ފެން ހިންދަން މާލޭގައި ބެހެއްޓި ޕަމްޕް ސްޓޭޝަންތަކަށް ބަޔަކުވަނީ ގެއްލުންދީފައި: ޑރ. މުޢިއްޒު

މާލެއާއި ރާއްޖޭގެ ރަށްރަށަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްމުންނެވެ.

އެމަސައްކަތް ސިފައިންކުރިއަސް މާލެއަކީ ފެންބޮޑުވާ ވަގުތު ފެން ބޭރުކުރެވޭނެ ނިޒާމް ޤާއިމް ކުރައްވައިފައިވާ ސިޓީއެކެވެ. އެހެންނަމަވެސް ފެންބޮޑުވެ މީހުންގެ ޝަކުވާތައް އިތުރުވި ވަގުތު އެ ނިޒާމް ނުވަތަ ސިސްޓަމުގެ ބޭނުމެއް ނުކުރެވުނެއެވެ.

އެކަމާ ބެހޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަން އެހެންވި ސަބަބު ވިދާޅުވެ ދެއްވައި އެކަމަށް ރައްޔިތުންގެ ގާތުން މަޢާފަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ސްޓޯމް ވޯޓަރ ސިސްޓަމް ޑިޒައިން ކުރެވިފައިވަނީ ވާރޭ ހުއްޓާލާތާ 3 ގަނޑިއިރުތެރޭ ފެންގަނޑު އެއްކޮށް ހިނދޭގޮތަށް. ސިސްޓަމަށް އެއްވެސް ސަބަބަކާހުރެ ދިމާވާ ގެއްލުމަކުން ނުވަތަ މައްސަލައަކުން މި ނަތީޖާ ޙާސިލެއް ނުވާނެ. އަދިވެސް ރައްޔިތުންގެ ކިބައިން އަޅުގަނޑު އިޚުލާސްތެރި މަޢާފަކަށް އެދެން،" ކަމަށެވެ.

އެމަނިކުފާނު ކުރައްވައިފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްޓޯމް ވޯޓަރ ސިސްޓަމްގެ ގިނަ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލްބޯޑަށްވަނީ ގެއްލުންދީ ހަލާކު ކޮށްފައި ކަމަށެވެ. ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ވަނީ ކަނޑައިލައިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. "މިކަންކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު ޢަމަލު ކުށްވެރިކުރަން. އަދި ރައްޔިތުންނަށް ދިމާވާ އުދަގުލަށް މަޢާފަށް އެދެން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މާލޭގައި ފެންބޮޑުވުމުން ސިފައިން ގެންދަނީ ވެސްޓްޕާކް ސަރަޙައްދާއި، ދަރުބާރުގޭ ސަރަޙައްދުގައި ޕަމްޕްޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައިވަނީ ފެންބޮޑުވެ އެއްޗެހި ދުއްވުމަށާއި ހިނގައި ބިނގައި އުޅުމަށް ދަތިވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.