އިންޑިޔާގެ އާއްމު އިންތިޚާބު ނިމިއްޖެ

ފާއިތުވި އޭޕްރީލްމަހު 11 ވަނަ ދުވަހު ފަށައިގެން 7 ފިޔަވައްސަކަށް ބަހާލައިގެން އިންޑިޔާގައި ބޭއްވި އާއްމު އިންތިޚާބު މިއަދު ނިމިއްޖެއެވެ.

ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި މިއަދު ވޯޓުލާފައި ވަނީ 8 ސްޓޭޓެއްގެ 59 ދާއިރާއެއްގައެވެ. ލޯކް ސަބާގެ 543 މެންބަރުން ހޮވުމަށް ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައިވާ އިރު މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. 50 ސިޔާސީ ޕާޓީއަކުން ވާދަކުރާ މި އިންތިޚާބުގައި ވޯޓުލުގެ ހައްގު ލިބިފައިވާ މީހުންގެ %60 އަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވާ ކަމަށް ވެއެވެ.

މި އިންތިޚާބަކީ 2014 ވަނަ އަހަރު ބޮޑު އަޣުލަބިއްޔަތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތުތަކަށް އޮތް ތާއީދު ހާމަވާނެ އިންތިޚާބެއް ކަމުގައި އޮތީ ބެލެވިފައެވެ. ވަޒީފާ ނެތުމާއި، ދަނޑުވެރިންނަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކާއެކުވެސް، މި ފަހަރުގެ އިންތިޚާބުގައި ވެސް އެންމެ މަގުބޫލު ސިޔާސީ ޝަޚުސިއްޔަތަކަށްވީ ބޮޑުވަޒީރު މޯދީއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއަށް ވަނީ މޯދީއާ ވާދަކުރެވޭވަރުގެ މަގްބޫލު ޝަޚްސިއްޔަތެއް އާއްމުންނަށް ނުދެއްކިފައެވެ. ކޮންގްރެސްގެ ލީޑަރު ރާހޫލް ގާންދީގެ މަގްބޫލުކަން އިތުރުނުވާތީ، އޭނާގެ ކޮއްކޯފުޅު ޕްރިޔަންކާ ގާންދީ ސިޔާސީ މައިދާނަށް ނެރުނު ނަމަވެސް އާއްމުންގެ ތާއީދު ހޯއްދެވުމުގައި ޕްރިޔަންކާއަށް ކާމިޔާބުވެވަޑައެއް ނުގަތެވެ.

މިއަދު އިންތިޚާބު ނިމުނުތާ ގިނަ އިރުތަކެއް ނުވެ ނެރުނު އެގްޒިޓް ޕޯލްތަކުންވެސް ވަނީ ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްވެއޮވެ އުފައްދާފައިވާ ކޯލިޝަން ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ފަސޭހަކަމާއެކު މިއިންތިޚާބު ކާމިޔާބުކުރާނެކަމަށް ދައްކާފައެވެ.

ޗަނަކްޔާ ޕޯލްއިން ދައްކާ ގޮތުގައި ބީޖޭޕީން 291 ގޮނޑި ކާމިޔާބުކުރާނެއެވެ. ކޮންގްރެސްއަށް ކާމިޔާބުކުރެވޭނީ އެންމެ 56 ގޮނޑިއެވެ.

ޓައިމްސް ނައު-ވީއެމްއާރ ޕޯލްއިން ދައްކަނީ އެންޑީއޭ ކޯލިޝަނަށް 306 ގޮނޑި ލިބޭއިރު، އިދިކޮޅު ކޯލިޝަން، ޔުނައިޓެޑް ޕީޕަލްސް އެލާޔަންސް (ޔޫޕީއޭ) އަށް ލިބޭނީ 136 ގޮނޑިއެވެ.

ނިއުސްއިންޑިޔާ18-އައިޕީއެސްއޯއެސް ޕޯލް އިން މޯދީގެ އެންޑީއޭއަށް 336 ގޮނޑި ކާމިޔާބުކުރެވޭނެކަމަށް ދައްކާއިރު، ޔޫޕީއޭ ލިބޭނެކަމަށް ދައްކަނީ އެންމެ 82 ގޮނޑިއެވެ.

އެންޑީއޭށް އަޣުލަބިއްޔަތު ނުލިބޭނެކަމަށް ބުނެފައި ވަނީ އެންމެ ޕޯލްއަކުންނެވެ. އެއީ ނޭތާ ނިއުސް އެކެސް ޕޯލްއެވެ. އެއިން ދައްކާ ގޮތުގައި އެންޑީއަށް ލިބޭނީ އަޣުލަބިއްޔަތަށް ބޭނުންވާ 272 އަށްވުރެ 30 ގޮނޑި މަދުންނެވެ.

އެގްޒިޓް ޕޯލްތަކަކީ ހުރިހާ ފަހަރަކު ރަނގަޅުވާ އެއްޗެއް ނޫނެވެ. އިއްޔެ އޮސްޓްރޭލިޔާގައި ނިމިގެންދިޔަ އާއްމު އިންތިޚާބުގައިވެސް ވަނީ އެކަން ފެނިގެން ގޮސްފައެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ މި މޭ މަހުގެ 23 ވަނަ ދުވަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.