(17 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މޮޔަނުވޭ! ތިޔައީ ލޯތްބެއް ނޫން. މޮޔަކަން. ބައްޕަމެން އެންމެން ގާތުގައި ވެސް ބުނެފައި އޮތީ އައު ދުނިޔެ އާބާދުކުރަން ކޮންމެ މީހަކަށް ވެސް ހަމަ އެކަނި އެންމެ އަންހެނެއް ގުލޯބު އާކަށް ގެންދެވިދާނެ ކަމަށް. ބައްޕަ ބުނެފައި އޮންނާނީ ބައްޕައާ އެކުގައި ދާނީ އަންހެނެއް ނޫން ކަމަށާއި ދަރިފުޅު ކަމަށް. ދަރިފުޅު ވެސް ނިކަން ވިސްނަބަލަ. ބައްޕަވެސް ކައިވެންޏެއް ކުރަން ބޭނުން. ބައްޕައަށް ކޮންމެވެސް މީހަކާ އިނދެގެން އެ މީހާ ގޮވައިގެން ވެސް ދެވިދާނެ. އެކަމަކު ބައްޕަ ލޯބިވަނީ ދަރިފުޅު ދެކެ. ނަމަވެސް ދަރިފުޅު ބޭނުންވެގެން ތިޔަ އުޅެނީ ބައްޕަގެ ލޯބި ބޮލާލައި ޖަހައިފައި ފިލްމު އެކުޓުރެހަކާ އެކު މިތާނގައި މަރުވާން."
އޭނާ އަޅައަޅައިގެންފައި ބުންޏެވެ. "ބައްޕާ! އަޅުގަނޑު އިމުތިހާނު ނުކުރައްވާ. ރޫޕުވަތީ ވަނީ އަޅުގަނޑާ އެކު ދިރިހުންނާށާއި މަރުވާން ހުވާކޮށްފައި. އަޅުގަނޑުވެސް އޭނާ ކޮށްފައި ވާ ހުވައާ އެއްގޮތަށް ކަން ކުރާނަން. ރަނގަޅު ވާނީ ބައްޕަ އަވަހަށް ކައިވެންޏެއް ކުރެއްވިއްޔާ. އަދި އައު މަންމަޔާ އެކު އައު ދުނިޔެއާ ދިމާއަށް ދުރުވިއްޔާ."
ހިންމަތު ރާއޯ އިން ތަނުން ތެދުވެފައި ރުޅި އައިސްފައި ބުންޏެވެ.
"ދަރިފުޅު ބައްޕަގެ މަޝްވަރާ ގަބޫލުނުކުރަންޏާ ކޮންމެހެން ބައްޕައަށް މަޝްވަރާދިނުމުގެ ބޭނުމެއް ނެތް."
އޭނާ ވިސްކީ ފުޅި ނަގައިގެން ދާން ފެށިއެވެ. ޝަންކަރު އޭނާއަށް ގޮވައިލިއެވެ.
"ބައްޕާ! ނިކަން އައްސަވަބައްލަވަ..."
އޭނާ ދޮރާ ހަމައަށް ހުއްޓިފައި އެނބުރިލައިފައި ބުންޏެވެ. ބައްޕަ ނިންމައިފައި އޮތް ގޮތް ދަރިފުޅު ގާތު ބެނެފިން. ދަރިފުޅު ނިންމި ގޮތެއް މާދަމާ ހެނދުނު ބައްޕަ ގާތު ބުނޭ. ބައްޕަ މިހިރީ ވަރަށް ވަރުބަލިވެފައި. މިހާރު ބައްޕަ އަރާމުކުރިޔަދީ!"
