ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ. އަތޮޅު މާމެންދޫގެ 200 އަށްވުރެ ގިނަގެއަށް ފެންވަދެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭގެ އިތުރަށް އެރަށުގެ އިންޖީނުގެއަށް ފެނުގެ އަސަރުކޮށް ކަރަންޓުވެސް ކެނޑިފައިވާ ކަމަށެވެ. އެރަށުގެ ބޮޑުބައެއް ވަނީ ފެނުއަޑީގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންނާއި ރައްޔިތުންނާއި ކައުންސިލް ގުޅިގެން ގެންދަނީ އިތުރު ގެތަކަށް ފެންވަނަ ނުދީ ފެންހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މާމެންދޫގެ އިތުރަށް ކުނަހަންދޫ އިން އެއް ގެއަށްވަނީ ފެންވަދެފައެވެ. އަދި އެރަށު އިންޖީނުގެއަށް ވަނީ ފެނުގެ އަސަރު ކޮށްފައެވެ. އިތުރަށް ފެންނަ ވަނަ ނުދިނުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެއަތޮޅު ހިތަދޫ 30 ގެއަކަށާއި، މާވަށުން 7 ގެއަކަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ވިއްސާރައިގައި ތ. އަތޮޅު މަޑިފުށީގެ 10 ގެއަކަށާއި، ދިޔަމިގިލީ 15 ގެއަކަށް ވަނީ ފެންވަދެފައެވެ. އަދި ގުރައިދޫގައި ވެސް ވަނީ ފެންބޮޑުވެފައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.
މީގެ އިތުރަށް ގއ. ގދ. ގެ ބައެއް ރަށްރަށުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. ގދ، ތިނަދޫގެ 3 ގެއަކަށް ވަނީ ފެންވަދެފައެވެ. އަދި ގއ. މާމެންދޫގެ ވެސް ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށާއި އެރަށުގެ އިންޖީނުގެއަށް ފެންވަނުމުގެ ސަބަބުން އިރުއިރުކޮޅާ ކަރަންޓު ކެންޑުމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުންނާއި ސިފައިން ގެންދަވަނީ މިރަށްރަށުގައި ޙަރަކާތްތެރިވަމުންނެވެ. އާއްމުންނާއި ކައުންސިލްތަކުން ގެންދަނީ ފުލުހުންނާއި ސިފައިންނާ ގުޅިގެން މަސައްކަތް ކުރަން ފަށައިފައެވެ.