ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 15

(19 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހިންމަތު ރާއޯ! ވަރުބަލި ވެދާނެ. ތިޔައީ އެތައް ފަހަރަކު އެދުންވެރިކަމުގެ ޑާކު ބަނގުލާތަކުގައި ބޭލިފައިވާ ރޫޕާގެ ހެދުމެއް ނޫން. އެކި ހިނދުކޮޅު ވަކިވަކިން އަހަރެންގެ މޫނުގައި ވަކިވަކި އެތިފަހަރު ޖަހައިގެން، އަހަރެންގެ ހެދުން ގުލޯބު އާކަކަށް ހަދާނެ ގޮތް ވަނީ ދަސްކޮށްދީފައި. އެއީ މި ދުނިޔޭގައި އެއްވެސް ދުންތަރިއަކަށް އަހަރެންގެ ރުހުމާ ނުލައި ގިޔާމަތް ނުގެނެވޭނެ ގޮތުގެ މަތިން. ތިޔަ ތަނުން އަތް ދުރަށް ލައިފައި އަހަރެންގެ ވާހަކަ ފަރުވާތެރިކަމާ އެކު އަހާ. ވިޔަފާރިކުރެވޭނީ ވިޔަފާރީގެ އުސޫލުން. އެ އަތުން ދީފައި މި އަތުން ގެންދޭ. ފުރަތަމަ ކަލޭ އަހަރެން ގޮވައިގެން މި ތަނުން ހިނގާ. ގުލޯބު އާކަށް އެރުމުގެ ކަރުދާސްތައް އަހަރެންގެ ނަމުގައި ފުރިހަމަކުރޭ. އޭރުން އަހަރެން ގުލޯބު އާކުގެ ފުރަތަމަ ރޭ ކަލެއަށް ޚާއްޞަކުރާނަން."

މިހެން ބުނެފައި އޭނާ ހިންމަތު ރާއޯގެ ގަޔާ ވަކިވެއްޖެއެވެ. ހިންމަތު ރާއޯ އޭނާގެ އަތުގައި ހިފައިފައި ބުންޏެވެ.

"ތިޔައީ.. ރޫޕުވަތީ! ތިޔައީ އަނިޔާއެއް. ހަމައެކަނި އޮންނަންވާނީ ވިޔަފާރިއެއް ނޫން. ލޯބިވެސް އޮންނަންވާނެ."

"އަހަރެން މި ވަނީ ހަމަ ލޯތްބޭ. ދެކެބަލަ. އަހަރެން މިހިރީ އަހަރެންގެ އަތް ކަލޭގެ އަތަށް ދީގެން. އަހަރެން ކަލެއާ ލޯބިވެސް ކުރާނަން. ކަލޭ ކަރުހިއްކައިގަތީމާ ރާ ބޯންދޭނަން. ނިދިއައީމާ ބޯމޮޑެދީ ނިންދަވާނަން. އަހަރެންނަށް ކަލޭގެ ބާނދީއަކަށް ވެސް ވެވިދާނެ. އެކަމަކު ގުލޯބު އާކަށް ދިއުމުގެ ކުރިން ބާ މީހަކަށް ނުވެވޭނެ."

އޭނާ ދަހިވެތި ކަމާއެކު ރޫޕުވަތީގެ ދޮންދޮން އަތުގައި އަތްއުނގުޅަން ފެށިއެވެ. ދެން ދެރަވެއްޖެކަން ގަބޫލުކުރާ ރާގަކަށް ބުންޏެވެ.

"އެންމެ ރަނގަޅު. އެހެންވިއްޔާ ކަލޭގެ އަތުން ވިސްކީ ބޯންދީ."

އަނެއް ކޮޓަރީގައި ޝަންކަރު ބިޔަރު ބޮނީއެވެ. އޭނާ ބޭނުންވަނީ ފަތިސްވަންދެން އެ ގޮތަށް ބޮއިބޮއި އިންނާށެވެ. އެއީ ބައްޕަ ރުއްސާނެ ކޮންމެވެސް ތަދުބީރެއް ފަތިސްވާން ވާ އިރަށް ވިސްނިދާނެކަމުގެ އުންމީދުގައެވެ. އަޅުގަނޑުމެންގެ ދުނިޔޭގައި ކަންތައް ހިނގާ ގޮތަކީ މިއީ އެވެ. އެކެއްގެ ތަދުބީރު އަނެކެއްގެ ތަދުބީރު ބޭކާރުކޮށްލައެވެ. އެކަމުން އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަ ނަތީޖާއަށް އަޅުގަނޑުމެން ކިޔަނީ ތަގުދީރެވެ. އަނެއް ދުވަހު ޝަންކަރަށް ލޯބިވެރިއެއްގެ ބޭވަފާތެރިކަމާއި ބައްޕައެއްގެ ހުދުލޭގެ ކުޅިގަނޑު ފެނުމުން ތަގުދީރުގައި ލިޔެވިފައިވާ ހިތާމަވެރި ޑުރާމާ ވިސްނި ކަރުނަ އޮހޮރާނެއެވެ.