އޭނާ އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ޝަންކަރު އޭނާގެ ކޮޓަރީގައި ކަންބޮޑުވެގެން ހުރެ ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާ ކަންބޮޑުވެފައި ވަނީ ވަކި ގޮތެއް ނިންމަން ވާތީއެއް ނޫނެވެ. އެހެނީ އޭނާ ހިތުގެ އަޑިން ނިންމައިފައި ވަނީ ރޫޕުވަތީއާ އެކު ގިޔާމަތާ ކުރިމަތިލުމަށެވެ. އޭނާ ކަންބޮޑުވެފައި ވަނީ ބައްޕަ ސަލާމަތުން އައު ދުނިޔެއާ ދިމާއަށް ފުރާ ވަގުތު ބައްޕަ ރުޅިއަރުވައިލަން ބޭނުންނުވާތީއެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގިޔަކަސް އެއްވެސް ކަމެއް ހަމައެއް ނުޖެހޭނެއެވެ. ހޫނުވާ ވަރުން ސިކުނޑި މަސައްކަތެއް ނުކުރެއެވެ. އޭނާ ވިސްނައިލިއެވެ. ފުރަތަމަ ފެންވަރަންވީއެވެ. ދެން ފިނިފިނި ބިޔަރު ބޮމުން ބައްޕަ ރުއްސާނެ ކޮންމެވެސް ތަދުބީރެއް ކުރާނީއެވެ. އެ ޚިޔާލު އައުމާ އެކުގައި ހެން އޭނާ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ.
ފާޚާނާގެ ދޮރު ލެއްޕުމާ އެކު ކޮޓަރީގެ އަނެއް ދޮރުގެ ފޮތިގަނޑު ކެހުނެވެ. ރޫޕުވަތީ ދޮރުފަތުގައި ކަންފަތް ޖަހައިފައި އަޑު އެހިއެވެ. ފާޚާނާގެ މާގަނޑުން ފެން އޮހޭ އަޑު އިވެއެވެ. އޭނާ ހަމަޖެހުމާ އެކު ހިނގަމުން އެނދުގެ ބޯލާ ކޮޅުގައި ހުރި މޭޒު ކައިރިއަށް އައެވެ. މޭޒުމަތީގައި ލޯގަނޑެއްގައި ޝަންކަރުގެ ފޮޓޯ ހިނިތުންވަމުން ދެއެވެ.
ހިނދުކޮޅަކަށް ޓަކައި އެ ފޮޓޯ ބަދަލުވިއެވެ. މިހާރު ރޫޕުވަތީގެ ކުރިމަތީގައި ހިނިތުންވާން ހުރީ ވިޓަލް ސުވާމީއެވެ. ރޫޕާ އިއްފަތްތެރިކަމާ އެކު ހުރި އިރު އޭނާގެ ދައްތަ ވިސްނައިދިނެވެ. ގޭގައި ރޫޕާގެ އިއްޒަތް ރައްކައުތެރިއެއް ނުކުރެވޭނެއެވެ. ރޫޕާ ވިޓަލް ސުވާމީއާ އެކު ފިލާށެވެ. އޭނާއަކީ ޒުވާނެކެވެ. ރޫޕާއަށް އަޅުކަންކުރެއެވެ. ރޫޕާ އިއްޒަތުގައި ގެންގުޅޭނެއެވެ.
އެކަމަކު އޭނާ ދައްތަގެ ބަސް ނޭހީއެވެ. ބައްޕައާ އެކު ޑާކު ބަނގުލާއަށް ދިޔައީއެވެ. ދެން އެ ތަނުން ދިރިއުޅުމުގެ ބިރުވެރި ސާކަސް ދުށުމަށް ފަހު އެނބުރި އައި ހިނދު އޭނާއަށް ހަމަ ވިސްނުން ލިބުނެވެ. އަނެއް ރޭ އޭނާ ވިޓަލް ސުވާމީއާ އެކު ފިލިއެވެ.
"ވިޓަލް ސުވާމީ! އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ! ކަލޭ ހިތާ ފުރާނައިން އަހަރެން ދެކެ ލޯބިވީމު. މިހާރު ޝަންކަރު އަހަރެން ދެކެ ލޯބިވާ ފަދައިން. ކަލޭ ކަލްކަތާއަށް އައީ މަންމައާއި ބައްޕަ ދޫކޮށްލައިފައި. ކަލޭ އަހަންނަށް ވަރަށް ބޮޑަށް ލޯބި ދިނީމު. އަދި އިތުބާރު އުފެއްދީމު. އަންހެނަކަށް ތެދުވެރި އެހީތެރިއެއް ލިބިއްޖެއްޔާ އޭނާ ކަށްވަޅާ ހަމައަށް ވެސް ދާނީ ހަމަ އެ އެހީތެރިއާގެ ފައިތިލަދޮށުގައި ދިރިއުޅުން ވޭތިކޮށްފައި.
