ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އެކްސްޕަރޓް މިޝަނުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝިދާތާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް އެ ބޭފުޅުންނާ ޙިއްޞާކުރައްވައިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ފާއިތުވެ ދިޔަ ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ ނިސްބަތް އިތުރުނުވާ ކަމަށެވެ. ކުރިމަތިލައިފައިވާ އަންހެން ކެނޑިޑޭޓުންގެ ނިސްބަތަށް ބަލައިލާ އިރު، ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ނިސްބަތަށް މާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި މި ފަރަގު ނައްތައިލައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިދާތާ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރާއި ބައިވެރިވުން އިތުރުކުރުމަށް، ޤާނޫނު ހަދާ މަޖިލީހުގައި ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުމުގެ (އެފަރމޭޓިވް އެކްޝަން) މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވައިފައެވެ. އަދި މިހާރު އޮތް ނިޒާމުގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރުވުމަށް ޤަބޫލުކުރުމަކީ، ފާއިތުވެ ދިޔަ 10 އަހަރުގެ ތަޖުރިބާ އަލުން ތަކުރާރުކުރުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ރަނގަޅު ނިޒާމުތަކާއި، ފުރުޞަތުތަކެއް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކަންކަން ތަންފީޒު ކުރުމުގައްޔާއި ޤާނޫނަށް މީހުން އަހުލުވެރިކުރުވުމުގައި ގޮންޖެހުންތަކެއް ހުރި ކަން ބަޔާންކުރެއްވިއެވެ. އަދި އެ ކަންކަން ތަރުތީބުކުރުމަށް މިނިސްޓްރީން ކުރަމުން ދާ މަސައްކަތްތަކާއި، ސިޔާސީ އަދި އިޤުތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި ހުރި ކަންބޮޑުވުންތައް އެ ކަމަނާ ޙިއްޞާކުރެއްވިއެވެ. އެ ގޮތުން މުދާ މިލްކުކުރުމުގައި އަންހެނުންގެ ނިސްބަތް ކުޑަވުމާއި، ވަކިން ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޔަތުގައި މި ފަރަގު ބޮޑުކަން އެ ކަމަނާ ވިދާޅުވިއެވެ.