ކުރީގެ ބިލްތައް ފާސްކުރަމުން ދިޔުމަކީ ޒިންމާދާރުކަން ކުޑަކަމެއް: ޖޭޔޫ

ރައްޔިތުން ވޯޓުލައިގެން ރައްޔިތުންގެ އައު މަޖިލީހެއް އިންތިޚާބުކޮށްފައިވަނިކޮށް އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ނުނިންމައިހުރި ބިލްތައް ކުއްލިއަކަށް އެޖެންޑާކޮށް ފާސްކުރަމުން ދިޔުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކޮށްފައިވަނިކޮށް އަށާރަވަނަ މަޖިލީހުގައި ނުނިންމާ "ހިރަފުސް" އަރުވާފައިހުރި ބިލްތައް ކުއްލިއަކަށް އެޖެންޑާކޮށް އަވަސް އަރުވާލައިގެން، ޚާއްސަކޮށް ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި ބިލްތައް ފާސްކުރަމުން ދިޔުމަކީ ޒިންމާދާރުކަން ކުޑަކަމެއް،" ކަމަށެވެ.

ޖޭޔޫ ވިދާޅުވީ މިހާރު އަވަސް އަރުވާލައިގެން ފާސްކުރައްވަން މަސައްކަތް ކުރައްވަނީ ކުރިން ހުށަހަޅާފައިވާ ބިލްތަކެއް ކަމަށެވެ.

މިހާރުވަނީ ސަރުކާރު ބަދަލުވެ ވުޒާރާތަކުގެ ވެރިންނާއި ސިޔާސަތުތައް ވެސް ބަދަލުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މިވަގުތަށް ކޮންމެހެން ފާސްކުރަންޖެހޭ ބިލެއް ނެތްކަމަށްވާނަމަ މިހާރު އިންތިޚާބު ކޮށްފައިވާ ނަވާރަވަނަ މަޖިލީހުން އެއަށް ގޮތް ނިންމުމަށް ބެހެއްޓުން މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ފެންނަނީ،" ޖޭޔޫ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވީ އެބިލް ތަކުގެ ތެރޭގައި ޢާއްމުންގެ ޚިޔާލު ހޯދުމަށްފަހު ގޮތް ނިންމަންޖެހޭ ބިލްތް ވެސް ހުރެދާނެ ކަމަށެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ޤާނޫނުތައް ވެސް މަޖިލީހުން ހަދަންޖެހިދާނެއެވެ. އޭގެ އިތުރަށް އެޖެންޑާ 19 ތަންފީޒު ކުރުމަށް ވެސް ޤާނޫނުތައް ހަދަންޖެހެއެވެ. އެފަދަ ކަންކަން ހުއްޓައި ކުރީގެ ބިލްތަކެއް ކުއްލިއަކަށް ނެރެ ފާސްކުރުމުގެ މާނައެއްނެތް ކަމަށް ޖޭޔޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.