އަންނަމަހު އެޗުއާރުއެޗަށް ޑޮކްޓަރުން ހަމަވާނެ: ޝާހު

18:42:21ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި މިވަގުތު މަދީ ކަށީގެ ޑޮކްޓަރަކާއި ރޭޑީއޯ ލޮޖިސްޓެއް ކަމަށާއި އަންނަ މަހުގެ 8 އާއި 11 އާ ދެމެދު އެކަމަށް ޙައްލެއް ލިބޭނެ ކަމަށް އެޗުއާރުއެޗު ހިންގެވުމާ ޙަވާލުވެ ހުންނެވި، ޑިރެކްޓަރ ޝާހު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝާހު މިއަދު ވިދާޅުވީ ކަށީގެ ޑޮކްޓަރަކާއި ރޭޑިއޯލޮޖިސްޓަކު ނެތުމުގެ ޝަކުވާ ހޮސްޕިޓަލަށް ލިބެމުންދާ ކަމަށެވެ. އެކަން ޙައްލުކުރުމަށް އަންނަ މަހު 8 ގައި ކަށީގެ ޑޮކްޓަރު އަންނާނެ ކަމަށާއި ރޭޑިއޯލޮޖިސްޓް އަންނާނީ 11 ގައި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ޚިދުމަތް ނުލިބި ބައެއްފަހަރު މެދުކެނޑެނީ ޗުއްޓީ އެއް ނެންގުވުމަށްފަހު ކުރިން އެންގުމަކާ ނުލައި އިސްތިއުފާ ދެއްވުން ފަދަ ކަންކަން ދިމާވާތީ ކަމަށެވެ. އެފަދަ ޙާލަތްތަކުގައި އެކަން ފޫބައްދަން ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަން ޙައްލުވާން އޮތް އެއްގޮތަކީ އެފަދަ ޙާލަތްތަކުގައި އެހެން އަތޮޅަކުން ނުވަތަ ރަށަކުން ޑޮކްޓަރެއް ލިބޭނެގޮތް ވުން ކަމަށް އޭނާ ވިދާޅުވިއެވެ. "މިތަނުގައި ދެ ޑޮކްޓަރުން ތިބޭ ކަމަށްވާނަމަ އެހެން ރަށެއްގެ ހޮސްޕިޓަލަށް އެފަދަ ޙާލަތެއް ދިމާވުމުން އެތަނުން ޑޮކްޓަރަކު ފޮނުވާފައިވާނެ،" ޝާހު ވިދާޅުވިއެވެ.

މިހާރުވެސް އެތަނުގެ ތިން މެޑިކަލް އޮފިސަރުން ތިބީ މެޓާނިޓީ ލީވްގައެވެ. އެކަމުގެ ދަތިކަން ވެސް ކުރިމަތިވެފައިވާކަމަށާއި އެހެންމަވެސް ވަރަށް އަވަހަށް އެޗުއާރުއެޗަށް މެޑިކަލް އޮފިސަރަކު އަންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުން އަބަދުވެސް ގެންދަވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރައްވަމުންނެވެ. ބައެއް ކަންކަމަކީ ވަގުތު ހޭދަވާ ކަންކަމަށްވާތީ ރައްޔިތުން އުންމީދު ކުރާ ހަލުއި މިނުގައި އެކަންކަން ނުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ގުޅަން ދަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ޙައްލު ކުރުމަށް ނައިސް ނަމްބަރުގެ ގޮތުގައި 6885555، 6886666 އާއި އެމްބިޔުލާންސަށް ގުޅުމަށް 102 މިނަމްބަރުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މިހާރުވެސް ހޮސްޕިޓަލުން ގެންދަނީ ތަން މަރާމާތު ކުރުމާއި، ލެބޯޓަރީގެ ޚިދުމަތާއި އަދިވެސް އެހެނިހެން ޑިޕާޓުމަންޓުތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް އަވަސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ހޮސްޕިޓަލުގެ ވާޑުތައް ހޫނުވުމުގެ ޝަކުވާ ލިބެމުންދާތީ ކުރިއަށްއޮތް 15 ދުވަސްތެރޭގައި ދެ ވާޑް އޭސީކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެއް ވާޑު ވަނީ އޭސީ ކޮށްފައެވެ. "އަމާޒަކީ 4 ވާޑު އޭސީކުރުން" ޝާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހުރިހާ ހެލްތު ސެންޓަރުތަކަށް ސަޕްލައި ފެންގުޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި އެމަސައްކަތް ވެސް ނިމި ވަރަށް އަވަހަށް ޚިދުމަތް ދެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެކްސްރޭގެ ޚިދުމަތް ދިނުމަށް ވެސް އިތުރު ޓެކްނީޝަނެއް ލިބި  ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ޝާހު އަކީ ނުލާހިކު ރަގަޅަށް މަސައްކަތް ކުރާ ވެރިއެއް، ޑޮކްޓަރުންނަކީވެސް ވިއްކަން ޢަންމުކޮށް ބަޒާރުގައި ތިބޭ އެއްޗެއްނަމަ ލަހެއް ނުވާނެ، ކީއްތަވާނީ މިއަތޮޅުގެ ކަށީގެ ޑޮކްޓަރަކު ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރަކު ނުހުންނަ ދުވަސްވަރު ނުބަހައްޓަނީ، ފައިސާ އިތުރަށް ދޭނަމަ އެމީހުންވެސް އަންނާނެ، ލާހިކެއް ނޫން ފައިސާ ގިނައިން ލިބޭ ބިމެއްގައި ނޫނީ އެއިން މީހަކުވެސް ފައި ނާޅާނެ،

  2. އެހެން އަތޮޅުތަކާއި ރައްތަކުގެ ހޮސްޕިޓަލްތަކުން ކުރިންލިބެންނެއް އާޚިދުމަތްތައް ތަޢާރަފުކުރަމުންދާއިރު އެޗް އާރު އެޗް އިން ކުރިންލިބެމުންދިޔަ ޚިދުމަތްތައް އަލުން އަލުންދެވެންއަންނަނީ އަންނަމަހުކަމަށް ބުނަމުންދަނީފަޚުރުވެރިކަމާއިއެކު. ވިިސްނަވާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.