ޖާނު ގޮއްވާލައިގެން މަރުވި އެކަކު ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްރޭލިއާ ގައި

އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި އެކަކު ދިނީ ހަރުކަށި ފިކުރުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްެރޭލިއާ އިން ކަމަށް އޭނާގެ ދައްތަ ބުނެފިއެވެ. އޭނާގެ ދައްތަ އާއި ހަވާލާދީ އޮސްޓްރޭލިއާގެ ނޫސް ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 36 އަހަރުގެ ޢަބްދުލް ލަޠީފް ޖަމީލް މުޙައްމަދް ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްރޭލިއާގެ މެލްބަން ގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ.

އޮސްޓްރޭލިއާގައި ދިރިއުޅުނު އިރު އިސްލާމިކް ސްޓޭޓްގެ މެންބަރެއް ކަމުގައިވާ ނީލް ޕްރަކާޝް އާއި މުޙައްމަދާއި ގުޅުމެއް އޮންނަ ކަމަށް ޝައްކު ކުރެވިގެން އޭނާ އާއި ސުވާލު ކުރެވިފައިވާ ކަމުގެ މައުލޫމާތު ވެސް މިހާރުވަނީ ތިލަވެފައެވެ.

މެލްބަން އަށް ދިއުމުގެ ކުރީން އަބްދުލް ލަތީފު ޖަމީލް މުޙައްމަދު ވަނީ ލަންޑަންގެ ކިންގްސްޓަން ޔުނިވަރިސިޓީގައި އޭރޯ ސްޕޭސް އިންޖިނިއަރިން' ކިޔަވާފައެވެ. އެއީ 2006 ވަނަ އަހަރާއި 2007ވަނަ އަހަރުގައެވެ. މެލްބަން އަށް އޭނާ ދިޔައީ ޕޯސްޓްގްރެޖުއޭޓް ޑިގްރީއަށް ކިޔަވާށެވެ.

މުޙައްމަދު ސްޓޫޑެންޓް އަދި ގްރެޖުއޭޓް ސްކިލްޑް ވިސާގައި އޭނާ އޮސްޓްރޭލިއާގައި ދިރިއުޅެފައިވާ ކަން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އޮސްޓްރޭލިއާ އިން ފުރާފައިވަނީ 2013ވަނަ އަހަރުއެވެ. އޮސްޓްރޭލިއާގެ ނޫހެއް ކަމުގައިވާ 'ދި އޮސްޓްރޭލިން' އާއި ހަވާލާދީ ނިއުސް ޑޮޓް ކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޙައްމަދް އާއި ނީލް ޕްރަކާޝް އާއި ގުޅުމެއް އޮތް ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ޓެރަރިޒަމް މައްސަލައެއްގެ ތަހުގީގަށް އޭނާ އާއި ސުވާލުކުރެވިފައި ވެއެވެ.

ޕްރަކާޝް އަކީ އޮސްޓްރޭލިއާ އަށް އުފަން މީހެކެވެ. އޮސްޓްރޭލިއާގައި އޭނާ މަގްބޫލުކަން ހޯދަން ފެށީ އިސްލާމިކް ސްޓޭޓުގެ ޕްރޮޕެގެންޑާ ފެތުރުމަށް އުފައްދަމުން ދިޔަ ވީޑިއޯ ތަކުންނެވެ. މި ވީޑިއޯ ތަކުގައި އޭނާ ދިޔައީ އައި.އެސް އާއި ގުޅުމަށް ހުޅަނގުގެ ޒުވާނުންނަށް ގޮވާލަމުންނެވެ. އަދި އޮސްޓްރޭލިއާގެ ދެ ފުލުހަކަށް ވަޅިން ހަމަލާ ދިން އުމުރުން 18 އަހަރުގެ ނޫމާން ހައިދަރު އަށް ވެސް ވަރަށް ބޮޑަށް ހިތްވަރު ދީފައިވެއެވެ. ޑިސެންބަރު މަހު އޭނާ އަތުން އޮސްޓްރޭލިއާގެ ރައްްޔިތުކަން ވަނީ އަތުލައިފައެވެ. ޕްރަކާޝްގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވި ޝަރީޢަތް ފެށެންދެން ތުރުކީގެ ޖަލެއްގައި ވަނީ ބަންދުކުރެވިފައެވެ.

