ރާއްޖޭގައި ތްރީޑީ މަސައްކަތް (ޑިފިކަލްޓް، ޑޭންޖަރ، ޑާޓީ) ޢާއްމުކޮށް ކުރަނީ ބިދޭސީންނެވެ. ހުރިހާ އުނދަގޫ، ނުރައްކާތެރި އަދި ނުތާހިރު މަސައްކަތް އަޅުގަނޑުމެންނަށްކޮށްދޭ އެ މީހުންނާމެދު ރޯދަމަހު އަޅުގަނޑުމެން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟
ރޯދަމަހަކީ އޯގާތެރި ކަމާއި ބަރަކާތްތެރި ކަމުގެ މައްސަރަށްވީ ހިނދު ބިދޭސީ ލޭބަރުންނަށް އެއްވެސް ލުއި ގޮތްތަކެއް ހަމަ ޖައްސާދީފައިވޭހެއްޔެވެ؟ ބައެއް ތަންތަން ނުން އެމީހުންގެ މަސައްކަތުގަޑި ކުޑަކޮށްދީފައިވެއެވެ. އަޅުކަމަށް ވެސް އާދައިގެ މަހަށްވުރެ ބޮޑަށް ވަގުތުދެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެއްވެސް ބެލުމެއްނެތި އެމީހުން ލައްވާ މަސައްކަތް ކުރުވައެވެ. އަވިބާރު ދުވަސްތަކުގައި މަގުމަތި ސާފުކުރުވުމާއި، ފަޅުގޯތިތައް ސާފުކުރުވުމާއި ރޭނުމާއި، ސިމެންތީގެ މަސައްކަތް ކުރުވަމުންދާތަން ވެސް ފެނެއެވެ.
އޯގާތެރި، މެހުމާންދާރީ އަދާކުރަން ފަރިތަ ޚުލްގުހެޔޮ ބައެއްގެ ގޮތުގައި ދިވެހިން ވަނީ މަޝްހޫރުވެފައެވެ. އެހެންނަމަވެސް ބައެއްފަހަރު ބައެއް މީހުން އެކަން އެބަ ހަނދާންނެތިގެންދެއެވެ. ރޯދަމަހު އެކަން އެގޮތަށް ވިޔަދީގެން ނުވާނެއެވެ.
"ރޯދަމަސް ކައިރިވުމުން އެރަށެއްގައި އުޅޭ އެންމެހާ ބިދޭސީން އެކައްޗެއް ކިޔައި އެއްގެއަކަށް ކާޑާއި އެހެން ސާމާނު ޖަމާކުރޭ. އެމީހުންގެ ރޯދަވީއްލުމާއި ހާރުކެއުން ހަމަޖެހިފައިވާނީ އެތަނެއްގައި. ކައްކާނީ އެންމެން ގުޅިގެން،" ބިދޭސީންނާ ގާތް ގުޅުމެއް ބާއްވާ މީހަކު ބުންނެވެ.
އެހެންނަމަވެސް ބިދޭސީންގެ ތެރެއިން ގިނަ މީހުން ރޯދަ ވީއްލަންދަނީ މިސްކިތަށެވެ. މިސްކިތުން ރޯދަ ވީއްލާއިރު އެމީހުންގެ އެހީތެރިކަމާއި އަޅާއިލުން ދިވެހިންނަށް ލިބެއެވެ. އެހެންނަމަވެސް ދިވެހީންގެ ފަރާތުން ދިވެހީންނަށް ނުވަތަ ބިދޭސީންނަށް އެކަމެއް ނުހުރެއެވެ. "އެއް ދުވަހަކު ރޯދަ ވީއްލަން މިސްކިތަކަށް ދިޔައިން. އެތަނުގައި ޖޫހާއި އޭތި މީތިހުރި. އަހަރެމެން ދިޔަ ތަނާ އެތާތިބި ބަނގްލަދޭޝް މީހުން ތަށި ހޯދައިގެން އެއަށް ޖޫސްއަޅައިގެން އައިސް އަހަރެމެންނަށް ދިން. އެތާގައި ތިބި ދިވެހީންގެ ފަރާތުން އެފަދަ ކަމެއް ނުފެނޭ. ބޮޑުވަރު ވިޔަސް ބުނަނީ ރޯދަ ވީއްލަންވީ ނޫންހޭ. އޭގެ ބަދަލުގައި ބިދޭސީން ޢަމަލުން އެކަން ކޮށްދީނީ، އެއީ ވަރަށްބޮޑު ތަފާތެއް" ރާއްޖޭގެ މަޝްހޫރު ސްޓޭޝަނެއްގައި މަސައްކަތްކުރާ ނޫސްވެރިއަކު ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބިދޭސީންނަށް ރޯދަވީއްލުންތައް މިހާރު އެބަދެއެވެ. އަމިއްލަ ގައުމުން ބޭރުގައި ނިކަމެތިކޮށް އުޅެމުންދާ ބިދޭސީންނަށްޓަކައި އެފަދަ ކަމެއް ކޮށްދޭ ބަޔަކު ރާއްޖޭގައި ތިބުމަކީ އަދިވެސް ދިވެހިންގެ އޯގާތެރިކަމާއި މެހުމާންދާރީ އެގޮތުގައި އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. ރޯދަމަސް ނިމުމަށްފަހު ވެސް ހިތްހެޔޮ ކަމާއި އޯގާތެރިކަން އިސްކުރުން ހުއްޓެވެ.