"ކަމަނާގެ ނިންމެވުމާ އަޅުގަނޑު އެއްބަސް. ލާޑްލީ ބޭގަމްގެ ކާވެނި ކޮށްދޭނީ ޝެހެރިޔާރާ. އެކަމަކު ޚުއްރަމް ވިޔާނުދާ މަގު އިޚްތިޔާރުކުރެއްވި ވާހަކައަކީ ވަރަށް ދެރަވާންޖެހޭ ވާހަކައެއް. އަޅުގަނޑު ހަމަ މިހާރު ޚުއްރަމާ ސުވާލުކުރާނަން."
ސީދާސީދާ ސުވާލުކުރެވޭކަށް މާތް މަލިކާ ބޭނުންފުޅެއް ނުވެއެވެ. ޝަހެންޝާހު އޭރު ކުޅުއްވަނީއެވެ. މަލިކާ ވިދާޅުވިއެވެ.
"މަނިކުފާނު ސުވާލުފުޅުކުރެއްވި ނަމަވެސް، ނަސޭހަތްޕުޅުދެއްވި ނަމަވެސް، އަޅުގަނޑަށް ހީވަނީ ޒުވާން ދަރީންނަށް ނަސޭހަތަކުން އަސަރެއް ނުކުރާނެހެން. ޚުއްރަމް އޭނާގެ ކުށްތަކާ މެދު ލަދުފުޅުގެންވަޑައިގަތަ ދިނުމުގެ ބަދަލުގައި، ރަނގަޅުވާނީ ވެރިކަމުގެ މުހިންމު ކަންތައްތަކުގައި މަޝްޣޫލުކުރެއްވުން."
"ކަމަނާގެ މަޝްވަރާއަކީ ރަނގަޅު މަޝްވަރާއެއް. އަޅުގަނޑު ހަދަންވީ ގޮތެއް ވިދާޅުވޭ."
"ޝެހެޒާދާ ޚުއްރަމް މޭވާޅުގެ ހަނގުރާމައަށް ފޮނުއްވާ. އޭރުން އެމަނިކުފާނުގެ ވާޖިބުތަކާ މެދު މަޝްޣޫލުވެވަޑައިގެންފާނެ."
މަލިކާ އެހެން ވިދާޅުވަމުން އަސް ނަންގަވައި ތެދު ދެ ގޮޅިއާއި ކަތި ގޮޅިއަކަށް ކުރިއަށް ގެންދަވައި، ޝަހެންޝާހުގެ މަގު ބަންދު ކުރެއްވިއެވެ. ތިރީގައި ދޮރުމަތީގައި ތިއްބެވި ކުޅިބެލުންތެރީންނަށް މި ކުޅި ފެނިވަޑައިގަތުމުން، މަލިކާ މުޢައްޡިމާއަށް ތާރީފުކުރައްވާން ފެށްޓެވިއެވެ.
ޝަހެންޝާހު ކުޅިތަކުގެ ތެރޭގައި ބެދިވަޑައިގެން އިންނަވައި ވިސްނައި ވަޑައިގަންނަވަމުން ގެންދެވިއެވެ. އަނބިކަނބަލުން އެ މަޝްވަރާދެއްވަނީ ޝެހެޒާދާ ވަރަށް ނުރައްކާތެރި ހަނގުރާމައަކަށް ފޮނުވާށެވެ. މޭވާޅުގެ ރާނާ (ރަސްގެފާނު) އެމަނިކުފާނުގެ ބިމުގެ ބޮޑުކަމާއި، ލަޝްކަރުގެ ގިނަކަމުން ހިންދުސްތާނުގެ ހުރިހައި ރަސްރަސްކަލުންގެ މެދުގައި ފާހަގަކުރެވެމުން އަންނަތާ އެތައް ދުވަހެކެވެ. އެމަނިކުފާނު މިހައި ތަނަކަށް ބާރު ގަދަ އެހެން ރަސްކަލެއްގެ ވެރިކަން ގަބޫލުކުރައްވައިފައެއް ނެތެވެ. އަކުބަރު ބާދުޝާހު ނުހަނު ޢިއްޒަތުގައި ފަންސާސް އަހަރު ވަންދެން ވެރިކަންކުރެއްވިއެވެ. އެކަމަކު ރާނާ ޕްރަތާޕް ކިޔަމަންތެރިކަން ގަބޫލުކުރައްވައިފައެއް ނުވެއެވެ. ކިތަންމެ ފަހަރަކު ހަނގުރާމަ ކުރެވުނެވެ. އެއް ފަހަރު އަކުބަރު އަޢުޡަމު އަހަރެން (ޖަހާންގީރް) ވެސް މޭވާޅު ފަތަޙަކުރާން ފޮނުއްވިއެވެ. ކޮންމެ ފަހަރަކު ވެސް