(11 އޭޕްރީލް 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
ލޯބީގެ ޖަޒުބާތަކީ ނުހަނު ކުލަ ރީތި ހިތްގައިމު އެއްޗެކެވެ. އެކަމަކު ސިޔާސަތުގެ ހިތިކަން މުސްކުޅިފުޅު ޝެހެންޝާހެއް އަނެއްކާވެސް ދިރިއުޅުމުގެ ވޭނުގެ ތެރޭގައި ހައްޔަރުކުރިއެވެ. އެ ޙާލަތު އެމަނިކުފާނަށް އާލާސްކަންފުޅު ޖައްސައި ދެވަނަ ފަހަރަށް ގިނިކަންޏާ އޮންނަވާން ޖެއްސުވިއެވެ.
އާލާސްކަންފުޅުގެ ދުވަސްވަރު ޝެހެންޝާހު ހުންނެވީ ދިއްލީގައެވެ. އެ މަނިކުފާނުގެ އެދުންފުޅަކީ ފަހު ވަގުތު އާގަރާގައި ހޭދަކުރެއްވުމެވެ. އަދި ތާޖް މަޙަލް ދެކެވަޑައިގަތުމެވެ. އުންމީދުތަކުގެ އެ ގަނޑުވަރު މިހާރު ނިމެން ދަނީއެވެ. އެކަމަކު އެ ގަނޑުވަރު ދެކެވަޑައިގަތުމުގެ ނަސީބުފުޅެއް ލިބިވަޑައެއް ނުގަނެއެވެ. އާލާސްކަންފުޅާއި، ވަރުފުޅުގެ ދެރަކަމާއި، މުސްކުޅިކަމާއެކު އަވަހާރަ ގަނޑުވަރަށް ވެސް ވަޑައިގެންނެވޭ ވަރު ނުވެއެވެ.
މި ފުރުޞަތުގެ ފައިދާ ހޯއްދަވައިގެން ދާރާ ޝިކޯހް ވެރިކަމުގެ ހުރިހައި ކަންތައްތަކެއް އެމަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެންނެވިއެވެ. ވެރި ރަށުގައި ހުރިހައި ސޫބާތަކުގެ ވަކީލުންލައްވައި، ދަރުބާރުގެ އެއްވެސް ވާހަކައެއް އެ ބޭފުޅެއްގެ ސޫބާގެ ވެރިއެއްގެ އަރިހަށް ނުލިޔުއްވާން އިޤްރާރުކުރުއްވައި ސޮއިކުރުއްވިއެވެ. އޭގެ ބޭނުންފުޅަކީ އެމަނިކުފާނު ވެރިކަން ހިންގަވާ ޚަބަރު އެމަނިކުފާނުގެ އެހެން އަޚުންނަށް އަދި އެނގިވަޑައިގަތަ ނުދެއްވުމެވެ. އަދި އެ ބޭފުޅުންނަށް އެނގިވަޑައި ނުގެން ތިއްބަވަނިކޮށް ހުރިހައި އަމީރުންނާއި ދަރުބާރުގެ ޢިއްޒަތްތެރީން މަޑުމަޑުން އެމަނިކުފާނުގެ ބަޔަށް ވެއްދެވުމެވެ. މި ބޭނުންފުޅުގައި އެމަނިކުފާނު އިތުބާރުކުރައްވާ ބަޔަކު ތަފާތު މަގުތަކުގައި ބޭތިއްބެވިއެވެ. އެއީ އެހެން އަޚުންގެ ވަކީލުން ނުވަތަ އަމީރުން އެ އަޚުންނަށް ސިޓީއެއް ފޮނުއްވިޔަ ނުދެއްވުމަށެވެ. ބަންގާލާއި، އަޙްމަދު އާބާދާއި ދެކުނުގެ މަގު ބަންދު ކުރެއްވިއެވެ. މި ހުރަސްތަކާ އެކުގައި ވެސް ވާހަކަ ގެންދާ މީހުންގެ ފުށުން ހުރިހައި ސޫބާތަކަށް ފިކުރުބޮޑުވާ ކަހަލަ ޚަބަރުތައް ފެތުރިގެން ދިޔައެވެ.