މެންދަމުން އަލިވެ އެކެއް ޖެހިތަނާ ގޭގެ ބޭރުން ކާރެއް އިސްޓާޓުކޮށްލި އަޑު އިވުނެވެ. އޭނާ ކޮޓަރިން ނުކުމެފައި ނޯކަރަށް ގޮވައިލިއެވެ. ނޯކަރު ހުރީ ބޭރުގައެވެ. އޭނާ ދުވެފައި އައެވެ. ޝަންކަރު ސުވާލުކުރިއެވެ.

"ބައްޕަ ބޭރަށް ދުރުވީތަ؟"

"ލައްބަ އޭނާ ދުރުވީ ޝުރީމަތީ ގެއަށް ލައްވަން."

"ކޮން ޝުރީމަތީއެއް؟" އޭނާ ހައިރާންވެފައި ސުވާލުކުރިއެވެ.

"ޝުރީމަތީ ރޫޕުވަތީ. އޭނާ މި ގޭގައި އުޅުއްވާތާ ކިތަންމެ އިރެއް. އުޅުއްވީ ބޮޑު ސާހިބުގެ ކޮޓަރީގައި."

ތިޔަ ދައްކަނީ ކޮން ވިޔާނުދާ ވާހަކައެއް؟ ރޫޕުވަތީ އައި ނަމަ އަންނާނީ އަހަރެންގެ ކޮޓަރިއަށް. ކަލޭ އަހަންނަށް ދޮގުހަދަނީ."

"އަޅުގަނޑަށް ދޮގުހަދާކަށް ނުކެރޭނެ. ބޮޑު ސާހިބު، ސާހިބާއާ ވާހަކަދައްކަވައިފައި ކޮޓަރިއަށް ދުރުވިތާ ކުޑަ އިރުކޮޅެއް ފަހުން ޝުރީމަތީ ވެސް ސާހިބާގެ ކޮޓަރިން ނުކުންނަވައިގެން ބޮޑު ސާހިބާގެ ކޮޓަރިއަށް ދުރުވީ."

"ރޫޕުވަތީ އަހަރެންގެ ކޮޓަރިން ނުކުމެގެން..." އޭނާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ. ބައްޕައާ ވާހަކަދެއްކި އިރު ކޮޓަރީގެ ތެރޭގައި ރޫޕުވަތީގެ މަތިން ހަނދާންވާ ކަހަލަ މީރުވަހެއް ހުރި ކަން އޭނާ ހަނދާންވިއެވެ. އޭގެ މާނައަކީ އޭނާ ކޮޓަރީގައި ފިލައި ހުރުމެވެ. އަދި އެ މީހުން ދެއްކި ވާހަކަތައް އަޑުއެހުމެވެ.

އޭނާ ހިނިތުންވަމުން ވިސްނަމުން ކޮޓަރިއަށް ދިޔައެވެ. "އަހަރެންގެ ފުރާނައާ! ކަލޭގެ ދިރިހުރުން ދެކެ ކަލޭ ކިހައި ލޯބިވޭ! ކޮންތާކު ލާނެތް ކުއްޖެއް. އަހަރެމެންގެ ވާހަކަތައް ސިއްރުން އަޑުއަހައިފި. އެ ވަގުތުއްސުރެން ދަރިފުޅާ އެކު، ވާން އުޅޭ ޅީދަރިފުޅު ވެސް ގުލޯބު އާކަށް ގެންދިއުމަށް ބައްޕަ އެއްބަސްކުރުވަނީ ކަމަށް ވެދާނެ."

