ޚިދުމަތް ކުރުމަށް އަމިއްލަ ކެންޑިޑޭޓުންގެ ފިކުރު މުހިންމު: ސަޢުދު

އަޙުމަދު ސަޢުދު

ޤައުމަށް ޚިދުމަތް ކުރެވޭނީ ހަމައެކަނި ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ހޮވޭ މެމްބަރަކަށް ނޫންކަމަށް ބިލެތްދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތި ލައްވައިފައިވާ އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލައިގެން މަޖިލީހަށް ހޮވޭ މެމްބަރުންނަށް ޤައުމަށް ނުވަތަ ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ސަޢުދު ވިދާޅުވީ ޤައުމަށް ޚިދުމަތްކޮށް ޤައުމު ތަރައްޤީ ކުރުމަށް އަމިއްލަ މެމްބަރުންގެ ވިސްނުމާއި، ޚިޔާލާއި ފިކުރު ވެސް ވަރަށް މުހިންމު ކަމަށެވެ. މިނިވަން ކެންޑިޑޭޓުންގެ  ގޮތުގައި މަޖިލީހަށް ކުރިމަތި ލައްވާފައިވަނީ ސީދާ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށާއި ޕާޓީތަކުން ކުރިމަތިލައިގެން މަޖިލީހަށް ހޮވޭ ކެންޑިޑޭޓުން މަޖިލީހުގައި ޕްރޮމޯޓު ކުރަމުންދާނީ ރައްޔިތުންގެ ފިކުރުގެ ބަދަލުގައި ސީދާ ޕާޓީގެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިވަން ކެންޑިޑޭޓުން މެމްބަރުންގެ ގޮތުގައި މަޖިލީހަށް ވަންނާނީ ރައްޔިތުންގެ ޚިޔާލާއި ފިކުރު ހިފައިގެން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި. އެމީހުން ޕާޓީގެ ފިކުރުގައި ޖެހި ވަކިގޮތަކަށް ކަންކަން ނުކުރައްވާނެ. އެމީހުންނަށް ޕްރެޝަރު ކުރާނީ އެމީހުން ހޮވައިދިން ރައްޔިތުން. ރައްޔިތުން ބުނާގޮތަށް މަޖިލިސްތެރޭގައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިނިވަން ކެންޑިޑޭޓުންނަށް އިމެއްނެތި އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ ރައީސް ނަޝީދު ފަދަ މިނިވަން ޚިޔާލުގެ ބޭފުޅުން އެހެން މީހުންގެ ޙައްޤުތައް ގެއްލޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަންނަން ފަސޭހަ ކަމެއްނޫން ކަމަށެވެ. "ޕާޓީއަށްޓަކައި އެހެން މީހުންގެ ޙައްޤުތައް ޤުރުބާން ކުރުމުގެ ފަލްސަފާއެއް އެއްވެސް ބޭފުޅަކު ގެންގުޅުއްވައިގެން ނުވާނެ. އިންތިޚާބުގައި ވާދަ ކުރުމަކީ އެކަމަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އިންތިޚާބީ ޙައްޤެއް. ރައީސް ނަޝީދު ފަދަ ބޭފުޅުން އެއާ ޚިލާފަށް ވާހަކަފުޅު ދެއްކެވުމަކީ ރަނގަޅު ކަމެއްނޫން. އެވާހަގަ އެގޮތަށް ދައްކަވަނީ ކީއްވެކަމެއް ނޭނގޭ،" ސަޢުދު ވިދާޅުވިއެވެ.   ރައީސް ނަޝީދު ޤައުމުދެކެ ލޯބިވާ ފަދައިން އެހެން މީހުން ވެސް ޤައުމުދެކެ ލޯބިވާކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

އަޙުމަދު ސަޢުދަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އެޕާޓީގެ ފަރާތުން ބިލެތްދޫ ދާއިރާއަށް ވާދަކުރައްވަނީ އެދާއިރާގެ މިހާރުގެ ވެސް މެމްބަރު މުބީނެވެ.

ސަޢުދު ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

ސަޢުދަކީ ޑިގްރީ ހައްދަވައިފައިވާ ތަޢުލީމީ ބޭފުޅެކެވެ. މީގެ ކުރިން އޭނާވަނީ ޖޭޕީގެ ރެޖިސްޓްރާ ކަންވެސް ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.