ޝެހެންޝާހަށް އެ ކަންކަން އެނގިވަޑައިގަތުމުން ދަރިކަލުން ގެންނަވައިފައި ވިދާޅުވިއެވެ.
"ތިއީ ވެރިކަން ކުރާ އުސޫލެއް ނޫން. ދަރިފުޅު ތި ހުރިހާ ހުރަހެއް އަޅައިފަ އޮތްވާ ވެސް ދުރު ހިސާބުތަކުގެ ސޫބާ ތަކުގަ ނުތަނަވަސްކަން ފެތުރިފަ އޮތް ތަން ދަރިފުޅަކަށް ނުފެނޭތަ. ފިތުނަ ފަސާދަ އުފައްދާ މީހުން އެ ތިބީ ބަޣާވާތްކުރަން ތައްޔާރުވެފަ. ސާދާގަރުންނާ ދަތުރުވެރީން އައިސް ގޮސްވުން ހުއްޓައިލައިފި. ވިޔަފާރިއަށް އެ ދަނީ ގެއްލުން ވަމުން. ދަރިފުޅު ބައްޕަ ބަލިވެއުޅޭކަން މީހުންނަށް ސިއްރުކޮށްފިއްޔާ، ބައްޕަ ނުފެނުމުން މީހުން ބަލާނީ ބައްޕަ މަރުވީ ކަމަށް."
ދާރާ ޝިކޯހް ދެންނެވިއެވެ. "މާތް ބައްޕާފުޅުގެ ހިޔާ އަޅުގަނޑުމެންގެ ބޯމަތީގަ އަބަދު ވެސް ބާއްވަވާނެ. އަޅުގަނޑު މަގުތައް ބަންދު ކުރީ މަޞްލަޙަތަށް. ބައްޕާފުޅުގެ ދިގު އާލާސްކަންފުޅު ވަނީ ބައްޕާފުޅު ވެރިކަމުގެ ކަންތައްތަކާ ދުރު ކޮށްފަ. އެހެންވެ އަޅުގަނޑުގެ ކޮއްކޮމެންގެ ބަދަލުވެފައިވާ މިޒާޖެއް ބައްޕާފުޅަކަށް އެނގިވަޑައެއް ނުގަންނަވާނެ. މުރާދު ބަޚްޝު ވަނީ ގުޖުރާތުގަ ޚުދު މުޚްތާރުކަން އިޢުލާން ކޮށްފަ. ޝުޖާޢު ވެސް ވަނީ ބަންގާލުގަ ޚުދު މުޚްތާރުކަން އިޢުލާނު ކޮށްފަ. ކޮއްކޮމެންނަށް އެ މީހުންގެ ޚުދު މުޚްތާރުކަމުގެ ރައްދު ނުދީފިއްޔާ ވެރިކަމުގެ މަސްތުގަ ވެރި ރަށާ ހަމައަށް އަންނާނެ."
"ބައްޕަ ކޮއްކޮމެނަށް ވިސްނަދޭނަން. އެއީ ބައްޕަގެ ދަރީން. ބައްޕައަށް ނުކިޔަމަންތެރިއެއް ނުވާނެ. ދަރިފުޅު ދަރުބާރުގެ ފަތްލިޔާ މަނިކުފާނު ފޮނުވާ. ބައްޕަ ކޮއްކޮމެނަށް ސިޓީ ފޮނުވާނަން."
"ބައްޕާފުޅާ އެމީހުންނަށް ކިތަންމެ ވަރަކަށް ވިސްނައިދިނަސް ނުވިސްނާނެ. އަޅުގަނޑުމެން ޖެހޭނީ ބާރުގެ ރައްދުގަ ބާރުން ޖަވާބުދޭން."
