މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ޕީއެޗުޑީ ހެދި ދަރިވަރުންނަށް މިރޭ ސަނަދު ދެއްވައިފިއެވެ.
އެމްއެންޔޫ އިން ފުރަތަމަ ޕީއެޗުޑީ ހަދައިފައިވާ ދަރިވަރުންނަކީ އާއިޝަތު އަލީ އާއި، ސުނީނާ ރަޝީދެވެ. ޕީއެޗުޑީ ހާސިލްކުރި ކަމުގެ ސަނަދު އެ ދަރިވަރުނާ ހަވާލުކޮށްދެއްވީ ހޯމްމިނިސްޓަރ އަހުމަދު އަޒުލީނެވެ.
ސުނީނާ ރަޝީދަކީ ރައީސުޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން އެންމެ ފުރަތަމަ ޕީއެޗުޑީ ހެއްދެވި ދަރިވަރެވެ. ސުނީނާ ރަޝީދު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗުޑީ) ހައްދަވައިފައިވަނީ އެޑިޔުކޭޝަން ދާއިރާއިންނެވެ.
ސުނީނާ ރަޝީދުގެ އިލްމީ ތަހުގީގު ބިނާ ކުރެއްވީ ދިވެހިރާއްޖޭގެ މުދައްރިސުން ތަމްރީން ކުރުމުގެ މައިދާނީ ތަމްރީން މިހާރު ހިނގާ ގޮތާއި، ދިމާވާ ގޮންޖެހުންތަކާއި، ކުރިމަގުގައި އެ ތަމްރީން ރާވައި ހިންގިދާނެ ގޮތްތަކުގެ މައްޗަށެވެ.
ދިރާސާ ކުރެއްވުމަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގައި މުދައްރިސުން ތަމްރީން ކުރުމުގެ މައިދާނީ ތަމްރީން މިހާރު ހިންގާ ގޮތާއި ދިމާވާ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ތައުލީމީ ސިޔާސަތު ރާވާ ފަރާތްތަކަށާއި، މުދައްރިސުން ތަމްރީން ކުރުމުގައި އެކޮ ގޮތްގޮތުން ބައިވެރިވާ ފަރާތްތަކަށް މުސްތަގުބަލުގައި މައިދާނީ ތަމްރީން ރާވައި ހިންގިދާނެ ގޮތްތައް އެ ތަހުގީގުގައި ވަނީ ހުށަހަޅައިފައެވެ.
ޢާއިޝަތު އަލީވެސް ޕީއެޗުޑީ ހެއްދެވީ އެޑިޔުކޭޝަން ދާއިރާއިންނެވެ. އޭނާގެ އިލްމީ ތަހުގީގު ބިނާ ކުރައްވައިފައިވަނީ 1900 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ 115 އަހަރުގެ މުއްދަތުގައި ރާއްޖޭގައި ހިންގި ތައުލީމީ މުހިންމު ސިޔާސަތުތައް ޕޮލިސީ ޓްރެޖެކްޓްރީ ނަޒަރިއްޔާއިން ދިރާސާ ކުރެއްވުމަށެވެ. ސިޔާސަތުގެ މަސާރުގައި އެ ސިޔާސަތުތައް އުފަންކުރުވި ނުފޫޒުތަކާއި ލިޔުންގަނޑު އެކުލަވައިލުމާއި ސިޔާސަތުތަކުގެ އަސަރުތަކާއި ނަތީޖާއަށް އޭގައި ވަނީ ބައްލަވައިފައެވެ. އެދިރާސާގައި 16 ނަޒަރީ ހުށަހެޅުމެއް އެ ތަހުގީގައި އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.