ޔޫއޭއީ އިން ހަދިޔާކުރި ކަދުރު ބަހަން ފަށާނީ އާދީއްތަ ދުވަހު

Dried dates on table close up

ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވައިފައިވާ 600 ކޭސް ކަދުރު އަންނަ އާދީއްތަ ދުވަހު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މި ކަދުރު ލިބިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ކަދުރު ބެހުމަށްޓަކައި އަންނަ އާދީއްތަދުވަހު ކައުންސިލް ތަކަށް ދޫކުރައްވާނެއެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ 100 ގޭ ބީސިއަށް ކޭހެއްގެ ރޭޓުންނެވެ. އެގޮތުން ކަދުރު ހުސްވަންދެން ކުރިން އަންނަ ބަޔަކަށް ދޫކުރަމުން ގެންދަވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިއީ ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ޔޫއޭއީން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކަދުރެވެ.

ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން ދޫކުރުމުން ސިޓީކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުންނެވެ. "މިކަދުރު ބެހުމުގައި ވަކި މީހަކަށް އިސްކަން ނުދޭނެ. ކުރިން ބަލައި އަންނަ ބަޔަކަށް ދޫކުރާނީ. މިނިސްޓްރީން ދޫކުރާނީ ކައުންސިލްތަކަށް. ރައްޔިތުންނަށް ބަހާނީ ކައުންސިލް ތަކުން،" މިނިސްޓްރީން ވިދާޅުވިއެވެ.

ޔޫއޭއީގެ އިތުރަށް ސަޢުދީން ވެސް ވަނީ ރާއްޖެއަށް 50 ޓަނު ކަދުރު ރޯދައާ ދިމާކޮށް ހަދިޔާ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.