"ދަރިފުޅަށް ބައްޕައަށް ވުރެން ބޮޑަށް ޒަމާނުގެ ތަޖުރިބާ ލިބިފަ ހުންނާނެތަ؟ ބައްޕަގެ ނިންމުން ބަދަލުކުރަން ތި ކުރާ މަސައްކަތަކީ ދަރިފުޅަށް ނުވިސްނޭކަން."
ދާރާ ޝިކޯހް ބައްޕާފުޅާ ހަތަރުކަޅިފުޅު ހަމަކުރައްވައިފައި ވިދާޅުވިއެވެ.
"މަންމާފުޅު ވެސް ބައްޕާފުޅުގެ ނިންމެވުން ބަދަލުކުރައްވާ."
މުމްތާޒް މަޙަލްގެ ނަންފުޅާއެކު ޝާހް ޖަހާނުގެ މިޒާޖަށް އޯގާވެރިކަން އައެވެ. ގެއްލިވަޑައިގެންފައި ވާ ލޯބިފުޅު ދާރާ ޝިކޯހުގެ ލޯފުޅުން، ބޯދީ ބައްލަވަނީއެވެ. ދާރާ ޝިކޯހަށް ބައްޕާފުޅުގެ ލޯބީގެ މި ބަލިފައިންޕުޅު އެނގިވަޑައިގަނެއެވެ. އެމަނިކުފާނު ވަގުތުން ވިދާޅުވިއެވެ.
"ބައްޕާފުޅުގެ ނިންމެވުން އަޅުގަނޑު ލޮލުން ބޮލުން ގަބޫލުކުރަން. ކޮންމެވެސް ސޫބާއެއް އަޅުގަނޑާ ޙަވާލުކުރައްވާ. އަޅުގަނޑު މި ތާނ ހުންނާކަށް ނޭދެން."
ޝެހެންޝާހަށް އެމަނިކުފާނުގެ ދަރިކަލުންނާ ވަކިންނެއް ނޫޅުއްވޭނެއެވެ. އެމަނިކުފާނު ދެކެ ޝެހެންޝާހު ފުރާނަފުޅަށް ވުރެން ވެސް ބޮޑަށް ލޯބިފުޅުވެއެވެ. އެމަނިކުފާނު، މަރުޙޫމާގެ ހަނދުމަފުޅު ތާޒާކޮށްދެއެވެ. ޝެހެންޝާހް ޝަކުވާއިން ފުރިފައި ވާ ރާގެއްގައި ވިދާޅުވިއެވެ.
"ދަރިފުޅާ ދަރިފުޅު ބައްޕަގެ ބަލިފަޔާ ކުޅެނީ ތަ؟ ދަރިފުޅާ ވަކިން އެއް ދުވަހު ވެސް ބައްޕައަކަށް ނޫޅެވޭނެކަން ދަރިފުޅަށް އެނގޭނެ."
"ބައްޕާފުޅާ! އަދަބުކުޑަކަމަކަށް ނުވަންޏާ ވާހަކައެއް ދަންނަވައިފާނަން. ބައްޕާފުޅު ބޭނުންފުޅުވަނީ އަޅުގަނޑެއް ނޫން. އަޅުގަނޑުގެ ލޯ. މި ލޮލަކީ އަޅުގަނޑަށް މަންމާފުޅުގެ ވާރުތައިން ލިބުނު އެއްޗެއް. އަޅުގަނޑަކީ ބައްޕާފުޅުގެ ދަރިއެއް. ބައްޕާފުޅަށް ޓަކައި އަޅުގަނޑުގެ ފުރާނަ ވެސް ޤުރްބާންކޮށްފާނަން. އެކަމަކު އަޅުގަނޑު މި ތަނުން ދާނަން ކަން ޔަގީން. އެކަމަކު ދިއުމުގެ ކުރިން، ބައްޕާފުޅު ލޯބިފުޅުވާ މި ދެ ލޯ ނަގާފަ ބައްޕާފުޅުގެ ފައިންޕުޅު ދޮށުގަ ބާއްވާނަން. އެއީ ބައްޕާފުޅުގެ އެއްވެސް ބަލިފައިންޕުޅެއް އަޅުގަނޑުގެ އަތުގަ ނުބާއްވާން."
