ފެނަކަ މުވައްޒަފުންގެ ޢާއިލީ ޤުރުއާން މުބާރާތް މިރޯދަމަހު ވެސް އޮންނާނެ

ފެނަކަ އާއިލީ ގުރުއާން މުބާރާތް ފޮޓޯ ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކަށް ހުޅުވާލައިގެން ބާއްވާ "ފެނަކަ މުވައްޒަފުންގެ ޢާއިލީ ޤުރުއާން މުބާރާތް 1440" މިއަހަރު ރޯމަދަމަހު ވެސް އޮންނާނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ މިމުބާރާތް ބާއްވާނީ ރާއްޖޭގެ 6 ސަރަޙައްދެއްގައި ކަމަށެވެ. އޭގެތެރެއިން ހެޑު އޮފީހުން ބައިވެރިވާ ފަރާތްތަކުގެ ކިޔެވުން އޮންނާނީ މާލޭގައެވެ. މާލޭގައި ކިޔަވާ ބައި ކުރިއަށްދާނީ މެއި 14 އިން 15 އަށެވެ. ހއ. ހދ. ށ. އަތޮޅުން ބައިވެރިވާ މީހުންގެ ކިޔެވުން ކުރިއަށްދާނީ ހދ. ކުޅުދުއްފުށީގައެވެ. އަދި ގއ. ގދ. ގެ ރަށްރަށުން ބައިވެރިވާ މީހުންނާއި ކުދިންގެ ކިޔެވުން އޮންނަނީ ގދ. ތިނަދޫގެއެވެ. އެ ދެ ސަރަޙައްދުގެ ކިޔެވުން ކުރިއަށްދާނީ މެއި މަހުގެ 17 އިން 18 އަށެވެ. ނ. ރ. ބ. ޅ އަތޮޅުގެ ބައިވެރިންގެ ކިޔެވުން ކުރިއަށްދާނީ ބ. އޭދަފުށީގައެވެ. އޭގެ އިތުރަށް އައްޑޫ ސިޓީއާއި ފުވައްމުލަކުން ބައިވެރިވާ މީހުންގެ ކިޔެވުން ކުރިއަށްދާނީ ފުވައްމުލަޖު ސިޓީގައެވެ. އެ ތިން ސަރަޙައްދުގެ ކިޔެވުން ކުރިއަށްދާނީ މެއި 19 އިން ވިއްސަށެވެ.  މ. އަތޮޅާއި، ފ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅުން ބައިވެރިވާ މީހުންނާއި ކުދިންގެ ކިޔެވުން އޮންނަނީ ދ. ކުޑަ ހުވަދޫގައެވެ. އެ ސަރަޙައްދު ތަކުގެ ބައިވެރިންގެ ކިޔެވުން ކުރިއަށްދާނީ މެއި މަހުގެ 24 އިން 25 ގެ ލިޔަލަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މި މުބާރަތަކީ ދެ ގޮތްޕަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެއީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ފެނަކަ ކުންފުނީގެ މުވައްޒަފުންނާއި، އެމީހުންގެ ދަރިންނާއި، މުވައްޒަފުންގެ ދަރީންގެ ދަރީންނާއި، މުވައްޒަފުންގެ އެއްބަނޑު އެއްބަފާ، އެއްބަޑު ނުވަތަ އެއްބަފާ މީހުންނާއި، މުވައްޒަފުންގެ އެއްބަނޑު އެއްބަފާ، އެއްބަޑު ނުވަތަ އެއްބަފާ މީހުންގެ ދަރިންނަށް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ޤާރީ ކަމުގެ ސަނަދު އޮންނަ މީހުންނާއި، ޙާފިޒް ކަމުގެ ސަނަދުއޮތް މީހުންނާއި، ޤުރުއާން މުދައްރިސް ކަމުގެ ސަނަދު އޮންނަ މީހުންނާއި، ސްކޫލް، މަދަރުސާއާއި ޤުރުއާން ކުލާސް ތަކުގައި ޤުރުއާން ކިޔަވައި ދެއްވާ މީހުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެގޮތަށް ހަމަޖެއްސެވީ މުބާރާތުގެ މަޤުސަދު ޙާސިލް ކުރުމަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވަނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުންދަށް، އަދި ފެނަކަ މުވައްޒަފުންނަށެވެ. ކޮންމެ ޢުމުރުފުރާއަކުން ދެގޮފި ވަކީން އެއްވަނަ ދެވަނަ ތިންވަނާ ހޮވާނެއެވެ. ދެގޮފި ވަކިން ވަނަތައް ހޯދާ މީހުންނަށް އިނާމަކަށް ޓްރޮފީއާއި ސެޓުފިކެޓު ލިބޭނެއެވެ. އަދި ދެ ގޮފި އެއްކޮށް އެއްވަނަ ދެވަނަ ތިންވަނާ ހޮވާނެއެވެ. ވަނަތައް ޙާސިލްކުރާ ފަރާތްތަކަށް ޓްރޮފީއާއި ސެޓުފިކެޓާއި ފައިސާގެ އިނާމް ލިބޭނެއެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ފަސް ހާސް ރުފިޔާ، ދެވަނައަށް ދެހާސް ފަސް ސަތޭކަ ރުފިޔާ، ތިން ވަނައަށް ފަނަރަ ސަތޭކަ ރުފުޔާ ހުށަހަޅާފައި ވެއެވެ.

މި މުބާރާތުގެ ދަތުރުފަތުރާއި ކެއިންބުއިމާއި ހުރުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ ބައިވެރިންގެ އަމިއްލައަށެވެ. މުބާރާތުގެ ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހެނީ މިހިނގާ މެއިމަހުގެ 13 ވަނަދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. މިއީ ފެނަކަ ކޯޕަރޭޝަންގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.

 ފެނަކައިން 1439 ވަނަ އަހަރު ބޭއްވި މުބާރާތުން ދެގޮފި އެއްކޮށް އެއްވަނަ ހޯދީ ނައުހާ ސާއީދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.