ހެއްވާ: ހުސްހަށިބައި މީހުންގެ ކުލަބާއި، ތަލަ މީހުންގެ ކުލަބު

ހުޅަނގަކީ ޙައިރާން ވާ ކަހަލަ އެތައް ކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިން ވަނަ ދުނިޔޭގެ "ކަޓު" މީހުންނަށް ވިސްނައި ނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢު ތަކުން ފެންނާން އެބަ ހުއްޓެވެ. އެ މީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށި ކަމުންނެވެ.

ހުޅަނގުގެ ޤައުމު ތަކުގައި އެކި ކަންކަމަށް އެކި ކުލަބު ހަދާފައި ހުރެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިހަށް ހުރި، ސަރުކާރު މުވައްޒަފުންގެ ނާދީ ކަހަލަ ކުލަބު ތަކެވެ. ބައެއް ޤައުމު ތަކުގައި ހުސްހަށި ބައި މީހުންގެ ކުލަބު ހުރެއެވެ. އެ ކުލަބުގެ ޤަވާޢިދުގެ ފުރަތަމަ މާއްދާ ގައި އޮންނަ ގޮތުން ކުލަބު ގެ މެންބަރަކު އަންހެން ކުއްޖަކާ ވާހަކަ ދައްކައިފި ނަމަ ޖުރުމާނާ ކުރެވޭނެއެވެ. ޖުރުމާނާ ކުރެވޭ ޢަދަދު ކަނޑައަޅާނީ ވާހަކަ ދެއްކި ކުއްޖެއްގެ ރީތި ކަމާއި، އަސަރު ގަދަ ކަމަށް ބަލައިފަ އެވެ. ޖުރުމާނާ ކޮށްގެން ކްލަބަށް ލިބޭ ފައިސާ ޚައިރާތުގެ ގޮތުގައި ބަހައިލަނީއެވެ.

ދެން ހުންނަނީ ސަރލީ ކުލަބެވެ. މިއީ އަދި މާ ޙައިރާން ވާ ކަހަލަ ކުލަބެކެވެ. މި ކުލަބުގެ މެންބަރެއްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއްގެ އަސަރު އައިސްގެން ނުވާނެ އެވެ. އެންމެން ތިބެން ވާނީ ތުން ދަމާ އޫ ކޮށްގެންނެވެ. މިއީ ހުނުމާއި، ހިނިތުންވުން މަނާ ކުލަބެކެވެ.

ދެން އޮތީ ފަލަ މީހުންނަށް އޮތް ޚަބަރެކެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ލަންޑަނުގައި ހުޅުވުނު ކުލަބެއްގެ ވާހަކަ އެވެ. އެއީ ފަލަ މީހުންގެ ކުލަބެވެ. މި ކުލަބުގެ ނަމަކީ ކޯރޕިއުލެންޓް ކުލަބެވެ. މި ކުލަބަށް ވަދެވެނީ ދެ ދޮރަކުންނެވެ. އެއް ދޮރަކީ މެދު މިނަކަށް ހަދާފައި ހުންނަ އާދައިގެ ދޮރެކެވެ. އަނެއް ދޮރަކީ ފަށް ޖަހާ ދޮރެކެވެ. މެމްބަރަކަށް ވާން އެދޭ މީހާ ފުރަތަމަ ވަންނަން ޖެހެނީ އާދައިގެ ދޮރުންނެވެ. އެއްވެސް އުނދަގުލަކާ ނުލައި އެ ދޮރުން ވަދެވިއްޖެ ނަމަ އޭނާ އަކަށް މެންބަރަކަށް ނުވެވޭނެ އެވެ. އެ ދޮރުން ނުވަދެވި ތާށިވެއްޖެ ނަމަ، އެއްކަލަ ފަށް ޖެހި ދޮރު ހުޅުވޭނެ އެވެ. އެ ދޮރުން ވަނީމާ އެ އޮތީ މެންބަރަކަށް ވެވިފައެވެ.