އެ ވާހަކަފުޅު އިވިވަޑައިގަތުމާއެކު ޝެހެންޝާހުގެ ހިތްޕުޅު ތެޅިގަތެވެ. ޝެހެޒާދާގެ ލޯފުޅު ނަގާ ވާހަކަ އެ ބުނީ ދުސްމިނެއް ނަމަ، އެމަނިކުފާނު ހަމަ އެ ވަގުތު އެމީހެއްގެ ކަނދުރާއިން ބޯ އުދުއްސައިލެއްވީހެވެ. އެ ދެ ލޯފުޅަކީ ލޯގަނޑެކެވެ. އެ ލޯގަނޑުން ފެނިވަޑައިގަންނަވަނީ މުމްތާޒު މަޙަލުގެ ސޫރަފުޅެވެ. އެ ލޯފުޅުން ޖަމްޝީދުގެ ތަށިކޮޅުން ފެންނަހެން، ރީތި މާޒީގެ ފޮޓޯތައް ދައްކައިދެއެވެ. އަދި ތާޖްމަޙަލް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ލިއްބައިދެއެވެ. އެމަނިކުފާނު ދެރަފުޅުވެއްޖެ ކަހަލަ ރާގަކަށް ވިދާޅުވިއެވެ.
"ތިޔަ ކަހަލަ ސުންޕާ ލަފުޒުތައް ދުލުން ބޭރުނުކުރޭ. ތިޔަ ދެ ލޮލަކީ ދަރިފުޅުގެ މަންމަގެ ރީތި ހަދިޔާއެއް. އެއީ ލޮބުވެތި އެއްޗެއް ކަމަށް ހަދާ. އެއަށް ރައްކާތެރިވޭ. ޝުޖާޢާއި މުރާދުގެ ބަޣާވާތް ފުނޑުފުނޑުކޮށްލުމަށް، ދަރިފުޅުގެ ތިޔަ ކުޑަކުދީން ފަދަ ގޮތްދޫނުކުރުން، ބައްޕައަށް ގަބޫލު ކުރެވިދާނެ. އެކަމަކު ތިޔަ ދެ ލޮލަކަށް ގެއްލުމެއް ނުދެވޭނެ. ދަރިފުޅު އެދޭ ގޮތެއް ބުނެބަލަ."
"ބައްޕާފުޅާ! އަޅުގަނޑު ބޭނުންވަނީ ބާޣީ ޝެހެޒާދާއިން ބަލިކުރުމަށް ބޮޑު ލަޝްކަރެއް ފޮނުވަން. އެކަމަކު އަޅުގަނޑުމެންގެ އެންމެ ކުޅަދާނަ ސިފައިންނާ ކޮމާންޑަރުން އޯރަންގް ޒޭބާ އެކުގަ ބޭޖާ ޕޫރުގެ ހަނގުރާމައިގަ ވަގުތު ނަގާލާތާ މިހާރު އެތައް މަހެއް ވެއްޖެ. ބައްޕާފުޅު އޯރަންގް ޒޭބަށް އެ ލަޝްކަރު އަނބުރާ ފޮނުވުމަށް އަންގަވާ ދެއްވާ. އޭރުން އެ ލަޝްކަރު އަޅުގަނޑުގެ ދަރިފުޅު ސުލައިމާން ޝިކޯހުގެ ކޮމާންޑަރުކަމުގެ ދަށުގަ އެ ބޭފުޅުންގެ ބަޣާވާތް ފުނޑުފުނޑުކޮށް ލުމަށް ފޮނުވާނީ."
އޯރަންގް ޒޭބުގެ ކޮމާންޑަރުކަމުގެ ދަށުގައި އޮތް ލަޝްކަރެއް އެމަނިކުފާނުގެ ކިބައިން ވަކިކޮށް އެހެން ހަނގުރާމައަކަށް ފޮނުއްވުމަށް، އެ ވިދާޅުވި ވިދާޅުވުމަކީ ގަބޫލުކުރެވޭ ކަހަލަ ވިދާޅުވުމެއް ނޫނެވެ. އެކަމަކު ޝެހެންޝާހު ދަރިކަލުންގެ ގޮތްދޫނުކުރެއްވުމުގެ ކުރިމަތީގައި އިސްޖެއްސެވިއެވެ. އަދި އޯރަންގް ޒޭބަށް ލަޝްކަރު އަނބުރާ ފޮނުއްވުމަށް އަމުރުފުޅު ފޮނުއްވިއެވެ.
