އިންތިޚާބާއި ނަތީޖާ

ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓުލައި ނިމިގެން ވޯޓު ގުނަން ފޮށިތައް ހުޅުވުމުން ކޮންމެ ފޮށްޓެއްގެ ތެރެއިން ޖިންނިއެއް ނިކުތެވެ.

"ހައްހައްހާ! ހައްހައްހޯ! ލައްލައްލާ!" ޖިންނިތައް އުފަލުން ހެމުން އެކި އަޑުއަޑު ލައްވަމުން ދިޔައެވެ.

ވޯޓުފޮށިތައް ކައިރީގައި ތިބި، އިންތިޚާބާ ބެހޭ މީހުންގެ މޫނުމަށް ވެރިވެފައި ވަނީީ ބިރުވެރިކަމާއި ހާސްކަމެވެ. އެ ވަގުތު އެތަނުގައި ހުރި މީހަކު ވަރަށް ބިރުން ހުރެ ސުއާލުކުރިއެވެ.

"ޖިންނިބޭބޭ! ކަލޭ ވޯޓު ފޮށީގައި ބަންދުކުރީ ކާކު؟"

"އިމްރާން ޚާން."

"ކަލޭމެން ވޯޓުފޮށިތެރޭގައި ތިބެ ކީއްކުރީ؟"

"އަހަރުމެން ކުރި ކަމަކީ ވޯޓު އޮޅުވުން. ޢިމްރާނަށް ކާމިޔާބު ލިބޭނޭ ގޮތް ހެދުން."

*   *   *

ޕާކިސްތާންގެ އިންތިޚާބު ޢިމްރާން ޚާނުގެ ޕީޓީއައި ޕާޓީން ކާމިޔާބު ކުރުމުން އިދިކޮޅު ޕާޓީތަކުން ބުނަމުން ގެންދަނީ ވޯޓު އޮޅުވާލާފައި ވާކަމަށެވެ. ނަތީޖާ ގަބޫލު ނުކުރާނޭކަމަށެވެ. އަލުން ވޯޓު ގުނަންޖެހޭނޭ ކަމަށެވެ. އަލުން އިންތިޚާބު ބާއްވަންޖެނޭ ކަމަށެވެ.

އަޖައިބެއް ފަހެ ނުވޭހެއްޔެވެ؟ ވޯޓުލީ އިރު، މަކަރު ހަދާތޯ ބަލަން އެތައް ބަޔަކު ތިއްބެވެ. ވޯޓު ގުނައި ނިންމީ އެތައް ބައެއްގެ ހާޒިރުގައެވެ. ވޯޓު ލަމުން ދިޔައިރު ވެސް ވޯޓު ގުނައި ނިންމިއިރު ވެސް މަކަރެއް ހީލަތެއް ހެދި ތަނެއް ހެދި މީހަކު ނުފެނުނެވެ. މަކަރާއި ހީލަތް ހެދި ވާހަކަ ދައްކަން އެނގުނީ، ރަސްމީ ނަތީޖާ އިއުލާނުކޮށް ނިމުމުން މޮޅުވި މީހުންނާއި ދެރަވި މީހުން ރައްޔިތުންނަށް އެނގުނު ހިސާބުން ފެށިގެންނެވެ.

ވޯޓުގައި މަކަރާއި ހީލަތް ހެދިތޯ ބަލަން، އިތުރަށް އެކަން ޔަގީން ކުރަން، ޖިންނިއަކާ ސުއާލުކުރަން ބެލިއިރު އެންމެ ޖިންނިއެއް ވެސް ފެންނާކަށް ނެތެވެ.

ހައްހައްހާ! ހޮއްހޮއްހޯ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.