ޑޮކްޓަރުންނާއި ނަރުހުން ވާންޖެހެނީ ޒިއްމާދާރު ބަޔަކަށް

އިމާރާތްތަކުގައި "ހޮސްޕިޓަލް" އަދި "ކްލިނިކް"ގެ ނަން ބޯޑުޖަހައިގެން ހިންގާ ބައެއް ތަންތަނަކީ މަރުގެ މަރުކަޒުތަކުގެ ގޮތުގައި ބައެއް މީހުން ސިފަކުރަމުންދެއެވެ. އެހެން ވާންޖެހެނީ އެތަންތަނުގައި މަސައްކަތްކުރާ މީސްމީހުންގެ ފަރުވާކުޑަކަމުގެ ސަބަބުންނެވެ. އެމީހުން އެކަށީގެންވާ ގޮތަކަށް ތަމްރީނު ކުރެވިފައިނުވާތީއެވެ. ތަޖުރިބާއެއް ނެތުމުގެ ސަބަބުންނެވެ. އިންތިހާހަށް ފަރުވާކުޑަކުރާތީއެވެ. ފަރުވާހޯދަންދާ  މީސްމީހުންނަށް ރަނގަޅު ފަރުވާ ނުލިބި މަރުގެ ޝިކާރައަކަށް ވެގެންދާތީއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ދެކުއްޖަކު މަރުވި ހިތާމަވެރި ހާދިސާއަށްފަހު، ތަނެއް ބިންދައިގެން ފަރުވާދޭން ހޮސްޕިޓަލަކަށް ދާދިފަހުން ގެންދިޔަ މީހަކަށް ހޭނައްތަން މިނަށްވުރެ ބާރުގަދަ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން  އެމީހާގެ ފުރާނަ ވެސް ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. ހަމަ އެފަދަ ގޮތަކަށް ރާވަލްޕިންޑީގައި ވެސް  ބަލިމީހަކަށް ފަރުވާދިނުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ބަލިމީހާ މަރުގެ ޝިކާރައަކަށް ވެގެންދިޔައެވެ. އެމީހާ މަރުވީ ޖަހަން ނުޖެހޭ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުންނެވެ.   

ރާވަލްޕިންޑީގައި ޝާކިރު ޢަލީ 20އ ހޮސްޕިޓަލަކަށް ގެންދިޔައީ ގަދަޔަށް ހުން އައުމުގެ ސަބަބުންނެވެ. ޑޮކްޓަރ އެނާގެ ގަޔަށް އިންޖެކްޝަނެއް ޖެހުމުން ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވިއެވެ. އޭނާގެ ހާލަތު ރަނގަޅުނުވެ އިތުރަށް ގޯސްވާންފެށުމުން އެހެން ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރިއެވެ. އެކަމަކު އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

ޝާކިރުގެ އާއިލާގެ މީހުން ޑޮކްޓަރުންގެ ފަރުވާކުޑަކަމުގެ ޝަކުވާކޮށް، ނުރުހުން ފާޅުކޮށް، މުޒާހަރާކޮށް ހެދިއެވެ.

މިދެންނެވި ހިތާމަވެރި ހާދިސާތައް ހިނގުމުގެ ކުރިން ކަރާޗީގެ ހޮސްޕިޓަލެއްގައި ނުވަ އަހަރުގެ ކުއްޖަކަށް އަދި ކޯރަންގީ ބިލާލް ކޮލޮނީގައި ހަތަރު އަހަރުގެ ކުއްޖަކަށް ބައްޔާ ނުގުޅޭ އިންޖެކްޝަން ޖެހުމުގެ ސަބަބުން ދެކުދީން ވެސް ވަނީ މަރުގެ ޝިކާރައަކަށް ވެފައެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީސްމީހުންގެ ފަރުވާކުޑަކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދެކެވެއެވެ. ދިވެހިރާއްޖޭގައި ވެސް ބަލިމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ މީސްމީހުންގެ ފަރުވާކުޑަކަމުގެ ޝަކުވާ ކުރަމުންދާއަޑު ދޭތެރެދޭތެރެއިން އިވެއެވެ. ހަމައެގޮތަށް ޑޮކްޓަރުންނާއި ނަރުހުންގެ ކުޅަދާނަކަމާއި އޯގާވެރިކަމުގެ ވާހަކަވެސް އަޑުއިވެއެވެ. ޑޮކްޓަރުންނާއި ނަރުހުން އަބަދުވެސް ވާންޖެހެނީ އޯގާތެރި ފަރުވާތެރި ޒިއްމާދާރު ބަޔަކަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.