ރާނާ ހައްދަވާ ގޮތަކީ، ޝާހީ ލަޝްކަރުގެ ޙަމަލަތަކަށް ނުކުޅެދި ވަޑައިގަތުމުން، ފަރުބަދައިގެ ނިވަލަށާއި، ދަތި އުނދަގޫ މަގުތަކަށް ވެދެވަޑައިގެން ފިއްލަވަނީއެވެ. ދެން ފިއްލަވައި އިންނަވައިގެން، ބައެއް ފަހަރު ތީރު، އަނެއްބައި ފަހަރު ހިލަ އުއްކަވަނީއެވެ. އަކުބަރުގެ ޒަމާނުން ފެށިގެން މިހައި ތަނަށް ހިތްވަރުގަދަ އެތަކެއް އޮފިސަރުންނާއި ސަރުދާރުން މަރުވެއްޖެއެވެ. އެކަމަކު އަނބިކަމަނާ އެ މަޝްވަރާދެއްވަނީ އެ ހަނގުރާމައަށް ޝެހެޒާދާ ފޮނުވާށެވެ. މި ކަހަލަ ދަނޑިވަޅެއްގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނބިކަމަނާ ނުރުހުންވެ ވަޑައިގަންނަވާނޭ ގޮތެއް ނުހެދޭނެއެވެ. ހަމަ އެހެންމެ، ޢާއިލީ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތީން ފިލައި އިނދެގެން ހަމަލަދޭ ދުޝްމަނެއްގެ ކުރިމައްޗަށް ޝެހެޒާދާ ފޮނުވުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ޝަހެންޝާހު މަނައެއް ކުރިއަށް ކޮއްޕައިލައްވައި، މަލިކާގެ އަސް ފަހަތަށް ޖެއްސުވުމަށް މަޖުބޫރުކުރެއްވިއެވެ. އަދި އުޒުރެއް ދެއްކެވިއެވެ.
"ރާނާ އެއް ގޮތެއްގަ އެ ހުންނެވީ ބަލިފުޅުވެފަ. މަޖުބޫރުވެ ވަޑައިގެންފަ. ފާޅުގަ ހަނގުރާމައަށް ނުކުމެ ވަޑައިގަންނަވަން އެ މަނިކުފާނު ޖެހިލުންވެ ވަޑައިގަނޭ. އެ ކަހަލަ ފިނޑި ދުޝްމަނަކާ ކުރިމަތިފުޅުލެއްވުމަކީ ޝެހެޒާދާގެ ޢިއްޒަތާ ޚިލާފު ކަމެއް. އަޅުގަނޑަށް ފެންނަނީ އަނެއްކާ ވެސް އެއް ފަހަރު ރާނާގެ އުނަގަނޑުފުޅު ބިންދައިލަން ރާޖާ ސޫރަޖު ސިންގާއި ސައިފު ޚާން ފޮނުވަން. މި ފަހަރު އެމަނިކުފާނު ކިޔަމަންތެރިކަން ގަބޫލުކުރައްވާނެ."
މަލިކާގެ ކަޅިފުޅު ހުއްޓިފައި ހުރީ ރާޒުވާގޮނޑިއަށެވެ. ޝަހެންޝާހުގެ މަނާ އެކަމަނާގެ އަހަށް ފަހަތަށް ޖެހުމަށް މަޖުބޫރުކުރަނީއެވެ. އެކަމަކު މަލިކާ ފަހަތަށްޖެހިވަޑައިގަންނަވާން ދަސްފުޅުކުރައްވައިފައެއް ނެތެވެ. އެކަމަނާ ބޮޑުބޯ ކުރިއަށް ނެރުއްވައި އަހުގެ ފަހަތަށް ލެއްވިއެވެ. މިހާރު ހަނގުރާމައިގެ މަންޒަރު ބަދަލުވެފައި ވާ ގޮތަކީ، ޝަހެންޝާހުގެ މަނާ، މަލިކާގެ އަސް ޖަހައިފި ނަމަ، މަލިކާގެ ބޮޑުބޯ ޝަހެންޝާހުގެ މަނައާއި މަންތިރި ޖަހައިފައި ގޮސް އެންމެ ބިއްދޮށު ގޮޅީގައި މަޑުކޮށްލައި، ބޮނދަށް ހުރި ނުރައްކަލަކަށް ވާނެއެވެ. މަލިކާ އެ ކުޅި ކުޅުއްވަމުން ވިދާޅުވިއެވެ.