އެކަމަކު އެއްދުވަހަކު ކަލޭގެ މަންމައާއި ބައްޕަ އައި. ބައްޕަ އޭނާގެ ހުދު އިސްތަށިގަނޑު ދެއްކި. މަންމަ ސާޅީގެ ފަސްބައި ފައިދޮށުގައި ފެތުރި. އެއީ އަހަރެން ދޫކޮށްލައިފައި އެ ބައިމީހުންނާ އެކު ކަލޭ ދިއުން އެދި. އެބައިމީހުން ބުނި. އަހަރެންގެ ދައްތައަކީ ހަށިވިއްކާ މީހެކޭ. ބައްޕައަކީ ރާބޯ މީހެކޭ. ކޮއްކޮއަކީ ޖީބުކަނޑާ މީހެކޭ. ނުލަފާ އާއިލާއެއްގެ އަންހެން ކުއްޖަކު އެބައިމީހުންގެ ޅީދަރިއަކަށް ވެގެން އަތުވެއްޖެއްޔާ ކަލޭގެ ޒުވާން އަންހެން ކޮއްކޮއާ އިންނާކަށް އެކަކުވެސް ނާންނާނެއޭ.
ކަލޭ ހާސްވެއްޖައީމު. އެއީ މިހާރު ޝަންކަރު ހާސްވެފައި އެ ހުރި ފަދައިން. މަންމައާއި ބައްޕަ އެ މީހުންގެ ނިންމުން އިއްވައިފައި ދިޔަ. ކަލޭ ނިންމާ ގޮތެއް ހެނދުނުން އެންގުމަށް. އެއީ ޝަންކަރުގެ ދިރިއުޅުމުގައި ވެސް މާދަމާ ގޮތެއް ނިންމުމުގެ ހެނދުނު އަންނާނެ ފަދައިން. އެއީ އަހަރެންގެ މޮޔަ އުމުރު. އަހަރެން ކަލެއަށް އިތުބާރުކޮށްފައި ނިދީ. ކަލޭ ޒުވާން އަންހެން ކޮއްކޮގެ ކައިވެނި ކުރުވާށާއި ބައްޕަގެ ހުދު އިސްތަށިގަނޑުގެ އިއްޒަތަށް ޓަކައި އަހަރެން ނިދައިފައި އޮތްވައި ދޫކޮށްލައިފައި ދިޔައީމު. އަހަރެންގެ އިއްޒަތަށް ވާނެ ގޮތަކާ މެދުގައެއް ނުވިސްނީމު."
އެ ހިނދުކޮޅު ފާއިތުވެއްޖެއެވެ. މިހާރު ލޮލުގެ ކުރިމަތީގައި ހުރީ ވިޓަލް ސުވާމީއެއް ނޫނެވެ. މޭޒުމަތީގައި ހިނިތުން ވޭވޭ ހުރީ ޝަންކަރު ރާއޯގެ ފޮޓޯއެވެ. ފާޚާނާގެ މާގަނޑުން ފެން އޮހޭ އަޑު އިވެމުން ދެއެވެ. ރޫޕުވަތީގެ ލޯ ޝަންކަރުގެ ފޮޓޯއަށް ބުނަނީއެވެ.
"ޝަންކަރު! އަހަރެންގެ ފަންސަވީސް ވަނަ ސިލްވަރު ޖުބިލީ ލޯބިވެރިޔާ! ގޮތެއް ނިންމުމުގެ ރޭ މި އޮތީ ބޯމަތިވެފައި. މި ރޭ އަންހެނުންނަށް ދަސްކޮށްދީފައި ވަނީ، އޭނާ ނިދައިފިއްޔާ، އެނާގެ ވިސްނުމާއި ތަދުބީރު ނިދައިފިއްޔާ، ތަގުދީރު ވެސް ނިދާނެ ކަމަށް. ކޮންމެ މީހެއްގެ ގާތުގައި ވެސް އެ މީހެއްގެ މަޖުބޫރީތައް ހުންނާނެ. ވިޓަލް ސުވާމީއަށް އޭނާގެ ކޮއްކޮގެ ކައިވެނި ކުރުވަން މަޖުބޫރު. އެ ގޮތަށް ޝަންކަރު ވެސް މިހާރު ހިތާއި ފުރާނައިން އަހަރެން ދެކެ ލޯބިވިޔަސް ހެނދުނުވާން ވާ އިރަށް ބައްޕަގެ ބާވީސް އަހަރުގެ ލޯބި ހަނދާނަށް އަންނާނެ. އެއީ އޭނާ، އޭނާގެ އަތުން ޝަންކަރަށް ކާންދިނީ ކޮން ގޮތަކަށް ކަން. އުނގަށް ލައިގެން ނިންދެވީ ކޮން ގޮތަކަށް ކަން. ޝަންކަރަށް ޓަކައި ބައްޕަ މިހާރު އެހެން ކައިވެންޏެއް ނުކޮށް ހުރިކަން. ޝަންކަރަށް ޓަކައި ބައްޕަ ގުލޯބު އާކަށް އޭނާއާ އެކު އެހެން އަންހެނެއް ނުގެންދާކަން. އޭރުން ބައްޕަ މުސްކުޅިވީ ދުވަހު އެންމެ ފަހު ވަގުތުގައި ހަމައެކަނި ރޫޕުވަތީއަށް ޓަކައި އޭނާ ދޫކޮށްލަން ލަދުގަންނާނެ.
