ޢަލީ އަޙްމަދަކީ ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދެތިން ރިސޯޓާއި މަސް ބަންދުކުރާ ކާރުޚާނާތައް ހިންގާ މީހެކެވެ. އޭނާގެ ޖުމުލަ މުވައްޒަފުންގެ އަދަދު ހާހުން ގުނައިލެވެއެވެ. އޭނާ ހިންގާ މަސް ބަންދުކުރާ ކާރުޚާނާއެއް ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ހުރެއެވެ.
ޢަލީ އަޙްމަދަކީ މާ ގިނައިން އޭނާގެ މުވައްޒަފުން މަސައްކަތްކުރާ ތަން ބަލަން އާދަވެފައި ހުންނަ މީހަކަށް ނުވިޔަސް، ދޭތެރެ ދޭތެރެއިން އަންގައިނުލައި ގޮސް އެ ތަންތަނަށް ވަދެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމަކީ އޭނާ ކުރާ ކަމެކެވެ.
މި ގޮތުން އަތޮޅުގައި ހުރި މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތް ހުރިނެތް ގޮތް ބަައިލަން ދާން އޭނާ ގަސްތު ކޮށްފިއެވެ.
ފުރައިގެން ދިޔައިރު މާލޭގެ އޮފީހުގެ މީހަކަށްވެސް ނާންގައެވެ. އެއް ދުވަހަކު ހެނދުނު ފުރައިގެން ދިޔައީއެވެ.
ވައިގެ ބަނދަރުން އޭނާ ސީދާ ދިޔައީ ކާރުޚާނާއަށެވެ. އެ ވަގުތަކީ އެންމެ ކާރުބާރޫ ބޮޑު ވަގުތަށް ވާތީ ހުރިހައި އެންމެން ވަރަށް އަވަދި ނެތި މަސައްކަތުގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަކަށް މިއީ ކާކު ކަމެއްވެސް ނޭނގެއެވެ. އެހެންވީމާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
ކާރުޚާނާގެ މެނޭޖަރަށް ޢަލީ އަޙްމަދު އެނގޭތީ އޭނާ ފަހަތުން ހިނގަމުން ދިޔައެވެ.
ޢަލީ އަޙްމަދު ވަދެގެން ބަލަމުން ދަނިކޮށް ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެއް ފަރާތު ފާރަކަށް ލެނގިލައިގެން ވަރަށް ފަރުވާ ކުޑަ ގޮތަކަށް ހުރި މީހެކެވެ. އޭނާ މަޑުމަޑުން ގޮސް އެމީހާގެ ގާތަށް ހުއްޓިއްޖެއެވެ. އެމީހާ ހަމަ ބަލައިވެސް ނުލިއެވެ.
ޢަލީ އަޙްމަދު ކުޑަކޮށް ނުރުހުން ވެފައި އަހައިލިއެވެ. "ކަލެއަށް މުސާރައާއި އިނާޔަތާއެކު މަހަކު ކިހައި ވަރެއް ލިބޭ ހެއްޔެވެ؟"
އޭނާ ޢަލީ އަޙްމަދާ ދިމާއަށް ފަރުވާ ކުޑަ ގޮތަކަށް ބަލައިލިއެވެ. އެއީ ކާކުކަން އޭނާއަށް ނޭނގޭކަން ޔަގީނެވެ. "މަހަކު ހަތް ހާސް ވަރު ޖެހެއެވެ."
ޢަލީ އަޙްމަދު ޖީބުން ރުފިޔާ ބޮނޑިއެއް ނަގައިފިއެވެ. އަދި ހަތް ހާސް ރުފިޔާ ގުނާފައި އޭނާއަށް ދީފައި ބުންޏެވެ. "މި އޮތީ ހަތް ހާސް ރުފިޔާއެވެ. ހަމަ މިހާރު މިތަނުން ނުކުމެގެން ދާށެވެ. މީގެ ފަހުން މިތަނަށް އެނބުރި އައިސްގެން ނުވާނެއެވެ."
އޭނާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ނުުކުމެގެން ހިނގައްޖެއެވެ.
އޭނާ ދިޔައީމާ ޢަލީ އަޙްމަދު މެނޭޖަރާ ސުވާލު ކުރިއެވެ. "އެ ފަރުވާ ކުޑަ ކަލޭގެ މި ކާރުޚާނާގައި މަސައްކަތް ކުރާތާ ކިހައި ދުވަހެއް ވެއްޖެ ހެއްޔެވެ؟"
މެނޭޖަރު ބުންޏެވެ. "އެއީ މިތާނގެ މުވައްޒަފެއް ނޫނެވެ. އަޅުގަނޑުމެން އޯޑަރު ކުރީމާ ޕިއްޒާ ހިފައިގެން އައި މީހާއެވެ!"