"މޭވާޅުގެ މިހާރުގެ ރާނާ، މި ފަހަރު އަޅުގަނޑުމެންނަށް ކިޔަމަންތެރިވެ ވަޑައިގަންނަވާނެ ކަން އަޅުގަނޑަށް ވެސް ވިސްނޭ. ދިގު މުއްދަތެއް ވަންދެން ހަނގުރާމަ ކުރައްވަކުރައްވާ އެމަނިކުފާނުގެ ޚަޒާނާ އެ ދަނީ ހުސްވަމުން. އެމަނިކުފާނުގެ ވެސް ހިތްވަރު ގަދަ އެތައް އޮފިސަރުންނަކާ ހަނގުރާމަވެރީންނެއް މަރުވެއްޖެ. މިހާރު އެމަނިކުފާނަކަށް އަޅުގަނޑުމެންނަކާ ސާބިތުކަމާ އެކު ހަނގުރާމައެއް ނުކުރެއްވޭނެ. ވަރަށް އަވަހަށް ހަތިޔާރު ބަހައްޓަވާނެ. އެހެންވެ އަޅުގަނޑު ބޭނުންވަނީ މޭވާޅުގެ ފަތަހައިގެ ތާޖު ޝެހެޒާދާ ޚުއްރަމްގެ އިސްތަށިފުޅުގައި ހުންނަން. އެ ކާމިޔާބީގަ އެހެން އޮފިސަރުންގެ ނަން އައިސްގެން ނުވާނެ. ރަސްރަސްކަލުންގެ ތާރީޚުގަ އަންނަން ވާނީ ހަމައެކަނި ރަސްރަސްކަލުންނާ ޝެހެޒާދާއިންގެ ފަތަޙައިގެ ވާހަކަ. އަންނަން އޮތް ނަސްލުތައް، ތާރީޚު ފޮތްފޮތުން، މޭވާޅުގެ ފާތިޙަކީ ޝެހެޒާދާ ޚުއްރަމް ކަމުގަ ކިޔާކަށް މަނިކުފާނު ބޭނުންފުޅެއް ނުވޭތޯ؟"
"ކަމަނާގެ ވިސްނުންފުޅަށް ކިތަންމެ ވަރަކަށް ސާބަސް އެރުވި ނަމަވެސް އެ ސާބަސް އެރުވޭ ވަރު މަދު. އަޅުގަނޑު ވެރިކަން މި ކުރަނީ މި ދައުރުގަ. އަދި މި ވިސްނަނީ ހަމަ އެކަނި މިއަދުގެ ކަންކަން. ކަމަނާ އަންނަން އޮތް މާދަމައަށް ވެސް އެބަ ބައްލަވަމު. ކަމަނާގެ ޚިޔާލުފުޅާ އަޅުގަނޑު އެއްބަސްވަން. އިރާދަކުރެއްވިއްޔާ މޭވާޅުގެ ފަތަޙައިގެ ތާޖު ހުންނާނީ ޚުއްރަމްގެ އިސްތަށިފުޅުގަ. ތާރީޚުގެ ލޯގަނޑުން ދެކޭ މީހުން ކަމަނާގެ މޫނުފުޅު ވެސް ދެކޭނެ. އަދި ކަމަނާ އެއްފަހަރު ވެސް ދޮންމަންމައެއް ފަދައިން ވިސްނާވަޑައެއް ނުގަންނަވާކަން، އަޅުގަނޑެކޭ އެއްފަދައިން ގަބޫލުކުރާނެ. ކަމަނާ އަބަދު ވެސް ބައްލަވަނީ ޝެހެޒާދާ ޚުއްރަމަށް ފަތަޙައާ ކާމިޔާބީއާ، ހެޔޮނަމަށް. ކަމަނާއަށް ސާބަސް. ހަމަ ސާބަސް."
މަލިކާ ރާ ގަލަސް ނަންގަވައި ޝެހެންޝާހާ ދިމާއަށް ދިއްކޮށް ލެއްވިއެވެ. ރާޒުވާގޮނޑިމަތީގައި ކުޅި ހިނގުން ހުއްޓުނެވެ. ޝެހެންޝާހު ބަލިފުޅުވީއެވެ. ދޮރުމަތީގައި އިށީނދެވަޑައިގެން ތިއްބެވި ޢިއްޒަތްތެރީން ތިބީ ހައްދަވާނޭ ގޮތެއް އެނގިވަޑައި ނުގެންފައެވެ. ސާބަސް އަރުވާންވީ ބާވައެވެ. ނުވަތަ ނާރުވާންވީ ބާވައެވެ. އެހެނީ ބަލިފުޅުވީ ޝެހެންޝާހެވެ. އެއް ބޭފުޅަކަށް ސާބަސް އަރުވައިފި ނަމަ، އެ ވާނީ އަނެއް ބޭފުޅަކަށް ކުރެވޭ ތައުހީނަކަށެވެ. ޖަހާންގީރު ކުޑަދޮރުކޮޅުން ބައްލަވައިލައްވައިފައި ވިދާޅުވި އެވެ.