އޭނާ ވިސްނަމުން އައިސް އެނދުގައި އިށީނެވެ. ބޯލާ ކޮޅުގައި ހުރި މޭޒުމަތީގައި އޭނާގެ ފޮޓޯ ހިނިތުންވޭވޭ ހުއްޓެވެ. އޭނާ ފޮޓޯ ފުރޭމު އަނބުރައިލިއެވެ. ފުރޭމުގެ އަނެއް ފަރާތުގައި ރޫޕުވަތީގެ ފޮޓޯ ހިނިތުންވޭވޭ ހުއްޓެވެ. އޭނާ ފޮޓޯ ހިފައިގެން އެނދުގައި އޮށޯތެވެ. ދެން އެ ފޮޓޯއާ ވާހަކަދައްކަން ފެށިއެވެ.

"ރޫޕާ! ބައްޕަ އަހަރެންގެ ވާހަކައެއް ގަބޫލެއްނުކުރައްވާ. ކަލޭގެ ވާހަކަ ގަބޫލުކުރައްވާނީ ކިހިނެއް. ބައްޕަ ބާރުއަޅުއްވަނީ އަހަރެން ބައްޕައާ އެކު ދިއުމަށް. އަހަރެން ބާރުއަޅަނީ ކަލެއާއެކުގައި މި ތާނގައި މަރުވުމަށް. ކަލޭ މަރުވާކަށް ނޭދޭކަން އަހަންނަށް އެނގޭ. އެކަމަކު ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން އަހަންނާ އެކު ގިޔާމަތާ ކުރިމަތިލާން މަޖުބޫރުވާނެ. ބައްޕަ އަހަރެންގެ މަތިން މާޔޫސްވެލައްވައިގެން އެކަނި ނުވަތަ ކޮންމެވެސް މީހަކާ ކައިވެނިކުރައްވައިގެން އޭނާ ގޮވައިގެން ގުލޯބު އާކަށް ދުރުވެދާނެ. ކަލެއަކީ ވާން އުޅޭ ޅީދަރިފުޅު. ކަލޭ ގޮވައިގެންނެއް ބައްޕައަކަށް ނުދުރުވެވޭނެ."

އޭނާ ފޮޓޯ މޭގައި ޖައްސައިލިއެވެ. 28 ޑިސެންބަރުގައި ރޫޕުވަތީ އޭނާއާ އެކު ގިޔާމަތުގެ ގަޑިތައް ހޭދަކޮށްލާނެ ކަމުގެ ޔަގީންކަމުގައެވެ.

އަނެއް ދުވަހު ހެނދުނު ހިންމަތު ރާއޯ ޝަންކަރު ގާތު ބުންޏެވެ.

"ރޫޕުވަތީ އައި. ދަރިފުޅާ އެކު އޭނާ ވެސް ގުލޯބު އާކަށް ގެންދިއުން އެދި ބައްޕައަށް އާދޭސްކުރި. އެކަމަކު ބައްޕަ ކަނޑައެޅިގެން ދެކޮޅު ހެދިން. ބައްޕައަށް ގެންދެވޭނީ ކޮންމެވެސް އެކަކު ކަމަށާއި ބައްޕަ ބޭނުމީ ޝަންކަރު ގޮވައިގެން ދާން ކަމަށް ބުނިން. އެކަމަކު ދަރިފުޅު އޭނާ ދޫކޮށްލައިފައި ދާން ބޭނުން ނުވާތީ އޭނާއާ ދަރިފުޅާ ދެ މީހުން ތިބޭށޭ ބައްޕަ އެހެން މީހަކު ގޮވައިގެން ހިނގައިދާނަމޭ ބުނިން."

"ބައްޕާ! އެހެން މީހެކޭ ތިޔަ ބުނުއްވި ބުނުއްވުމުގެ މާނައަކީ ބައްޕަ ކައިވެނި ކުރައްވާ ވާހަކަތޯ."

"މިއަދު ހަވީރު ބައްޕައަށް ދާން ޖެހޭ. ކައިވެނިކުރާނެ ވަގުތެއް ނެތް. އެހެންވީމާ ކޮންމެވެސް މީހަކު ފުރެންޑަކަށް ހަދައިގެން ގެންދާނީ. އެ ތަނަށް ގޮސްފައި ކޯޓު މެރިޖު ކޮށްލާނީ."

