَ وَشَهْوَتَهُ مِنْ أَجْلِي وَيَتْرُكُ الشَّرَابَ وَشَهْوَتَهُ مِنْ أَجْلِي فَهُوَ لِي وَأَنَا أَجْزِي بِهِ)) [4] - "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ލިބިގެންވާ ކަމެކެވެ. ފަހެ ކޮންމެ ހެޔޮކަމެއް އޭގެ ދިހަ މިންވަރުން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރުވެގެން ދެއެވެ. ރޯދަ މެނުވީއެވެ. އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. އެކަމަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަމެވެ. ހަމަކަށަވަރުން އޭނާ ކާއެއްޗެއްސާއި އޭނާގެ ޝަހްވަތް ދޫކޮށްލަނީ ތިމަންރަސްކަލާނގެއަށް ޓަކައެވެ. އޭނާގެ ބުއިމާއި އޭނާގެ ޝަހްވަތް ދޫކޮށްލަނީ ތިމަންރަސްކަލާނގެއަށް ޓަކައެވެ. ފަހެ އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. އެކަމަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަމެވެ."

ރަމަޟާން މަހުގެ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ޠާހިރުކުރުމަށް ލިބިގެންވާ ފުރްޞަތެކެވެ. ކޮންމެ ދުވަހަކު އަދާ ކުރާ ފަރްޟު ފަސް ނަމާދުންނާއި ހިފާ ރޯދައިންނެވެ. ރަމަޟާން މަހުގެ ރޭގަނޑުގެ ޤިޔާމުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.  ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) [5] މާނައީ: "ﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން  މަހު ރޯދަ ހިފި މީހާގެ އިސްވެދިޔަހާ ފާފަ ފުއްސަވާދެއްވާނެތެވެ."

މި މަތިވެރި މައްސަރުގައި ﷲގެ ޙަޟްރަތަށް އެބުރި ދެވޭތޯ ބަލަމާތޯއެވެ؟ މަޑުމޮޅި ، ބިރުވެތި ހިތަކުން އެކަލާނގެއަށް ދުޢާ ކުރަމާތޯއެވެ؟  ރޯދަވެރިޔާއަށް މާތް ﷲ އިޖާބަ ދެއްވާނެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ((إنَّ لِلْصَائِمِ عِنْدَ  فِطْرِهِ لَدَعْوَةً مَا تُرَدُّ)) [6] - ހަމަކަށަވަރުން ރޯދަވެރިއާއަށް ރޯދަ ވީއްލާ އިރު ރައްދު ނުކުރައްވާނެ ދުޢާކުރުމެއް ލިބިގެންވާކަން ކަށަވަރެވެ. "އެހެންކަމުން، އެ ފަރާތަށް އިރު ފުރަގަސްދީ މި ފަރާތަށް އިރުއޮއްސި ރޯދަވިއްލަން ތައްޔާރުވަމުންދާ ވަގުތު ﷲގެ ޙަޟްރަތަށް އަތްތައް އުފުލައިލަމާތޯއެވެ؟ އަޅުގަނޑުމެންގެ ނަފްސުތަކަށާއި އަޅުގަނޑުމެންގެ އަހްލުންނަށާއި އެންމެހާ މުސްލިމުންނަށް ﷲގެ ފުއްސެވުމާއި ރަޙްމަތް ލައްވާތޯއެވެ؟


[1] - رواه الشيخان

[2]  - رواه الطبرانى في الكبير

[3] - رواه النسائى وعيد الرزاق

[4][4] - رواه الدارمى وابن خزيمة  واللفظ له ورواه البخارى و مسلم و مالك وا[و داود والترمذى والنسائى  مع اختلاف بينهم في الألفاظ

[5] - رواه البخارى ومسلم والبيهقى والطبرانى والنسائى وابن خزيمة وأحمد وابن ماجه

[6] - رواه ابن ماجه

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.