އިންޑިޔާގައި ވޯޓުލުމުގެ ހައްގުން ގިނަ އަދަދެއްގެ މުސްލިމުންނާއި ދަލިތުން މަހުރޫމުކޮށްފައިވާ ކަމުގެ ތުހުމަތު

އިންޑިޔާގެ ބަޔަކު މިއަހަރުގެ އާއްމު އިންތިޚާބުގައި ވޯޓުލުމަށް ކިޔު ހަދައިގެން

ދުނިޔޭގެ އެންމެ ބޮޑު އިންތިޚާބު، އިންޑިޔާގެ އާއްމު އިންތިޚާބުގައި މިއަހަރު ވޯޓުލުން މިހާރު ދެބައި ވެފައިވާއިރު، 900 މިލިއަން މީހުން އެ އިންތިޚާބުގައި ވޯޓުލާނެއެވެ.

އެހެންނަމަވެސް، މިހާތަނަށް ވޯޓުލީ ތަންތަނުން ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ މިހުންގެ ރަޖިސްޓަރީގައި ނެތިގެން، ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައި ނެތިގެން ހުށަހަޅާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

އަސާމުގައި ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ ބަންގާޅު ދަރިކޮޅުގެ ހަތަރު މިލިއަން މީހުން ވަނީ ފާއިތުވި އަހަރު އަލަށް ތައާރަފުކުރި ނޭޝަނަލް ރަޖިސްޓަރީ އޮފް ސިޓިޒެންސް (އެންއާރްސީ) އިން އުނިކޮށްފައެވެ. އޭގެ މާނައަކީ އެމީހުން ކުރިން ވޯޓުލަމުން އައި ނަމަވެސް މިފަހަރު އެމީހުންނަކީ އިންޑިޔާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ނުވާތީ އެމީހުންނަށް ވޯޓުނުލެވޭނެއެވެ.

ފާއިތުވި އަހަރު ޑިސެންބަރު މަހު ތެލަންގާނާ ސްޓޭޓުގައި ބޭއްވި އިންތިޚާބުގައިވެސް ތިން މިލިއަން މީހުންނަށް ވޯޓު ލެވިފައި ނުވެއެވެ. އެ ސްޓޭޓްގެ އިލެކްޝަން ކޮމިޝަނުން ވޯޓުލާމީހުންގެ ލިސްޓު އެކުލަވާލި އިރު އެ މީހުންގެ ނަން ވަނީ އުނިކޮށްފައެވެ. އެމީހުންނަށް މިފަހަރުވެސް ވޯޓު ނުލެވޭނެއެވެ.

އާންދްރާ ޕްރަދޭޝް، އުއްތަރާކަންޑް، ކަރްނާޓަކާ އަދި ދިއްލީގައި ވެސް މި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އިންޑިޔާގެ ވޯޓުލާ މީހުންގެ ރަޖިސްޓަރީން އުނިކޮށްފައި ވަނީ ކިތައް ނަންކަން ނޭނގުނު ނަމަވެސް، އިންތިޚާބުތައް ދިރާސާކުރާ ދެ ފަރާތަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 28 މިލިއަން އަންހެނުން ވަނީ ވޯޓުލާ މީހުންގެ ލިސްޓުތަކުން އުނިވެފައެވެ. މި ދިރާސާ ކޮށްފައި ވަނީ އެންޑީޓީވީގެ އެއް ބާނީ ޕްރަނޯއީ ރޯއީ އާއި އެ ޓީވީގެ އެޑިޓޯރިއަލް އެޑްވައިޒަރު ދޯރަބް ސޮޕާރީވާލާއެވެ. އެ ދެ ބޭފުޅުން ވަނީ އިންޑިޔާގެ އިންތިޚާބުތައް ދިރާސާކުރުމުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށްފަހު، މި އަހަރުގެ ކުރީކޮޅު 'ދަ ވާޑިކްޓް: ޑިކޯޑިންގ އިންޑިޔާސް އިލެކްޝަންސް' ގެ ނަމުގައި ފޮތެއް ނެރުއްވާފައެވެ.

ހައިދަރުއާބާދުގެ ޚާލިދު ސައިފުﷲ ފަށާފައިވާ 'މިސިންގ ވޯޓާސް' (ގެއްލިފައިވާ ވޯޓުލާމީހުން) ހަރަކާތުން ލަފާކުރާ ގޮތުގައި އިންޑިޔާގެ މުސްލިމުންގެ 40 މިލިއަން މީހުންނާއި، ހިންދޫ ދީނުގައި ގެންގުޅޭ މީހުން ގިންތިކުރުމުގެ ދަށުން އެންމެ ނިކަމެތި ގިންތިކަމުގައި ބެލެވޭ ދަލިތުންގެ (މިއީ މަތީ ގިންތީގެ މީހުން އަތްލާންވެސް ކަމުނުދާ 'އަތްނުލެވޭ' މީހުންނެވެ.) 30 މިލިއަން މީހުން ވޯޓުލާ މީހުންގެ ރަޖިސްޓަރީން އުނިކުރެވިފައި ވެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ގަސްތުގައި ކޮށްފައިވާ ކަމެކެވެ. ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ވޯޓުން ފައިދާ ހޯދައިދިނުމުގެ ބޭނުމުގައެވެ. މުސްލިމުންނާއި، ދަލިތުންނަކީ އާއްމު ގޮތެއްގައި ބީޖޭޕީއަށް ތާއީދު ނުކުރާ ބަޔަކަށް ވާތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.