"ބައްޕާ! އަޅުގަނޑު ވަރަށް އުފާވެއްޖެ. އަވަހަށް ބުނުއްވާ. އަޅުގަނޑުގެ މަންމައަކަށް ވާން އުޅޭ ނަސީބުވެރިއަކީ ކާކުތޯ؟"

"ދަރިފުޅާ! އޭނާ ވަރަށް ރީތި. ދަރިފުޅަށް އޭނާ ފެނުމުން ދަރިފުޅުގެ ހިތް އުފަލުން ފޮޅޭނެ. އެކަމަކު ކައިވެނީގެ ކުރިން އޭނާ ބައްޕައާ އެކުގައި ހުއްޓައި އެއްވެސް މީހަކަށް ފެންނާކަށް އޭނާ ނޭދޭ. ބައްޕަ ވަރަށް ބާރުއެޅިން. އެންމެ ކުޑަ މިނުން ދަރިފުޅާ ބައްދަލުކޮށްލުމަށް ބުނިން. އެކަމަކު އެއީ ވަރަށް ލަދުރަކި ކުއްޖެއް. ދަރިފުޅާ ވެސް ބައްދަލުކުރާކަށް އެއްބަހެއް ނުވި."

"ތިޔަ ލަދުގަތުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު ކޮންމެ ގޮތަކުން ވެސް މަންމަ ދެކޭނަން."

"ދަރިފުޅާ! އޭރުން ގަޑުބަޑު ވެދާނެ. ދަރިފުޅު ގަދަކަމުން އޭނާ ދެކެން އުޅެފިނަމަ އޭނާ ބައްޕަ ދެކެ ރުޅިއަންނާނެ. ބައްޕަމެން ޖަރުމަނަށް ގޮސްފައި ކައިވެނިކުރާ ދުވަހު ދަރިފުޅު އެ ތަނަށް ގެންދާނަން."

"އޯހ. ބައްޕާ! އަޅުގަނޑު ޖަރުމަނަށް ގޮސް މަންމަ ދެކޭ ދުވަހަކީ ކޮންފަދަ ގިޔާމަތެއްގެ ދުވަހަކަށް ވާނެބާ. ކޮންމެ ގޮތެއް ވިޔަސް، ސިއްރުން ބަލަން ޖެހުނަސް އެއަރޕޯޓުން ކޮންމެވެސް ގޮތަކުން މަންމަ ދެކޭނަން."

"ދެކެން ހަދާނީ ކިހިނެއް؟"

"އަޅުގަނޑު ބައްޕައާ އެކު އެއަރޕޯޓަކަށް ނުދާނަން. މިއީކީ އަޅުގަނޑުމެންގެ އެންމެ ފަހުގެ ބައްދަލުވުމެއް ނޫން. ޖަރުމަނުގައި އަދި އެއްފަހަރު އަޅުގަނޑުމެން ބައްދަލުވާނެ. އެހެންވީމާ މި ހިސާބުން އަޅުގަނޑު ބައްޕައާ ވަކިވާނަން. އެއަށްފަހު ރޫޕުވަތީ ގޮވައިގެން އެއަރޕޯޓަށް ދާނަން. ބައްޕަ މަންމަ އާއެކު ބޯޓާ ދިމާއަށް ދުރުވާ އިރު އަޅުގަނޑުމެން ޓާމިނަލް ބިލްޑިންގުގެ ޓެރެހުގައި ތިބޭނަން. އަޅުގަނޑު ރޫޕުވަތީއަށް ދުރުމިން މަންމަ ދައްކައިފައި ބައްޕައާ އެކީ އެ ދަނީ ވާން އުޅޭ މައިދައިތައޭ ބުނާނަން."

މިހެން ބުނެފައި އޭނާ ހޭންފެށިއެވެ. ދެން ރޫޕުވަތީއާ އެކު އޭނާ ޕުރޮގްރާމު ތައްޔާރުކުރުމަށް ރޫޕުވަތީގެ ގެއާ ދިމާއަށް ދިޔައެވެ. ހިންމަތު ރާއޯ ހުރީ ހިނިތުންވެފައެވެ. އޭނާ ހިތަށްއަރައެވެ. ޕުޝްޕާއާއި ބަލްދޭވު އެބައިމީހުންގެ ދަރިފުޅު އަހަރެންގެ އުނގަށް ލައިފައި މުޅި ދިރިއުޅުން ވޭތިކޮށްލީ ހިނިތުންވުމުގައެވެ. މިހާރު ދެން އެމީހުންގެ ދަރިފުޅަށް ހަމަނުޖެހުން ލިބުމުން އެމީހުންގެ ފުރާނައަށް ވެސް ހަމަނުޖެހުން ލިބޭނެއެވެ. އާހް. އަހަރެންގެ މެއަށް އެބަ ފިނިކަމެއް ލިބެއެވެ.

