ރަމަޟާންމަހުގައި ޝައިޠާނާ ކަސްތޮޅުއެޅުވެނީ ކިހިނެއް؟

ރަމަޟާންމަސް އެހެނިހެން މައްސަރުތަކަށްވުރެ މާތްކުރެއްވުމުގެ ގޮތުން، އެމަހުގައި ޝައިޠާނާ ކަސްތޮޅު އެޅުއްވުން ވެއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ ((إِذَا اسْتَهَلَّ رَمَضَانُ غُلِّقَتْ أَبْوَابُ النَّارِ وَفُتِّحَتْ أَبْوَابُ الْجَنَّةِ وَصُفِّدَتْ الشَّيَاطِينُ)) [1] - "ރަމަޟާންމަހަށް ހަނދުބަލައިފިނަމަ  ނަރަކައިގެ ދޮރުތައް ބަންދުކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވި ޝައިޠާނުން ކަސްތޮޅުއެޅުވިދެތެވެެ." މިކަންތައްތައް ކުރެވޭގޮތް ދެނެވޮޑިގަންނަވާ ހަމައެކަނި ފަރާތަކީ ﷲއެވެ. ޝައިޠާނާ ކަސްތޮޅުއެޅުވެނީ، ނުވަތަ ހައްޔަރުކުރެވެނީ ކިހިނެއްކަމެއް ނޭގެއެވެ. މިއީ އަޅުގަނޑުމެން މިކިޔާ ކަހަލަ ހިލިހިލާ ތަކަކުން އެ އެއްޗެހިތައް ހައްޔަރުކުރުމެއް ނޫނެވެ. އަޅުގަނޑުމެން މިދަންނަ ފަދަ ބިޑިތަކަކުން އެ އެއްޗެހިތައް ބިޑި އަޅުވާ ވާހަކައެއްނޫނެވެ. މާތްﷲގެ އަމުރުފުޅަށް މިކަންތައްތައް ކުރައްވާނީ ﷲގެ ޚާއްޞަ މަލާއިކަތުން ތަކެކެވެ. މިކަމުގެ ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި މަގުފުރެއްދުންތަކުން މުއުމިނުން ދުރުހެލިކުރެއްވުމެވެ. މާތްﷲ އަންގަވާފައިވާ ފަދައިން މަތިވެރި އަޚްލާޤެއްގެ މަތީގައި ރޯދަހިފުމަށް ޓަކައެވެ.  ނުވަތަ ރޯދަހިފުމަށް ވާގިދެއްވުމަށް ޓަކައެވެ.

ރަމަޟާންމަހުގައި  ޝައިޠާނުންނާއި ޖިންނިން ކަސްތޮޅު އެޅުވޭނެ ވާހަކަ ބުނުމުން ބައެއް މީހުންގެ ހިތަށްއަރާ ސުވާލެއްވެއެވެ. ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅު އެޅުވިފައިވާއިރު އިންސާނުން ނުބައި ޢަމަލުތައް ކުރަނީ ކީއްވެހެއްޔެވެ؟ އިންސާނުން ﷲއަށް އުރެދެނީ ކީއްވެގެން ހެއްޔެވެ؟

މިއީ ޙައިރާންވަނިވި ސުވާލެކެވެ. އިންސާނާގެ ކިބައިން ފާޅުވާ  އުރެދުންތަކަކީ  ޝައިޠާނާގެ ތާސީރުގެ ސަބަބުން ފާޅުވާ ކަންތައްތަކެއް ނޫނެވެ. އެކަމަކު އެއީ އޭނާގެ އަމިއްލަނަފްސުގެ ތެރެއިން އަންނަ ކަންތައްތަކެކެވެ. ޝައިޠާނާގެ ވަސްވާހަކީ ބޭރުން އަންނަ ނުސީދާ ކަންތައްތަކެކެވެ. އުރެދުންތަކަށް އަރައިގަތުމަށް އިންސާނާގެ ހަވާނަފްސު ގޮވައިނުލާނަމަ ޝައިޠާނާގެ ގޮވައިލުންތަކުން އެއްވެސް އަސަރެއް ނުފޯރާނެއެވެ. ޝައިޠާނާ ވަސްވާސް ދިނަސް ނުދިނަސް އިންސާނާ ކުރާ އެންމެހާ ޢަމަލުތަކުގެ މަސްއޫލިއްޔަތު އޭނާއަށް ފުރިހަމައަށް އުފުއްލަން ޖެހޭނެއެވެ. އިންސާނަކު ބުނެގެން އިންސާނަކު ޤަވާޢިދާ ޚިލާފުކަމެއްކޮށްފިނަމަ އޭނާ ކުށްވެރިވާ ގޮތަށެވެ. މަށަށް އެ ކުށަށް އަރައިގަތުމަށް ހިތްވަރު ދިނީ މަގޭ ރަޙްމަތްތެރިޔާއޭ ބުނުމަކުން ޤާނޫނޫނގައިވާ އަދަބުން ކުށްވެރިޔާއަށް ސަލާމަތެއް ނުވާނެއެވެ.

