އިންޑިޔާގައި އާއްމު އިންތިޚާބު ބާއްވާ ތާރީޚުތައް އިއުލާންކޮށްފި

އިންޑިޔާގައި މި އަހަރު ބާއްވާ އާއްމު އިންތިޚާބު އޮންނާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެން މި އަހަރުގެ އެޕްރީލް މަހާ، މޭ މަހުގައި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އެޕްރީލް މަހުގެ 11 އިން މޭ މަހުގެ 19 އަށެވެ.

ލޯކް ސަބާގެ 543 ގޮނޑިއަށް މެންބަރުން ހޮވުމަށް 900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ، މި އިންތިޚާބުގައި ވޯޓުލުމަށް 10 ލައްކަ ބޫތު ބަހައްޓާނެއެވެ. އިންޑިޔާގެ އާއްމު އިންތިޚާބަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ.

ލޯކް ސަބާގެ މިދައުރު ހަމަވާނީ ޖޫން 3 ގައެވެ. އިންތިޚާބާ ގުޅިގެން ސަރުކާރުން އަމަލުކުރަން ޖެހޭ އުސޫލު ބުނާ ގޮތުން މިއަދު އިންތިޚާބުގެ ތާރީޚު އިއުލާންކުރުމަށް ފަހު އިންތިޚާބު ނިމެންދެން ސަރުކާރުން އައު ސިޔާސަތުތައް އިއުލާންކޮށް ނެހެދޭނެއެވެ.

ވޯޓުލާ ހަތް ފިޔަވަހީގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ އަންނަނިވި ގޮތަށެވެ.

  • ފިޔަވަހި 1، 11 އެޕްރީލް 2019: 20 ސްޓޭޓެއްގެ 91 ދާއިރާ
  • ފިޔަވަހި 2، 18 އެޕްރީލް 2019: 13 ސްޓޭޓެއްގެ 97 ދާއިރާ
  • ފިޔަވަހި 3، 23 އެޕްރީލް 2019: 14 ސްޓޭޓެއްގެ 115 ދާއިރާ
  • ފިޔަވަހި 4، 29 އެޕްރީލް 2019: 9 ސްޓޭޓެއްގެ 71 ދާއިރާ
  • ފިޔަވަހި 5، 06 މޭ 2019: 7 ސްޓޭޓެއްގެ 51 ދާއިރާ
  • ފިޔަވަހި 6، 12 މޭ 2019، 7 ސްޓޭޓެއްގެ 59 ދާއިރާ
  • ފިޔަވަހި 7، 19 މޭ 2019، 8 ސްޓޭޓެއްގެ 59 ދާއިރާ

މި އިންތިޚާބުގައި 464 ސިޔާސީ ޕާޓީއަކުން 8250 ކެންޑިޑޭޓުން ވާދަކުރެއެވެ.

މިފަހަރުގެ އާއްމު އިންތިޚާބު މި ބޭއްވެނީ ފާއިތުވި އަހަރުގެ ފަހުކޮޅު ބޭއްވުނު 5 ސްޓޭޓެއްގެ އިންތިޚާބުގައި ވެރިކަންކުރާ ބީޖޭޕީއަށް ނާކާމިޔާބުވެ، އިދިކޮޅު ކޮންގްރެސް ޕާޓީގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. ދާދި ފަހުން ޕާކިސްތާނާއެކު އުފެދުނު އަރައިރުމުގައި ބޮޑުވަޒީރު މޯދީ ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން އޭނާއަށްވަނީ ފާޑުކިއުން އިތުރުވެފައެވެ. އެހެންކަމުން، މި އިންތިޚާބަކީ ވެރިކަން ބަދަލުކޮށްލާނެ އިންތިޚާބަކަށް ވެދާނެކަމަށް ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.