ޝަންކަރަށް ވެސް މަޖުބޫރުވެދާނެ. އަހަންނަށް ވެސް ވަނީ މަޖުބޫރުވެފައި. އަހަރެން ދުނިޔޭގެ މީހުންނަށް އަޖުމަބަލަން މި އުޅެނީ ދުނިޔެ އަހަންނަށް ދަސްކޮށްދީފައި ވާ ކެއްސާއި މަކަރު. ޝަންކަރުގެ ނިންމުން ބަދަލުވުމުގެ ކުރިން، ޝަންކަރަށް ޝަންކަރުގެ މުސްކުޅި ބައްޕަގެ ހުދު އިސްތަށިގަނޑުގެ ޚިޔާލު އައުމުގެ ކުރިން އަހަރެން ހަމަ މިހާރު ގޮސް އެ އިސްތަށިގަނޑުގައި ޒުވާން ކަމުގެ ކަޅުކުލަ އުނގުޅާނަން..."
މިހެން ވިސްނައިފައި އޭނަ ދޮރާ ދިމާއަށް އެނބުރުނެވެ. ދެން ދަތްކުނޑިވިކައިގެންފައި ބުންޏެވެ.
"ބޭގަނޑާ! އޭ!... " އޭގެ ފަހުން އޭނާ ކޮޓަރީގެ ދޮރު ލައްޕައިލަމުން ބޭރަށް ނުކުތެވެ.
ހިންމަތު ރާއޯ އޭނާގެ ކޮޓަރީގައި އަރާމު ސޯފާއެއްގައި އިނެވެ. ދެވަނަ ރާ ތަށީގެ ފުރަތަމަ ކޯވަރު ކަރުން އެތެރެކޮށްލި ވަގުތު މީރުވަހުގެ ރޯޅިއެއް އައެވެ. އޭނާ އިސް އުފުލައިލައި ބަލައިލިއެވެ. ކުރިމަތީގައި ރޫޕުވަތީ ޒުވާންކަމުގެ ފުރަތަމަ ޓަތްކަށް ވެގެން މުސްކުޅިކަމުގެ ދޮރުމަތީގައި ހުއްޓެވެ.
ދުވަސްވީ އަތުގައި ހުރި ރާތަށި ތުރުތުރުއަޅައިލިއެވެ. ތަށީތެރޭގައި ހުރި ރާތައް ވެސް ތުރުތުރުއަޅައިލިއެވެ. ރަލުގެ ކިސަޑުގަނޑުގައި މަސްތުކަމުގެ ފައި ކައްސައިލިއެވެ.