ރަމަޟާންމަހު ޝައިޠާނާ ކަސްތޮޅު އެޅުއްވުމުން އިންސާނާއަށް އެއް ހުރަސް ކަޑައްތު ކުރެވުނީއެވެ. އެކަމަކު އޭނާގެ ހަށިގަނޑު ތެރޭގައި އަދި އެތައް ހުރަސްތަކެއް އެބަހުށްޓެވެ. ޖިންނިޝައިޠާނުން ކަސްތޮޅު އެޅުއްވުމަކީ  ހެޔޮކަންތައްތައް ކުރުމަށް  މުއުމިނުންނަށް  ދެއްވާ އިތުރު އެހީއެކެވެ. ޝައިޠާނާގެ ވަސްވާހަކީ  އިންސާނާއަށް އޭނާ ކުރަން އުޅޭކަންތައްތައް ރީތިކޮށް ދެއްކުމަށް އެހީވެދޭ ކަމެކެވެ.

ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތުން އެގޭގޮތުގައި އިންސާނާގެ ޢަޒްމުގެ މައްޗަށް ޝައިޠާނާއަށް ވެރިވެގަނެވޭނީ އޭނާގެ އަމިއްލަ ނަފްސުގެ ލަގަން ޝައިޠާނާއާ ޙަވާލު ކުރީމައެވެ.

މާތްﷲ ޝައިޠާނާ ލައްވާފައިވަނީ އިންސާނާގެ ތިލަފަތުގެ ދެބައި ހަމަހަމަކޮށް  ލެހެއްޓެވުމަށްޓަކައެވެ. މާތްﷲ  އޭނާގެ ގައިގައި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ކުރުމުގެ ބާރު ވަނީ ލައްވައިފައެވެ.

ރޯދަވެރިޔާ ރޯދައަށް ހުންނައިރު އޭނާގެ ހަށިގަނޑުގެ އެތެރެއިންނާއި އޭނާގެ އަޚު ރޯދަވެރިންނާއި މުޖްތަމަޢުން ރޫޙާނީ ޖައްވެއް ތަނަވަސްވެގެން ދެއެވެ. މިކަމުގެ ސަބަބުން އޭނާގެ ދިފާޢީ ބާރުތައް ގަދަވެއެވެ. މިކަމުގެ ސަބަބުން ޝައިޠާނާއަށް އެ މުޖްތަމަޢުގައި ޙަރަކާތްތެރިވުމަށް ދަތިވެއެވެ. ޝައިޠާނާ ހުރަގެއެއްގައި ބަންދުކުރެވިފައިވާ ފަދައެވެ.

އެކަމަކު ރޯދަހިފާމީހެއް ކަމުގައި ނުވާނަމަ ނުވަތަ އޭނާ އުޅެނީ ރަމަޟާން މަހުގައި ނޫންނަމަ މި ޖައްވު އޭނާއަށް ތަނަވަސްވެގެނެއް ނުވާނެއެވެ. އޭނާގެ ޝައިޠާނާ އެހިނދު އުޅޭނީ މިނިވަން ޙާލެއްގައެވެ. އެހެންކަމުން ޝައިޠާނާ ކަސްތޮޅު އެޅުވޭ މިންވަރު ނިސްބަތުން ތަފާތުވާނެއެވެ.  އެމީހެއްގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އޮތްމިންވަރަކުންނެވެ.

މިހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) [2] – މާނައީ: "މާތް ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުއަދައިގެ ރަމަޟާން މަހު ރޯދަ ހިފި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސެވޭނެތެވެ." މިބަސްފުޅުން އެނގެނީ ރޯދަހިފަންވީ ގޮތެވެ. މާތްﷲއަށް އިޚްލާބްތެރިވެގެންނެވެ. ޝައިާނާ ފައްސާ ދުރަށްލައިދޭ ދަނޑިބުރިއަކީ މި އިޚްލާޞްތެރިކަމެވެ. މި ސިފަޔާ ނުލައި ރޯދަހިފިމީހާއަށް މި ފުއްސެވުމެއް ނުލިބޭނެތެވެ. އެމީހާގެ ކުރިމަތީގައި އޭނާގެ ޥައިޠާނާ ހީލަހީލައި ހުންނަނެއެވެ. އޭނާއަށް ނުބައުި ޢަމަލުތައް އޮފުދާރުކޮށް ދޭނެއެވެ.

މިހެންވެ، ކާފިރުންނާއި، މުޝްރިކުންނާއި، މުޖްރިމުންނާއި، ފާސިޤުންނާއި ،އިސްރާފުވެރިންގެ ޝައިޠާނުން ރަމަޟާން މަހުގައިވެސް ވަސްވާސް ދިނުމުގައި ޙަރަކާތްތެރި ވާނެއެވެ. އެއީ ކަސްތޮޅުއެޅުވޭ އެއްޗެހީގެ ތެރޭގައިވާ ބައެއް ނޫނެވެ. ބަދްރުހަނގުރާމައިގެ ދުވަހު ޝައިޠާނާ މުޝްރިކުންނާ އެކުގައި ވިއެވެ. މުޝްރިކުންގެ ޢަމަލުތައް ޒީނަތްތެރިކޮށްދީ ވަސްވާސް ދިނުމުގައެވެ. ބަދްރުހަނގުރާމަ ހިނގައިފާވަނީ ރަމަޟާން މަހެއްގައެވެ.

[1] - رواه أحمد

[2]  - متفق عليه

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.