ހަމްޑްރަމް ކުލަބާއި، މަމްސް ކުލަބަކީ ވެސް ބައެއް މީހުން ވަންނަ ހިތް ވާ ކުލަބަކަށް ވެދާނެއެވެ. މި ކުލަބަށް ވަނުމާ އެކު ޖެހެނީ ސިގިރޭޓް ބޯން ފަށާށެވެ. އެއްގޮތަކަށްވެސް ހުއްޓާލައިގެން ނުވާނެއެވެ. އެއްޗަކު ފުލު އެއްޗެއް ރޯ ކުރަން ވާނެ އެވެ. މެންދަމު ބާރަ ނުޖަހަނީސް އަނގައިންވެސް ބުނެގެން ނުވާނެއެވެ. ގަޑިން މެންދަމު ބާރަ ޖެހުމާ އެކު އެކަކު އަނެކަކާ ސަލާން ކޮށްފައި ގެއަށް ދާންވީ އެވެ. އިތުރު ވާހަކައެއް ދައްކައިގެން ނުވާނެއެވެ.

އެމެރިކާގެ ފިލަޑެލްފިއާގެ 135 މީހުން އެކުވެގެން ހެދި ކުލަބަކަށް ކިޔާ ނަމަކީ ސެވަން އޮކްލޮކަރސް ކްލަބެވެ. މި ހުރިހާ އެންމެންވެސް މަސައްކަތް ކުރަނީ ނިވް ޔޯރކް ގައެވެ. ކޮންމެ ދުވަހަކު މަސައްކަތަށް ދާން ޖެހެނީ ރޭލުގައި ނުވަދިހަ މޭލުގެ ދިގު ދަތުރެއް ކޮށްފައެވެ. ފިލަޑެލްފިއާ އިން ރޭލު ފުރަނީ ހެނދުނު ހަތެއް ޖަހާ އިރުއެވެ. އެނބުރި ފިލަޑެލްފިއާ އަށް އަންނަނީ އިރުއޮއްސި ހަތެއް ޖަހާ އިރުއެވެ. ކްލަބްގެ ނަމަކަށް ސެވެން އޮކްލޮކަރސް ކްލަބޭ ކިޔަނީ އެހެން ވެގެންނެވެ.

މި ކުލަބު އުފެދުނު ކަމަށް ވަނީ 1972 ވަނަ އަހަރުއެވެ. މި ކުލަބުގެ ސަބަބުން ރޭލްވޭ ސްޓޭޝަނަށް ވަރަށް ފައިދާ ކުރެ އެވެ. އެހެންވީމާ މި 135 މީހުންނަށް ޚާއްޞަ ވަތްގަނޑެއް އެރޭލުގައި ހުރެއެވެ.

ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާ އިރު ހުރިހާ އެންމެން މި ޚާއްޞަ ވަތްގަނޑަށް އަރާނެއެވެ. އަދި އެކަކު އަނެކަކަށް ސަލާން ގޮވައިލާނެއެވެ. ސަލާމަކަށް ގޮވަން ޖެހެނީ "ހެލޯ- ކްލޮކަރ-" މިހެންނެވެ. މި ޢިބާރާތް ބޭނުން ނުކުރާ ކޮންމެ މީހަކު ޤަވާޢިދުން ޖުރުމާނާ ކުރެވޭނެއެވެ.

އެމެރިކާ ގައި މި ނޫނަސް މި ބާވަތުގެ އެތައް ކުލަބެއް ހުރެއެވެ. އޭގެ ތެރޭގައި ހުތުރު މޫނު ކުލަބު، ފޮޑި ޖަހާ މީހުންގެ ކުލަބު، ކަރު ހިމަ މީހުންގެ ކުލަބު، ތަލަ މީހުންގެ ކުލަބު މިހެން ގޮސް އެތައް ކުލަބެއް ހުރެއެވެ.

ދިވެހިރާއްޖޭގައިވެސް މި ބާވަތުގެ ކުލަބުތައް ހަދަން މިވަނީ ޖެހިފައެވެ. މިސާލަކަށް އެޅިހައި ބަތަކަށް ރިހަ، ކުލަބާއި، މީސްމީހުން ފަރާތަށް ހަދައިގެން އުޅޭ މީހުންގެ ކުލަބާއި، ބާޣީ ކުލަބާއި، ޣާޒީ ކުލަބާ މިހެން ގޮސް ކިތަންމެ ކުލަބެއް ހެދިދާނެއެވެ. މިއިން ކޮންމެ ކުލަބަކަށްވެސް ވަންނާނޭ މީހުން ވަރަށް ގިނަވާނެކަން ޔަގީނެވެ. މިއީ އަޅެ ދޮގެއްތޯއެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.