މުޙައްމަދް އާއި ޕްރަކާޝް އާއި ގުޅުން ބަދަހިވެފައިވާ މިންވަރު ސާފުނުވި ނަމަވެސް، އޮންލައިންކޮށް މުއާމަލާތު ހިނގާ ކަމަށް 'ދި އޮސްޓްރޭލިއަން' އިން ރިޕޯޓު ކުރެއެވެ.

މެއިލް އޮންލައިން އަށް މުޙައްމަދުގެ ދައްތަ ދިން އިންޓަވިއު އެއްގައި ބުނިގޮތުގައި އޮސްޓްރޭލިއާ އިން އެނބުރި ގައުމަށް ދިޔައިރު މުޙައްމަދު ހުރީ މުޅީން ބަދަލުވެފައެވެ. ތުނބުޅި ކުރުކޮށް ކޮށާފައި ތިބޭ އާއިލާ މީހުންނާ ދޭތެރޭ ހިތް ހަމަނުޖެހުން ފާޅުކުރެއެވެ. އަދި މިޒާޖު ބަދަލުވެ މަޑުމައިތިރިވެ އެހެން މީހުންނާ އެކަހެރިކޮށް އުޅެން ފެށިއެވެ. އޭނާގެ ދައްތަ ބުނާ ގޮތުގައި އިނގިރޭސިވިލާތުން އެނބުރި އައި އިރު އެފަދަ ކަމެއް ފާހަގަ އެއް ނުކުރެވެއެވެ. ނަމަވެސް އޮސްޓްރޭލިއާ އިން އނެބުރި ދިޔައީ ހަރުކަށި ދީނީ ފިކުރުގެ މީހަކަށް ބަދަލުވެގެންނެވެ.

މުޙައްމަދުގެ ދައްތަ ބުނާގޮތުގައި އޭނާ އަކީ އަބަދުވެސް ދީންވެރި ކުއްެޖެކެވެ. އަދި މިއުޒިކަށް ލޯބިކުރި ސަމާސާ މިޒާޖުގެ މީހެކެވެ. އެހުރިހާ ކަމެއް ބަދަލުވީ އޮސްޓްރޭލިއާ އިން އެނބުރި ދިޔަފަހުންނެވެ. އަދި މިޒާޖަށް އައި ބޮޑު ބަދަލަކީ އާއިލާ އަށް  އުފުލަން ޖެހުނު ތަކުލީފެއް ކަމަށް އެނާގެ ދައްތަ ސިފަކުރެއެވެ.

މުހައްމަދުގެ ދައްތަ ހިދާޔާ، އޭނާގެ ކޮއްކޮގެ ވާހަކަތައް މީޑިއާ އާއި ހިއްސާކޮށްފައި މިވަނީ ދެހިވަލައިގެ 'ޓްރޮޕިކަލް އިން ހޮޓެލް' ގެ ބޭރުގައި މުހައްމަދު ހަރަކާތްެތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސްކައި ނިއުސް އިން އާއްމުކުރުމުންނެވެ.

ދެހިވަލަ އަށް ދިއުމުގެ ކުރިން މުހައްމަދު ބޮން ގޮއްވާލަން އުޅުނީ ކޮލޮމްބޯގައި ހުންނަ ތާޖް ސަމުދްރާ ހޮޓެލް ގައެވެ. ނަމަވެސް އޭނާގެ ޖެކެޓަށް މައްސަލައެއް ދިމާވުމުން ރާވާފައިވާ ގޮތަށް އެ ހޮޓަލަށް ހަމަލާ ނުދެވުނީ ކަމަށް އިންޓެލިޖެންސް މައުލޫމާތުން ހާމަވެފައިވެއެވެ. މުޙައްމަދު ދެހިވަލަ އަށް ދިޔައީ އޭނާ ގެންގުޅުނު އާލާތަށް ދިމާވީ މައްސަލަ ހައްލުކުރުމަށެވެ. ނަަމަވެސް އެ އާލާތް ގޮވައި އޭނާ އާއި އިތުރު މީހަކު މަރުވިއެވެ. ކުރިން ރާވާފައިވާ ގޮތަށް ތާޖް ހޮޓަލުގައި ޖެކެޓު ގޮވި ނަމަ އިތުރު އެތައް ބަޔަކު މަރުވީހެވެ.

