ވިސްނައި ޝުކުރު ކުރުން

ވަށައިގެން ހިނގާ ކަންތައްތަކަށާއި ވަށައިގެން ހުރި ތަކެއްޗަށް ބައްލަވައިލައްވާށެވެ. ބައްލަވައިލެއްވި ކޮންމެ ދިމާއަކުން ފެނިވަޑައިގަންނަވަނީ ﷲ ގެ ނިޢުމަތެއް ނޫންތޯއެވެ؟ ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ.

"އަދި ﷲ ކަލޭމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނާން ފަށައިފިނަމަ އެ ނިޢުމަތްތައް ކަލޭމެންނަށް އެއްގޮތަކަށްވެސް ޢަދަދު ނުކުރެވޭހުށިމެއެވެ." (އިބްރާހީމް: 34)

ފުރިހަމަ ޞިއްޙަތާއި ރަނގަޅު ކާނާއާއި ރީތި އަންނައުނާއި ފިނި ވައިރޯލިއާއި ސާފު ފެނާއި މި ފަދަ ކޮންމެ އެއްޗަކުންމެ މި ފެންނަނީ ﷲ ގެ ރަޙްމަތުގެ ބޮޑުކަމެވެ. މިއިން ކޮންމެ ނިޢުމަތަކީ ތާއަބަދު ކެނޑިނޭޅި އަޅުގަނޑުމެން ބޭނުން ކުރަމުންދާ ނިޢުމަތެކެވެ. އެކަމަކު އެކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.

"އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް މާތް ﷲ ތިޔަބައިމީހުންނަށްޓަކައި އުފެއްދެވިކަން ތިޔަބައިމީހުން ނުދެކެނީ ހެއްޔެވެ؟ އަދި ފާޅުވެގެންވަ ނިޢުމަތަކާއި (ފޮރުވިގެންވާ ނިޢުމަތެއް) ތިޔަބައިމީހުންނަށް ވަނީ ދެއްވާފައެވެ." (ލުޤްމާން: 20)

އަޅުގަނޑުމެންނަށް ވަނީ ބަލާނެ ދެލޯ ދެއްވައިފައެވެ. ވާހަކަދައްކާނޭ ދުލެއް ދެއްވައިފައެވެ. ދެއަތާއި ދެފައި ދެއްވައިފައެވެ.

"ތިޔަބައިމީހުން (އިންސީންނާއި ޖިންނީން) ދޮގުކޮށް އިންކާރު ކުރަނީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ފަހެ ކޮންކޮން ނިޢުމަތްތަކަކާ މެދުގައިހޭ؟" (އައްރަޙްމާން: 13)

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! އަޅުގަނޑުމެންނަށް ދެއްވާފައި މިވާ ދެފައި ނެތް ނަމަ ވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެން ބަނޑު ފުރެންދެން ކައިގެން ތިބޭ އިރު ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް މަރުވާ މީހުންނާ މެދު ވިސްނާލެވުނުތޯއެވެ؟ އަޅުގަނޑުމެން ފިނިކުރި ކޮޓަރީގައި އަރާމުކޮށް ނިދަން ތިބޭއިރު ނިދާނެ ތަނެއް ނެތި މަގުމަތީގައި އެނބުރި އެނބުރި ތިބޭ ނިކަމެތިންނާމެދު ވިސްނާލެވުނުތޯއެވެ؟ އަޅުގަނޑުމެން މީރު ފެން ބޯއިރު ނުސާފު ފެނުގެ ސަބަބުން ބަލިޖެހި މަރު ވެގެން ދަނީ ކިތައް މީހުންތޯ ވިސްނާލެވުނުތޯއެވެ؟

