1 މިލިއަން ބާވަތުގެ ދިރުމަށް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައި: އދ. ގެ ރިޕޯޓު

ދުނިޔޭން ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ހަވާއިއަން މޮންކް ސީލް: މީގެ އާބަދީ ވަނީ 1000 އަށްވުރެ މަދުވެފައި

ދުނިޔޭގެ ބަޔޯޑައިވާސިޓީއާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް (އދ) އިން މިހާތަނަށް ނެރުނު ރިޕޯޓުގައި އެއްގަމާއި، ކަނޑާއި، ޖައްވުގައި އިންސާނާ ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ދިރޭތަކެތީގެ ބާވަތްތަކަށް އޮތް ނުރައްކަލުގެ ބޮޑުކަން ހާމަވެގެން ހިނގައްޖެއެވެ.

ގަސްގަހާގެއްސާއި، ސޫފާސޫތްޕާއި، ޖަނަވާރުގެ 1 މިލިއަން ދިރުމަށް މިވަނީ ނެތިދިއުމުގެ ބިރު ކުރިމަތިވެފައެވެ.

ރިޕޯޓުގައި ވާގޮތުން، އަހަރުމެންގެ ވަށައިގެންވާ ޠަބީއީ މާހައުލު މިދަނި ދުވަހަކުވެސް އަންދާޒާކުރެވިފައި ނުވާ މިންވަރަށް ހަލާކުވަމުންނެވެ. އިންސާނުންގެ ކާނާއާއި ހަކަތައިގެ ބޭނުންތައް އިތުރުވާ ވަރަކަށް އެކަން ދަނީ އަވަސްވަމުންނެވެ.

"އަހަރުމެން މިވަނީ މި ބިންމަތީގައިވާ ދިރުން އާދަޔާއި ޚިލާފަށް ބަދަލުކޮށްފައި." ރިޕޯޓު ތައްޔާރުކުރެއްވުމުގައި ބައިވެރިވަޑައިގެންނެވި އިންޑިޔާނާ ޔުނިވަސީޓީގެ އެޑުއާޑޯ ބްރޮންޑިޒިއޯ ނޫސްވެރިނާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ދިރުމުގެ ބާވަތްތައް ނެތިދިއުން މިވަނީ ކުރިއަށްވުރެ އެތައް ލައްކަ ގުނައެއް އަވަސްވެފައެވެ. މިންމަތީގައި ދިރިއުޅޭ ފަސް ލައްކައަށްވުރެ ގިނަ ބާވަތްތަކަށް އެތަކެތި ދިރިއުޅޭ ވެށި ކުރިއަށް މަދު އަހަރުތަކެއްގެ ތެރޭގައި ގެއްލިގެން ދާނެއެވެ. މާނައަކީ އެތަކެތި ދިރިއުޅޭ ވެށި އަލުން އިއާދަނުކޮށްފިނަމަ އެތަކެތި ނެތިދިއުމަށް މަގު ފަހިވުމެވެ. ކަނޑުގެ ހާލަތުވެސް ވަކި ރަނގަޅެއް ނޫނެވެ.

އދ. ގެ އިންޓަރގަވަރމެންޓަލް ސައިންސް ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިތީ އެންޑް އިކޯސިސްޓަމް ސާވިސަސް (އައިޕީބީއީއެސް) އިން އެޕްރީލް 29 އިން މޭ 4 އަށް ޕެރިހުގައި ޕެރިހުގައި ބޭއްވި ބައްދަލުވުމަށް ހުޅަހެޅި 'އައިޕީބީއީއެސް ގްލޯބަލް އެސެސްމަންޓް ރިޕޯޓަކީ 15000 މަސްދަރު ބޭނުންކޮށްގެން 145 ސައިންސުވެރިން ތައްޔާރުކޮށްފައިވާ 1800 ސަފުހާގެ ރިޕޯޓެކެވެ.

"އަހަރުމެންނާ އެހެނިހެން ދިރޭ ތަކެތިވެސް އުޅެމުންމިދާ ދިރޭތަކެތީގެ މާހައުލު މިދަނީ ދުވަހަކުވެސް ވެފައިނުވާހާ ހަލުއި މިނުގައި ހަލާކުވަމުން." އަޕީބީއީއެސް ގެ ޗެއާމަން ރޮބަޓް ވޮޓްސަން ވިދާޅުވިއެވެ.

"އަހަރުމެން މިދަނީ އަހަރުމެންގެ އިގްތިސާދާއި، ދިރިއުޅުމަށް ބޭނުންވާ ކަންކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހަތާއި، މުޅި ދުނިޔޭގެ ދިރިއުޅުމުގެ ފެންވަރު އޭގެ މައްޗަށް ބިނާވެފައިވާ އަސާސު ހަލާކުކުރަމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޠަބީއީ ދިރުމަށް ލިބޭ ބޮޑު ގެއްލުމުގެ އެންމެ ރީތި މިސާލަކީ މުރަކައިގެ ފަރުތަކެވެ. ދުނިޔެ އަދި އިތުރަށް 0.5 ޑިގްރީ ސެލްސިއަސް ހޫނުވެއްޖެނަމަ މުރަކައިގެ ފަރުތަކުގެ %70 ވަރު ނެތިގެން ދާނެކަމަށް ރިޕޯޓުގައި ވެއެވެ. އަދި އިތުރު 1 ޑިގްރީ ސެލްސިއަސް ހޫނުވެއްޖެނަމަ މުރަކައިގެ ފަރުތަކުގެ %99 ހަލާކުވާނެއެވެ.

މިކަމާ އަޅާނުލައި "އާދައިގެ މަތިން ކަންކަން ކޮށްކޮށް ތިބުމަކީ މުސީބާތަކަށް ވާނެ." ކަމުގައި ވޮޓްސަން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.