ޝެހެޒާދާ އޯރަންގް ޒޭބް ހުންނެވީ ބޭޖާ ޕޫރްގެ ކިއްލާ ހިސޯރު ކުރައްވައިގެންނެވެ. އެ ކިއްލާ ފަތަހަވެދާނެކަމުގެ އަސަރުތައް އޭރު ދަނީ ފެންނަމުންނެވެ. އެ ދަނޑިވަޅު ޝާހީ އަމުރުފުޅު އައީ ލަޝްކަރު އަނބުރާ ފޮނުއްވުމަށެވެ. އޯރަންގް ޒޭބަށް މަޖުބޫރުވެވަޑައިގަތީ ބޭޖާ ޕޫރުގެ އިސްކަންދަރު ޢާދިލް ޝާހުގެ ޞުލްޙައިގެ ހުށަހެޅުއްވުން ގަބޫލުފުޅުކުރައްވާށެވެ. ރަސްކަމުގެ އަމުރުފުޅުގެ ފުރަގަހުން ދާރާ ޝިކޯހު، އޯރަންގް ޒޭބުގެ ފަތަޙަ ނާކާމިޔާބަށް ބަދަލުކުރައްވަނީކަން އެމަނިކުފާނަށް އެނގިވަޑައިގަތެވެ. ދެން އެމަނިކުފާނު، ދާރާ ޝިކޯހާ ދެކޮޅަށް ތައްޔާރުވެވަޑައިގަތުމަށް، ޝެހެޒާދާ މުރާދު އެމަނިކުފާނާ އެއްބައި ކުރުއްވިއެވެ. އެ ދެ އަޚުން އެ ދެ ބޭފުޅުންގެ ދެ ލަޝްކަރާ އެކު ވަޑައިގެން ނަރްބަދާ ކޯރުގެ އައްސޭރީގައި ބައްދަލުކުރައްވައި ގުޅިވަޑައިގަތެވެ. އެހައި ތަނަށް ދިޔަ އިރު، އެ ބޭފުޅުންނާ ހަނގުރާމަ ކުރެއްވުމަށް ޖަސްވަންތު ސިންގް ޝާހީ ލަޝްކަރުގެ ކޮމާންޑަރަކަށް ވެގެން ކޯރުގެ އަނެއް އައްސޭރިއަށް އައެވެ.
މި ކަންތައްގަނޑުން ބައްޕާފުޅު ދުރުގައި ބެހެއްޓެވުމަށް ދާރާ ޝިކޯހު ބައްޕާފުޅަށް ވިދާޅުވިއެވެ.
"ބައްޕާފުޅާ! މި ވަގުތު ވައިފެން ބަދަލުކޮށްލެއްވުން ބައްޕާފުޅަށް ވަރަށް މުހިންމު. އަޅުގަނޑަށް ފެންނަނީ ބައްޕާފުޅު އާގަރާއަށް ވަޑައިގެން އެ ތާނގައި އަރާމުކުރައްވަން. ތާޖް މަޙަލް ވެސް މިހާރު ނިމުމުގެ މަރްޙަލާއަށް ހިނގައްޖެ. އެ ގަނޑުވަރު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވާހަކަ ބައްޕާފުޅު ކިތަންމެ ފަހަރަކު ވިދާޅުވެއްޖައީމު. ބައްޕާފުޅު އަމުރުފުޅުދެއްވައިފި ނަމަ އަޅުގަނޑު ބައްޕާފުޅުގެ ދަތުރުގެ އިންތިޒާމު ކުރަންތޯ."