ޝަންކަރު އޭނާގެ ލޯބިވެރިޔާގެ ގެއަށް ދިއުމުން އެނގުނީ އެ ދުވަހު ހެނދުނުއްސުރެން އޭނާ އުޅެނީ ބާޒާރުކުރުމުގައި މަޝްޣޫލުވެގެން ކަމެވެ. ކޮންމެވެސް ތާކަށް ދާން ތައްޔާރުކުރަނީއެވެ. އޭނާ ރޫޕުވަތީ ހޯދަން ބާޒާރުތަކުގައި އެނބުރެން ފެށިއެވެ. މަދަރާސީއަކީ ކުޑަކުޑަ ރަށެއް ނޫނެވެ. ކޮންމެވެސް ޝޮޕިން ސެންޓަރަކުން އޭނާ ފެންނާނީ އެހެން ނަމަތާއެވެ. ގާތްގަނޑަކަށް ހަތަރު ގެލަން ޕެޓުރޯލު އަންދައިލުމަށްފަހު އޭނާ ހަވީރު ގެއަށް އައި އިރު ހިންމަތު ރާއޯ އެއަރޕޯޓަށް ގޮސް ނިމިއްޖެއެވެ. އޭނާ ރޫޕުވަތީއަށް ފޯނުކުރިއެވެ. އޭނާގެ ގެއިން ބުނީ ބޮޑު ދެ ސޫޓުކޭސް ހިފައިގެން ކޮންމެވެސް ތަނަކަށް ހިނގައްޖެ ކަމަށެވެ. ގޭ މީހުން ގާތު އޭނާ އެކައްޗެކޭ ވެސް ނުބުނެއެވެ. އެހައި ގިނަ އެއްޗެހި ގެންދިޔައީމާ އޭނާ އެ ދިޔައީ ދަތުރަކަށް ކަން އެނގެއެވެ.

ޝަންކަރު އަތްގަނޑު ބާއްވައިފައި ވިސްނަން ފެށިއެވެ. އޭނާ ދާނީ ކޮންތާކަށް ބާވައެވެ؟ އޭނާއަކީ އަރާމުގައި އުޅެން ބޭނުން މީހެކެވެ. ކާރުގައެއް ނުވަތަ ރޭލުގައެއް އޭނާ ދަތުރެއް ނުކުރާނެއެވެ. އެހެންކަމުން މި ވަގުތު އޭނާ ދާނީ ހަމަ އެއަރޕޯޓަށެވެ. މިހެން ހިތަށްއެރުމުން ކާރުގައި އެއަރޕޯޓަށް ދިޔައެވެ. ފުލައިޓުގެ ގަޑި ޖެހިއްޖެއެވެ. މިހާރު ދެން ވ.މ.މ. ކޮޓަރިއަކުން ހިންމަތު ރާއޯއަކާ ބައްދަލެއް ނުކުރެވޭނެއެވެ. އޭނާ ދުރުމި ހިފައިގެން ސީދާ ޓެރަހަށް ދިޔައެވެ. ވަރަށް ގިނަ މީހުން އޭރު ބޯޓާ ދިމާއަށް ދެއެވެ. އޭނާ ލޮލުގައި ދުރުމި ޖައްސައިލައިފައި ބަލައިލިއެވެ. ފެންނަނީ ދާ މީހުންގެ ފުރަގަހެވެ.

އޭނާއަށް އޭނާގެ ބައްޕަ ފެނުނެވެ. އެކަމަކު ބައްޕައާ އެކުގައި ދާ އަންހެން މީހާގެ ފުރަގަހާއި އަޅައިގެން ހުރި ހެދުން ފެނިފައި ކުއްލިއަކަށް އޭނާގެ ހިތް ތެޅެންފެށިއެވެ. އޭނާއަށް ދުރުމިން އެ ފެންނަނީ ރަނގަޅު ކުޅިވަރެއް ކަމެއް ޔަގީނެއް ނުކުރެވުނެވެ. އޭނާ ލޮލުން ދުރުމިނަގައިފައި ބަލައިލިއެވެ. ދެން އަނެއްކާ ދުރުމިއަޅައިފައި ބަލައިލއެވެ. ވިހަ ހަގީގަތަކީ ކޮންމެހެން ދުރުމިއަޅައިފައި ބަލަންޖެހޭ އެއްޗެއް ނޫނެވެ. އޭނާއަށް ފުރަތަމަ ފެނުމުން ވެސް އެނގުނެވެ. އެކަމަކު ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން އެނގޭ އިރު ވެސް ނޭނގޭ ކަމަށް ހެދެނީއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.