މުޙައްމަދަކީ ކެންޑީގައި ސައިގެ ވިޔަފާރި ކުރި އާއިލާއެއްގެ 6 ބެއިން ތެރެއިން އެކަކެވެ. އޭނާ އިނގިރޭސި ވިލާތުން އެނބުރި ލަންކާ އަށް ގޮސް ކައިވެނިކޮށްފައިވަނީ ރިއަލް ސްޓޭޓް ވިޔަފާރި ކުރާ މީހެއްގެ ދަރިއަކާއެވެ. އަދި އޭނާގެ ފުރަތަމަ ދަރިފުޅު އުފަންވެފައިވަނީ ވެސް އޮސްޓްރޭލިއާގައެވެ. އޭނާާގެ އަންހެން ކޮއްކޮ ވަނީ ލަންކާ-ނިއުޒިލެންޑްގެ ރައްޔިތަކާ ކާވެނި ކުރުމަށް ފަހު މަންމަ އާ އެކު ނިއުޒީލެންޑުގެ އޮކްލެންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. މުޙައްމަދުގެ ބައްޕަވަނީ މީގެ ދިހަ އަހަރު ކުރިން މަރުވެފައެވެ. އަދި ދީނީ ޚިޔާލު ތަފާތުވުމާ ހެދި ހިދާޔާ ވަނީ 2017ވަނަ އަަހަރުން ފެށިގެން އޭނާ އާއި ގުޅުން ކަނޑާލާފައިވެއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ހިދާޔާއާ ފުލުުން ސުވާލުކޮށްފައިވީ ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ. 

އާދީއްތަ ދުވަހުގެ ހަމަލާއަށް ފަހު ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ދަނީ އެކިކަހަލަ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. މުސްލލިމުްނ ދިރިއުޅޭ އަވަށްތަކުގެ ބައެއް މީހުން ދަނީ އެހެން ހިސާބުތަކަށް ހިޖުރަ ކުރަމުންނެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ސަލާމަތީ ބާރުތަކުން ލަންކާގެ މަގުތަކަށް 6300 ސިފައިން ވަނީ ނެރެފައެވެ. ބުރާސްފަތި ދުވަހުގެ ރޭ ވެސް އިތުރު 16  މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މިސްރު މީހަކާއި ޕާކިސްތާނު މީހުން ހިމެނެއެވެ. މި މީހުންނާ އެކު ތަހުގީގަށް ހައްޔަރު ކުރެވުނު މީހުންގެ އަދަދު ވަނީ 76 އަށް އަރާފައެވެ.

ލަންކާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް މާސް މީޑިއާ، ރުވާން ވިޖޭވަރްދަނާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ވިދާޅުވީ ބޮމުގެ ހަމަލާދީފައިވަނީ 9 މީހަކު ޖާނު ގޮއްވާލައިގެން ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި 9 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޔުނިވަރިސޓީ ތައުލީމު ހާސިލުކޮށްފައިވާ، މުއްސަނދި އާއިލާ ތަކަށް ނިސްބަތްވާ މީހުން ކަން ފާހަގަ ކުރެެއްވިއެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުންނާއި ވިޔަފާރިވެރީން ހިމެނޭކަން ފާހަގަކުރެއްވިއެވެ. މީގެ ކުރިން ގަބޫލުކުރެވިފައި އޮންނަނީ މިފަދަ ހަރުކަށި ވިސްނުމަށް ފިރާލައިގެން ދަނީ ފަގީރު އާއިލާތަކަށް ނިސްބަތްވާ, އަޅާލާނެ ބަޔަކު ނެތް މީހުން ކަމަށެވެ. ނަމަވެސް ލަންކާގައި ދިން ހަމަލާގެ ބައިވެރިންނަކީ ފުދުންތެރި އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވިޖޭވަރްދަނާ ވަނީ ސިފަކުރައްވާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.