ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއަތްޕުޅުން ހަނގުރާމަ ކުރައްވަން އަދި ޖެހިވަޑައިގަންނަވާނެ: ޢުމަރު

ޢުމަރު ނަސީރު (މ) ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްއާއެކު

އެމްޑީޕީގެ މިވަގުތު އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެ އަތްޕުޅުން ވެސް ހަނގުރާމަ ކުރައްވަން އަދި ޖެހިވަޑައި ގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ރައީސް އިބްރާހީމް ކަނާތްޕުޅުން ހަނގުރާމަ ކުރައްވަން އަދި ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޙަރަކާތްތެރިވާން ފެށުމުން އެ ހުނގުރާމަ ފަށްޓަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ވައަތްޕުޅުން މިހާރުވެސް ގެންދަވަނީ ހަނގުރާމަ ކުރައްވަމުން ކަމަށާއި އެއީ އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ކުރައްވާ ހަނގުރާމައެއް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ގެންދަވަނީ ވައަތްޕުޅުން ކަނޑި ހިއްޕަވައިގެން ހަނގުރާމަ ކުރައްވަމުން. އަދި ކަނާތްޕުޅުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވެސް ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ދުވަސް ވެސް އަންނާނެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ މިހާރުވަނީ ދެ ފެކްޝަނަކަށް ބެހިފައި ކަމަށެވެ. އެއީ ބަޔަކު ޤަބޫލުކުރަން ބޭނުންނުވިޔަސް މިހާރުގެ ޙަޤީޤަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ދެބައި ވިޔަސް އޭގެ އެއްވެސް ފައިދާއެއް އަދި އިދިކޮޅަށް ނުކުރާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

އޭނާ މިއަދު ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކަށްވަޅު އެމީހުން އަމިއްލައަށް ކޮންނާނެ ކަމަށެވެ. މިފަހަރު އިދިކޮޅު ފަރާތްތަކުން އެކަން ކުރަން ނުޖެހޭނެ ކަމަށް ވެސް ޢުމަރު ވަނީ އެފްބީ ޕޭޖުގައި ލިޔުއްވައިފައެވެ. "މިފަހަރު އަޅުގަނޑުމެން (އިދިކޮޅު) އަށް ޖެހޭނީ ހަމައެކަނި އުދަލި ދިއްކޮށްލަން" ޢުމަރު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީގެ ރައީސް ނަޝީދާއި، ނާއިބު ރައީސަކަށް އީވާ ޢަބްދުﷲ ގެންނެވުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމެވުމުން އެކަމަށް ނުސީދާ ކޮށް ޢުމަރު ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ "ރައީސް މައުމޫން، އިލްޔާސް އިބްރާހީމް އަދި މަރުޙޫމް ޢަބްދުﷲ ޙަމީދު ޤައުމު ހިންގެވި ދުވަސްވަރު އެމްޑީޕީން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޢާއިލީ ވެރިކަމުގެ ވާހަކަ. މިއަދު މިޖެހުނީ ކޮންތާކުތޯ؟ ޢާއިލާއިން ބޭރުމީހަކަށް އެއްވެސް ފުރުޞަތެއްނެތް" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.