"ހުނ." ހިންމަތު ރާއޯ ހިތާހިތުން ނުރުހުންތެރިކަމާ އެކު "ހުނ"އޭ ބުނީ އެއީ ޝަންކަރުގެ ލޯބިވެރިޔާ ވީމައެވެ. މި ކޮޅަށް އެ އައީ މަގުއޮޅިގެން ކަމަށް ވެދާނެއެވެ. އެހެންނޫނީ ޒުވާން މުލައްދަނޑީގެ ވެލުގައި އަޅައިފައި ވާ މޭބިސްކަދުރު އަތުޖެހޭނީ ކިހިނެއް ހެއްޔެވެ. މުސްކުޅި އުމުރުގައި ޖެހޭނީ އެ އެއްޗެހި ހިތިކަމަށް ހަދައިފައި ދޫކޮށްލާށެވެ. "ހުނ"
އޭނާ މޫނު އަނބުރައިލައިފައި ރާތަށީން އެތިފޮދެއް ބޮއިލިއެވެ. މޫނު އަނބުރައިލި ދިމާގައި ހުރީ އިސްކޮޅާ އެއްވަރުގެ މޫނުބަލާ ލޯގަނޑެކެވެ. ލޯގަނޑުން ފެންނަން ހުރީ ރޫޕުވަތީއެވެ. ރަން ބޯޑަރު ލީ ދަނބުކުލައިގެ ސާޅީގައި ކުދިކުދި ރަން ތަރިތަކެއް ވިދަވިދައި ހުއްޓެވެ. އެ ތަރިތައް ހަށިގަނޑުގެ އުފުއްލުން ތަކުގައި އުދަވަމުން ދެއެވެ. އަޑިކަމުގެ ތެރޭގައި އަސްތަވަމުން ދެއެވެ. ދެކޭ މީހުންގެ ލޮލާ ދިމާއަށް އެ ތަރިތައް އެކި ދިމަދިމާއިން ލޯމަރަނީއެވެ. ހިންމަތު ރާއޯ އަވަސް އަވަހަށް ލޯމަރައިލިއެވެ. ދެން ހިތަށް އެރިއެވެ. ލޯ މެރުމުން ފާޅުވާނީ ތިމާގެ ބަލިކަށިކަމެވެ. އޭނާ އަވަހަށް ލޯހުޅުވައިލައިފައި މޭޒުމަތިން ސިނގިރެޓު ފޮށި ނެގިއެވެ. އެއިން ސިނގިރެޓެއް ނަގައިފައި، ކުޑަ އިރުކޮޅެއް ކުރިން މޭޒުމަތީގައި އޮތް ލައިޓަރު ހޯދައިލިއެވެ.
މިހާރު ލައިޓަރު އޮތީ ފިނިފެންމާ ކުލައިގެ އަތްތިލައިގެ ނީލޯފަރު މަލުގެ ތެރޭގައެވެ. ހިންމަތު ރާއޯ ކުޑަކޮށް ހިތްވަރު ކޮށްލައިފައި އިސްއުފުލައިލިއެވެ. ފިނިފެންމާ ކުލައިގެ އެ މޫނު ވަނީ ލޮލުގެ ހަމަ ކައިރީގައި ޖެހިފައެވެ. އޭނާ ހިންމަތު ރާއޯގެ ކުރިމަތީގައި ތަޅުންގަނޑު މަތީގައި ކުޑަކަކޫޖަހައިފައި އިށީނެވެ. ސާޅީގެ ފަސްބައި ކޮނޑުމަތިން ކައްސައިލިއެވެ. ހިންމަތު ރާއޯގެ ތުންފަތުގައި ހުރި ސިނގިރެޓު ތުރުތުރުއަޅަން ފެށިއެވެ. އެ ސިނގިރެޓު ލައިޓަރުގެ ހުޅުކޮޅާ ދިމާއަކަށް ނުހުއްޓުނެވެ. އެއް ފަހަރު، ތުރުތުރު އަޅައިލައިފައި ހުޅުކޮޅުގެ ކަނާތްފަރާތަށް ދެއެވެ. އަނެއް ފަހަރު ހުޅުކޮޅުގެ ވާތްފަރާތަށް ދެއެވެ. އެންމެ ފަހުން އޭނާ ސިނގިރެޓުގައި އަތުން ހިފައިފައި ރޯކޮށްލުމަށް ފަހު ދަމައިލުމުން ވަރަށް ބޮޑަށް ކޮށިއަރައިފިއެވެ.
"ކޫން ކޫން. ކަލޭ ޝަންކަރުގެ... ކޫން ކޫން... ކޮޓަރިކަމަށް ހީކޮށް ދޯ މި ތަނަށް ތި އައީ... ކޫން ކޫން..."
ނޫން އަހަރެން މި އައީ ޝަންކަރުގެ ބައްޕަ ފެނިގެން. ވާހަކައެއް ބުނަންތަ؟ ރުޅި ނާންނައްޗޭ! ތިޔައީ ޝަންކަރުގެ ބައްޕައެއް ނޫން."
(ނުނިމޭ)