ކޮންމެވެސް ގޮތަކުން ތާޖް މަޙަލް ފެނިވަޑައިގަތުމަކީ ޚުދު ޝެހެންޝާހުގެ ވެސް އުންމީދުފުޅެވެ. އެހެންކަމުން އެމަނިކުފާނު ވަޑައިގަތުމަށް ރުހިވަޑައިގަތެވެ. އެމަނިކުފާނު ދަތުރުކުރެއްވުމަށް ދާރާ ޝިކޯހު ހަމަޖެއްސެވީ ކަނޑުގެ މަގެވެ. އެއީ އެހެން އެއްވެސް މީހަކަށް ރަސްގެފާނުގެ ދަތުރުގެ ޚަބަރު އެނގުނަ ނުދިނުމަށެވެ. އެމަނިކުފާނު ޝާހީ ދޯނިކޮޅުގައި ފަރުދާ ދެންމެވިއެވެ.
ޝާހް ޖަހާން ސުވާލު ކުރެއްވި އެވެ. "ފަރުދާގެ ބޭނުމަކީ ކޮބާ؟ ބައްޕަ ގަނޑުވަރުގެ ހަތަރު ފާރުން ބޭރަށް މި ނުކުތީ ވަރަށް ގިނަ ދުވަސް ކޮށްފަ. އެހެންވީމާ ދާނީ ގުދުރަތީ މަންޒަރުތައް ބަލަމުން."
"ބައްޕާފުޅާ! ބައްޕާފުޅަށް ދުރު ފުސްކަން ބައްޕާފުޅު ހަނދުމަފުޅެއް ނެތް. ބައްޕާފުޅަކަށް ޤުދްރަތީ މަންޒަރުތަކެއް ފެނިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު ފަރުދާދެމީ ރައްޔިތުންނަށް ބައްޕާފުޅު ފެނުނަ ނުދޭން ވެގެން. އެހެންނޫނީ ބައްޕާފުޅަށް ކުރުނީސް ކޮށް އަދަބުއަދާކުރަން މީހުންގަނޑު އެއްވާނެ. ތިޔަހާ އާލާސްކަންފުޅާ އުޅުއްވަމުން ބައްޕާފުޅަކަށް އިށީނދެވަޑައެއް ނުގެންނެވޭނެ. ތިޔަ ޙާލުކޮޅުގާ އެއްވެސް މީހަކާ ބައްދަލުކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން. ބައްޕާފުޅު މި ދަތުރު ނުހަނު އަރާމުފުޅުގަ ނިންމަވާނެ ކަމަށް ﷲގެ ކިބަފުޅުން އުއްމީދު ކުރެވޭ."
އެމަނިކުފާނު، އެމަނިކުފާނުގެ ލޯބިފުޅުވާ ދަރިކަލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް ދޯނިކޮޅުން ދަތުރު ކުރެއްވިއެވެ. ދަރިކަލުން އެންމެ ފުރަތަމަ އެމަނިކުފާނު އާލާސްކަންފުޅުގެ ބަހަނާގައި ގަނޑުވަރު ތެރޭގައި ގެންގުޅުއްވީ ބަންދުކުރައްވައިގެން ކަމާއި، މިހާރު ދުނިޔޭގެ މީސްތަކުންގެ ލޯތަކަށް ސިއްރުން އެމަނިކުފާނު ދޯނިކޮޅެއްގައި ދިއްލީން އާގަރާއަށް ބަދަލުކުރައްވަނީ ކަމެއް އެއްގޮތަކަށް ވެސް އެމަނިކުފާނަކަށް އިޙްސާސެއް ނުކުރެއްވެއެވެ. ދާރާ ޝިކޯހް ބައްޕާފުޅަށް ވިސްނައިދެއްވައިފައި ވަނީ އާލާސްކަންފުޅާ އުޅުއްވަމުން މީހުންނާ ބައްދަލުކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައެވެ. އެމަނިކުފާނުގެ މި ވިސްނައިދެއްވުން ބައްޕާފުޅު ލައްވައި ގަބޫލުފުޅުކުރުއްވުމަށް ބައެއް ފަހަރަށް އެމަނިކުފާނުގެ ލޯފުޅު ހަތިޔާރަކަށް ހައްދަވަމުން ގެންދެވިއެވެ. އަނެއްބައި ފަހަރު ތާޖް މަޙަލް ފުރިހަމަވާ ކަމުގެ ހުވަފެންފުޅު ދައްކަވަމުން ގެންދެވިއެވެ.