އަޅުގަނޑުމެންނަށް ލިބިފައިވާ އިވުމާއި ފެނުމުގެ ޙިއްޞާމެދު ވިސްނާވަޑައިގެން ބައްލަވާށެވެ! އަޅުގަނޑުމެންގެ ހަށިގަނޑުގައި އުރައެއްހެން ލެވިފައިވާ ސާފު ހަމަށް ބައްލަވައިލައްވާށެވެ! އަޅުގަނޑުމެންނަށް ލިބިފައިވާ ފުރިހަމަ ސިކުނޑިއާމެދު ވިސްނާވަޑައިގެން ބައްލަވާށެވެ! އެއަށްފަހު މި ޙިއްސުތަކުން މަޙްރޫމް ވެފައިވާ ނިކަމެތިންގެ މަތީން ހަނދުމަފުޅު ކުރައްވާށެވެ! މިއީ އިންސާނެއްގެ ހިތް ޝުކުރުން ފުރޭފަދަ ނިޢުމަތަކަށް ނުވޭތޯއެވެ؟

އަޅުގަނޑުމެންގެ ފެނުމުގެ ޙިއްޞުގެ ބަދަލުގައި މީހަކު އުހުދު ފަރުބަދަޔާ އެއްވަރުގެ ރަންގަނޑެއް ދޭން ބުނެފިއްޔާ ވިއްކަވާނަންތޯއެވެ؟ އަޑު އިވުމުގެ ޙިއްޞުގެ ބަދަލުގައި މާސިންގާ ގަނޑުވަރެއް ޤަބޫލު ކުރެވޭނެތޯއެވެ؟

އަޅުގަނޑުމެންނަށް ވަނީ ހިމަނައި ކޮޅުން ނުލާވަރުގެ ގިނަގުނަ ނިޢުމަތް ދެއްވައިފައެވެ. އެކަމަކު އަޅުގަނޑުމެން އެކަމެއް ހަނދާނެއް ނުކުރަމުއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ބެލިނަމަވެސް ފެންނަނީ ﷲ ގެ އޯގާވަންތަކަމާއި ރަޙްމަތުގެ ނިޝާންތަކެވެ. ދިވެހިރާއްޖެ ފަދަ ވަސީލަތް މަދު ނުރައްކާތެރި ޙާލަތެއްގައި އޮތް ތަނެއްގައި އަޅުގަނޑުމެން ލެއްވުމަށްފަހުވެސް އެކަލާނގެ އޯގާވަންތަކަމުން ސަލާމަތުން ލަހައްޓަވާފައި ވަނީ އަޅުގަނޑުމެން ކުރި ކޮން ކަމެއްގެ ބަދަލުގައިތޯއެވެ؟ ފާފައާއި ނުބައި ކަންކަމުގެ ތެރެއަށް ގެނބިގެން ތިބޭއިރުވެސް ޢާއްމު ކޯފާއެއް ނުލައްވައި މި އޮންނަނީ އަޅުގަނޑުމެންގެ ކޮން ހެޔޮ ޢަމަލެއްގެ ސަބަބުންތޯއެވެ؟ މިއިން އެއްވެސް ސުވާލަކަށް ދޭނޭ އެދެވޭ ޖަވާބެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އޮތީ ހަމަ އެންމެ ޖަވާބެކެވެ. އެއީ ﷲ ގެ ރަޙްމަތެވެ. އެނޫން އެއްވެސް ސަބަބެއް ނެތެވެ.

އެހެންވީމާ އަޅުގަނޑުމެންނަކީ ޝުކުރުވެރިވާ އަދި އިޙްސާންތެރިކަން އަދާކުރާ ބަޔަކަށް ވާކަށް ނުވޭތޯއެވެ؟ ޅެންވެރިޔާ ވިދާޅުވާ ފަދައިން ލޮޑުކަމާއި ކަންނެތްކަމާއި ސޮހޮލުކަމުގައި ވަންހަ ނިމިދާ އިރުވެސް ތިބެންވީތޯއެވެ؟

މަޢުލޫމާތު: ލާތަޙްޒަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.