މިއަދު ސްރީލަންކާގެ ވެރިރަށް ކޮލޮންބޯއާއި އިރުމަތީގެ ރަށެއް ކަމުގައިވާ ބަޓިކަލޮއާގައި ދިން ބޮމުގެ ހަމަލާތުގައި މަރުވެ އަދި ގެއްލިފައިވާ ބޭރު ގައުމުތަކުގެ މީހުންގެ ތަފްސީލު އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ހަމަލާތަކުގައި މަރުވި ބޭރު މީހުން ކަމަށް ބެލެވޭ 25 މީހަކު އަދިވެސް ކޮން ބައެއްކަން ދެނެގަނެވިފައިވާ ނުވާތީ އެމީހުންގެ ހަށިގަނޑު މިހާރު ވަނީ ޖުޑިޝަލް މެޑިކަލް އޮފީސް (ޖޭއެމްއޯ) ގެ މޯޗަރީއަށް ލެވިފައެވެ.
މިއަދު ހެނދުނު އެކުއެކީގައި ހެން ނަސާރާއިންގެ ތިން ފައްޅިއަކާއި، ފަސްތަރީގެ ތިން ހޮޓަލަކަށް ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި މިހާތަނަށް 207 މީހަކު މަރުވިކަން ކަށަވަރުވެފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މަރުވި ބޭރު މީހުންގެ ތެރެއިން 11 މީހަކު ވަނީ ކޮން ބައެއްކަން ދެނެގަނެވިފައެވެ. އެއީ: އިންޑިޔާގެ 3 މީހަކާއި، ޕޯޗުގަލްގެ އެކަކާއި، ތުރުކީގެ 2 މީހަކާއި، އިނގިރޭސިވިލާތުގެ 3 މީހަކާއި، އިނގިރޭސި އަދި އެމެރިކާގެ ޕާސްޕޯޓުގެ އޮތް 2 މީހެކެވެ.
މިއަދުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާކަން ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަމާ އެއީ ކޮން ބައެއްކަން ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ. ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ނަން އެކި ފަރާތްތަކުން ހާމަކުރަމުން ދާތީ، ސްރީލަންކާ ސަރުކާރުން ވަނީ އެފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ތަމަޅަ ހަނގުރާމަވެރިންނާ ކުރެވުނު ދާޚިލާ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް އައިފަހުން ސްރީލަންކާ ދުށް އެންމެ ލޭއޮހޮރުވުން ބޮޑު މި ހަމަލާތަކުގައި 450 މީހުން ޒަޚަމްވެފައިވާއިރު، ޒަޚަމްވެފައިވާ ބޭރު ގައުމުތަކުގެ 19 މީހަކަށް ކޮލޮންބޯ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ބޭރުގެ 9 މީހަކު ގެއްލިފައިވާކަންވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ބޭރު ގައުމުތަކުގެ މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ހޮޓްލައިނެއް ގާއިމުށްފައެވެ. އެއީ 94112323015+ މިނަންބަރެވެ.