ޝާހް ޖަހާން ތާޖް މަޙަލް ދެކެވަޑައިގަތުމަށް އާގަރާއަށް ވަޑައިގަތެވެ. އެކަމަކު ދުރުން އެ ގަނޑުވަރު ފެނިވަޑައިގަންނަވަނީ ހިޔަންޏެއް ހެންނެވެ. އެ ގަނޑުވަރު ބިމުގެ މޭގައި ކޮޅަށް އެ ހުރީ ކޮން ސިފައަކަށް ކަމެއް އެނގިވަޑައިގަންނަވާ ވަރެއް ނުވެއެވެ. އެމަނިކުފާނު ގަސްތުކުރެއްވީ ރޭގަނޑު ސާދަ ވިލޭރޭގެ ހަނދު އުދަވުމުން ހަނދުވަރުގައި އެ ގަނޑުވަރު ދެކެވަޑައިގަތުމަށެވެ. އެކަމަކު ޝާހީ ގަނޑުވަރަށް ހަމަ ވަޑައިގަތުމާ އެކު އާލާސްކަންފުޅު އިތުރަށް ބޮޑުވިއެވެ. ފުރަތަމަ ހުރީ ކުޑަކަމު އަވަހާރަގަނޑުވަރަށް ވަޑައިނުގެންނެވޭކަމުގެ ވޭންފުޅެވެ. މިހާރު ފޫޅުފުޅުގެ ތިރިން ދުޅަ ވެސް ވީއެވެ. އެނދުދާންކޮޅުން ތެދުވެވަޑައިގަތުމަކީ ނުކުރެއްވޭނޭ ކަމަކަށް ވިއެވެ. އެ މަނިކުފާނު ތާޖް މަޙަލް ދެކެވަޑައިގަތުމަށް ފާލިކީކޮޅުގައި އިންނަވައިގެން ވަޑައިގަތުމަށް ވެސް ހަކީމުން ހުއްދައެއް ނޭރުވިއެވެ. ޙަޤީޤަތުގައި ދާރާ ޝިކޯހް ހަކީމުންނަށް އަންގަވައިފައި ވަނީ ރަސްގެފާނު އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުން ބޭރަށް ވެސް ވަޑައިގަތަ ނުދިނުމަށެވެ.
ބައެއް މީހުން، މީހުން ހައްޔަރުކުރަނީ ދުސްމިނުކަމުންނެވެ. ދަރިކަލުން އެމަނިކުފާނު ހައްޔަރުކުރައްވައިފައި އެ ވަނީ ލޯބިންނެވެ. އެމަނިކުފާނު ޝާހީ ގަނޑުވަރުގެ ކޮޓަރިކޮޅެއްގައި އޮންނެވިއެވެ. ބޭރުގެ އެއްވެސް ޚަބަރެއް އެމަނިކުފާނާ ހަމައަށް ގެނައުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. މިހާރު އެމަނިކުފާނުގެ ހަމައެކަނި މަސައްކަތްޕުޅަކީ މުމްތާޒު މަޙަލުގެ އަރިހުގައި ވޭތިކުރެއްވުނު ހިތްފަސޭހަ ވަގުތުތައް ހަނދުމަފުޅުކުރެއްވުމެވެ. އަދި ތާޖް މަޙަލް އެންމެ ފަހަރަކު ވިޔަސް ދެކެވަޑައި ގަތުމުގެ އުންމީދުގައި ދިރި ހުންނެވުމާއި ނޭވާފުޅާ ގުޅުއްވަމުން ގެންދެވުމެވެ.
(ނުނިމޭ)