ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ 6 ދިވެހީންގެ ތެރެއިން 4 މީހަކާ ޙަވާލުވުމަށް އެމީހުންގެ ޢާއިލާތަކުން އައުމަށް ސްރީލަންކާ ކޯޓުން އަންގައިފިއެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ރައްޒާޤާ ޙަވާލާ ދެއްވައި ރާއްޖެއެމްވީން ބުނެފައިވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައިތިބި 6 މީހުންގެ ތެރެއިން ނިގަންބޯގައި އިންޖިނިއަރިން ހަދަމުންދާ 4 ކުދިންނާ ޙަވާލުވުމަށް ކޯޓުން އަންގާފައިވާ ކަމަށެވެ. އެމީހުން ކޯޓަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.
އޭގެ ތެރެއިން ނިގަމްބޯއިން ހައްޔަރު ކޮށްފައިވާ އިންޖިނިއަރިން ކިޔަވަމުން އަންނަ ހަތަރުކުދިންނާއި ހަވާލުވާން އެ މީހުންގެ އާއިލާތަކުން އައުމަށް ސްރީލަންކާގެ ކޯޓުން އަންގާފައިވާ ކަމަށް ސަފީރާ ޙަވާލާ ދެއްވައި ރާއްޖެއެމްވީން ބުނެފައިވެއެވެ. ކޯޓުން އެގޮތަށް އެންގީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި ކަމަށް ސަފީރު ވިދާޅުވި ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.
އެ ދަރިވަރުންގެ ޢާއިލާގެ ފަރާތުން މީހަކު އަންނަ ހޯމަދުވަހު އެމީހުންނާ ޙަވާލުވާން އަންނާނެ ކަމަށާއި އެހައިތަނަށް އެ މީހުން ތިބޭނީ ލަންކާގެ ރިމާންޑު ޖަލެއްގައި ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
އެއް ގެއެއްގައި އުޅޭ މި 4 ދަރިވަރުން ބަންދުކޮށްފައިވަނީ އެމީހުން އުޅޭ ގެއިން އެއާރައިފަލްތަކެއް ފެނިގެންނެވެ. އެމީހުން އަތަކު ރައިފަލް ގެންގުޅުމުގެ ހުއްދަ ނުވަތަ ލައިސަންސް ނޯންނަ ކަމަށް ސަފީރާ ޙަވާލާ ދެއްވައި ރާއްޖެއެމްވީން ބުނެފައިވެއެވެ.
ލަންކާގައި ބޮންގޮއްވައި 300 އަށްވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެ ޙާދިސާއަށްފަހު ލަންކާ ފުލުހުން ގެންދަނީ ތަންތަނާއި ގެތައް ބަލައި ފާސްކުރަމުންނެވެ.