ރަމަޟާން މަހުގައި ޞަދަޤާތް ކުރުމުގެ މުހިއްމުކަން

ރަމަޟާން މަހުގައި ޞަދަޤާތް ކުރުން އިތުރު ކުރާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެންނެވުނެވެ.  އެންމެ ރަނގަޅީ ކޮން ޞަދަޤާތެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ((صَدَقَةٌ فِى رَمَضَانَ)) [1]  މާނައީ: "ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތެވެ." ޞަދަޤާތުގެ ތެރޭގައި މީސްތަކުންނަށް ކާންބޯން ދިނުން ހިމެނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((وَأَيُّمَا مُؤْمِنٍ أَطْعَمَ مُؤْمِنًا عَلَى جُوعٍ أَطْعَمَهُ اللَّهُ مِنْ ثِمَارِ الْجَنَّةِ)) [2] - މާނައީ: "ބަނޑުހައިހޫނުކަމުގައި ހުރި މުއުމިނަކަށް ކާން ދިން ކޮންމެ މުއުމިނަކަށް ﷲ  ސުވަރުގޭގެ މޭވާއިން ކާން ދެއްވާނެއެވެ."

ރަމަޟާން މަހުގައި ޞަދަޤާތް ކުރުމުން އޭނާގެ މުދާ އިތުރުކޮށް ދެއްވައި އޭނާގެ ރިޒްޤު ތަނަވަސްކޮށް ދެއްވަތެވެ. ރަމަޟާން މަހުގައި ކުރާ ހެޔޮ ކަންތަކުގެ ސަވާބު އިތުރުކޮށް ދެއްވާފައި ވާތީއެވެ. ތިމާގެ މުދަލުން ޞަދަޤާތް ކުރުމުން އެ މުދަލުން  އެއްވެސް އެއްޗެއް އުނިވެގެން ނުދާނެތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. ((مَا نَقَصَ مَالٌ مِنْ صَدَقَةٍ)) [3] - "ޞަދަޤާތް ކުރުމުން މުދަލުން އެއްވެސް އެއްޗެއް އުނިނުވާނެތެވެ."

ޞަދަޤާތް ކުރުމަކީ ހެޔޮ ފޯރުވުމެއް ކަމުގައި ވާތީ އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަ އިޖްތިމާޢީ އެއްބައެއްވަންތަކަން ބަދަހިވެގެން ދެއެވެ.މުއްސަނދީންގެ މުދަލަށް ރައްކައުތެރިކަން ލިބެއެވެ. ރަމަޟާން މަހުގައި ޞަދަޤާތާއި ރޯދަ އެކުވުމުން ނަރަކައިގެ ޢަޒާބުން ރޯދަވެރިޔާއަށް ރައްކައުތެރިކަން ލިބެއެވެ. އޭނާގެ ކުށް ފާފަތައް ފުހެވިގެން ދެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރައްވާފައިވާ ފަދައިން ، ﷲގެ ކޯފާ ޞަދަޤާތުގެ ސަބަބުން ނިވިގެން ދެއެވެ.ފެނުން އަލިފާން ނިއްވައިލެވޭ ގޮތަށެވެ. މީގެއިތުރަށް ޞަދަޤާތަކީ  ދަހިވެތިކަމުން ސަލާމަތްކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ لِمَنْ أَطَابَ الْكَلَامَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ)) [4] - "ހަމަކަށަވަރުން ސުވަރުގޭގައި އެތާނގައި ބޭރުން އެތެރެ އަދި އެތެރއިން ބޭރު ފެންނަ ކޮޓަރިކޮޅުތަކެއް ވެއެވެ. އެހިނދު ރަށްފުށުގެ އަރަތްބަކު ތެދުވެ ދެންނެވިއެވެ. އެއީ ކޮން ބަޔަކަށް ލިބިގެންވާ ކޮޓަރިކޮޅުތަކެއް ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ރިވެތިކޮށް ވާހަކަ ދެއްކިމީހުންނަށާއި،  މީސްތަކުންނަށް ކާންދިން މީހުންނަށާއި،  ދާއިމީ ސިފައެއްގައި  ރޯދަހިފި މީހުންނަށާއި،  މީސްތަކުން ރޭގަނޑުގައި ނިދާފައި ތިބޭއިރު ނަމާދުކުރި މީހުންނަށެވެ."

ރަސޫލާ ބަޔާންކޮށްދެއްވާފައި މިވަނީ ހަތަރު ގިންތިއެއްގެ ބަޔެކެވެ. ފުރަތަމަ ގިންތީގެ މީހުންނަކީ ދޫ ރައްކައުތެރި މީހުންނެވެ. ހަޑިހުތުރު ބަސްތަކުން ދުރުހެލިވި މީހުންނެވެ. މީހުންގެ އަބުރު ކަތިނުލާމީހުންނެވެ. ރޯދަވެރިޔާއަށް ދޫ ރައްކައުތެރިކުރުމަށް ރަސޫލާ e ވަނީ އިރްޝާދު ދެއްވައިފައެވެ. ދެވަނަ ބަޔަކީ ޞަދަޤާތްތެރީންނެވެ. ރަމާޟަން މަހުގައި ރޯދަވެރީންނަށް ރޯދަވީއްލޭނެ މަގު ތަނަވަސްކޮށްދޭ މީހުން މި ގިންތީގެ ތެރޭގައި ހިމެނެއެވެ. ރޯދަމަހު ރޯދަވެރީން ރޯދަވީއްލުމަށް ޓަކައި ދޮލަނގުތައް ތައްޔާރުކޮށް މިސްކިތްދޮށަށް ގެންދިޔުމަށް ސަމާލުކަން ދެވެއެވެ. މިއީ ޞަދަޤާތެކެވެ. މާތް ﷲ އެމީހާއަށް ރޯދަވެރިޔާއަށް ލިބޭ ސަވާބާ އެއް މިންވަރަށް  ސަވާބު ދެއްވާނެތެވެ.

ރޯދަ މަހުގައި ގާތްތިމާގެ މީހުންނަށް ރޯދަވީއްލުމަށް ދަޢުވަތު ދިނުމަކީ އެކަމުގައި ޞަދަޤާތް ކުރުމާއި ގާތްތިމަގެކަމުގެ ގުޅުން  ވާޞިލުކުރުން ހިމެނޭ ކަމެކެވެ.މިކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޯގާވެރިކަމާއި ކުލުނާއި ލޯބި ފެތުރިގެން ދާނެތީއެވެ.

ރަމަޟާން މަހުގައި ދޭން ޖެހޭ ފިޠުރު ޒަކާތަކީ ވެސް ޞަދަޤާތެކެވެ. ފިޠުރު ޒަކާތް ރަމަޟާން މަސް ފެށުމާއެކު ނެރެވިދާނެއެވެ. އަދި އެއީ ފައިސާއިންނާއި ތިމާ ކާއެއްޗަކުން ނެރެވިދާނެ އެއްޗެކެވެ. މިކަމާ ބެހޭގޮތުން ވަކި މަޢުޟޫޢެއްގައި ވާހަކަ ދައްކާނަމެވެ.


[1] - رواه  البيهقى والترمذى والبزار

[2] رواه أحمد والترمذى

[3]  - رواه البخارى

[4] - مسند الصحابة في الكتب الستة

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.