ޢިލްމީ ދިރާސާތަކަކަށް ފަހު އެކުލަވާލި ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި މިއަހަރުގެ ދިވެހި ބަހުގެ ދުވަހު އާއްމުރައްވާނެކަމަށް ދިވެހި ބަހުގެ އެކަޑަމީން ހާމަކުރައްވައިފިއެވެ. ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި އާއްމުކުރެއްވުމަށް ހަމަޖައްސަވައިފައިވަނީ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ބާއްވާ ނޫސް ސިންތާ ގައެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ ދިވެހި ބަހުގެ ޤަވާއިދަކީ ވަރަށް ދުވަސްވީ ޤަވާޢިދެއް ކަމުގައެވެ. އެއީ ލެޓިނުން ދިވެހި ބަސް ލިޔުނު ޒަމާނަށްފަހު އެކުލަވާލައިފައިވާ ޤަވާޢިދެއްކަމަށް އަޝްރަފު ފާހަގަކުރެއްވިއެވެ. ޢިލްމީ ދިރާސާތަކަކަށްފަހު ޤަވާއިދު ކޮމެޓީން އެކުލަވާލި ދިވެހި ބަހުގެ ނަމުގެ ބަޔަކީ ވަރަށް ބުރަމަސައްކަތް ތަކަކަށްފަހު ވަރަށް ތަޢުރީފު ޙައްޤުވާފަދަ މަސައްކަތެއްކަމަށް އަޝްރަފު ވިދާޅުވިއެވެ. ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި އެކުލަވާލައްވައިފައި ވަނީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
"އާޒަމާނަކަށް ހުޅުވާލެވުނު އާދޮރެއް މީ. ނަން ވަރަށް ފުޅާކޮށް އެނގެން އޮންނާނެ މި ފޮތުގައި. ދިވެހި ބަހުގެ މާހައުލަށް ވިސްނައިގެން މިޤަވާޢިދު އެކަށައެޅިފައި އޮތީ." އަޝްރަފު ވިދާޅުވިއެވެ.
ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި ނެރުއްވުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާނެއެވެ. ގާތްގަޑަކަށް 30 ސަފްޙާގެ މި ފޮތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިއެވެ.
ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި އާއްމުކުރެއްވުމަށްފަހު ތަންފީޒު ކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވާނެކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.
ދިވެހި އާލަފުޒުތައް އެކުލަވާލުމުގައި ގެންގުޅޭ އިޖުރާތުތައްވެސް ދިވެހި ބަހުގެ ދުވަހު ބާއްވާ ނޫސް ސިންތާގައި އާއްމުކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަޝްރަފު ވިދާޅުވީ އާލަފުޒުތައް އެކުލަވާލަމުންދާ ގޮތާ މެދު ވަރަށް ގިނަފަހަރަށް ސުވާލު އުފައްދަމުން ގެންދާކަމަށެވެ. މި އިޖްރާތުތައް ނުވަތަ ހަމަތައް އާއްމުކުރެއްވުމުން ކޮންމެ މީހަކަށްވެސް އާލަފުޒުތައް އެކުލަވާލާ އިޖުރާތުތައް ބަލާލެވެން ފެންނަން އޮނާނެކަމަށް އަޝްރަފު ފާހަގަ ކުރެއްވިއެވެ.
ދިވެހި ބަޙުގެ ޤަވާޢިދުހެ ނަމުގެ ބައިގެ މަސައްކަތަށްފަހު ޤަވާޢިދު ކޮމެޓީން މިހާރު ކުރައްވަމުންގެންދަވަނީ ކަމުގެ ބައި އެކުލަވާލެއްވުމުގެ މަސައްކަތެވެ.