"އަޅުގަނޑު ބަލިވީމަ ތިބޭފުޅުން ހާސްފުޅުވެއްޖައިމު. އެކަމަކު އަޅުގަނޑު ދެކެނީ މާތް މަލިކާގެ ކާމިޔާބީއަކީ އަޅުގަނޑުގެ ވެސް ކާމިޔާބީ ކަމަށް. ވިސްނުންފުޅު ތޫނު މަލިކާއަށް ހިފެހެއްޓުމެއް ނެތި ސާބަސް ދެއްވުމުގެ ހުއްދަ އަޅުގަނޑު އަރުވައިފިން."
ހުއްދަ ލިބިވަޑައިގަތުމާއެކު ހަތަރު ފަރާތުން ވާހްވާހްގެ އަޑު އުފުލިގެން ދިޔައެވެ.
* * * * *
ވެރިކަމުގެ ދަހިވެތިކަން ނޯންނަނީ ކާކުގެ ހެއްޔެވެ؟ އަދި ވެރިކަމާ ތިމާގެ ދަރިފުޅުގެ ބާއްޖަވެރިކަމާ ގުޅިއްޖެ ނަމަ ދެ ބެއިން ވެސް އެކަކު އަނެކަކުގެ ދުޝްމަނަކަށް ވެއެވެ. ޔަމީނުއްދައުލާ އާޞިފު ޚާނަށް، ޝެހެޒާދާ ޚުއްރަމް، ޝާހް ބާނޫއާ ދިމާއަށް ލެނބިވަޑައިގެންފައި ވާ ތަން ފެނިވަޑައިގަތުމުން ކަންތައް ކުރެއްވީ ވަރަށް ކެތްތެރިކަމާ އެކުގައެވެ. އެ ވަގުތު އެމަނިކުފާނަށް ވަނީ އެމަނިކުފާނުގެ ކޮއްކޮ މަލިކާ ނޫރު ޖަހާންގެ އަމުރުފުޅަށް ޢަމަލުކުރައްވާން މަޖުބޫރުވެވަޑައިގެންފައެވެ. އެމަނިކުފާނު، ދަރިކަނބަލުން ދިއްލީއަށް ފޮނުއްވިއެވެ. ދެން ސިއްރު ސިއްރުން ޝެހެޒާދާ ޚުއްރަމާ ގުޅުން ބަދަހިކުރައްވާން ފެށްޓެވިއެވެ. ޝާހު ބާނޫ އެމަނިކުފާނާ ދުރަށް ފޮނުއްވައިލެއްވީ މަލިކާގެ އަމުރުފުޅަށް ޢަމަލުކުރައްވާން މަޖުބޫރުވެވަޑައިގަންނަވައިގެން ކަމުގައި އޭނާ ޚުއްރަމުގެ އަރިހުގައި ދެންނެވިއެވެ.
ޝެހެރިޔާރުގެ ކިބައިގައި ރަސްކަލަކަށް ވެވަޑައިގަތުމުގެ ޤާބިލިއްޔަތެއް ނެތްކަމާއި، އެއް ދުވަހަކުން ރަސްކަލަކަށް ވެވަޑައިގަންނަވާނީ ޚުއްރަމް ކަން އާޞިފް ޚާނަށް އެނގިވަޑައިގަނެއެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި ޝާހު ބާނޫގެ ލޯބި އަށަގެންފައި އޮވެއްޖެ ނަމަ އެއް ދުވަހަކުން އެކަމަނާ ހިންދުސްތާނުގެ މަލިކާއަށް ވާނެއެވެ. މި ވަގުތު ބާޒީ އޮތީ ނޫރު ޖަހާންގެ އަތްޕުޅުގައެވެ. އެކަމަނާ ދެ ލޯބިވެރީންގެ ދެމެދުގައި ފާރު ރާނުއްވަމުން ގެންދަވަނީއެވެ. ފުރަތަމަ އެކަމަނާ ޝާހު ބާނޫ ޝެހެޒާދާއާ ދުރުކުރެއްވީއެވެ. އެއަށް ފަހު މިހާރު ޝެހެޒާދާ ޝާހު ބާނޫއާ ނުހަނު ދުރަށް މޭވާޅުގެ ހަނގުރާމައަށް ފޮނުއްވާން އަމުރު ނެރުއްވީއެވެ.
އެ ހަނގުރާމައަކީ އެމަނިކުފާނުގެ ކާފާފުޅު ޖަލާލުއްދީން އަކުބަރާއި، ބައްޕާފުޅު ނޫރުއްދީން ޖަހާން ގީރް ނާކާމިޔާބުވެވަޑައިގެންފައި ވާ ހަނގުރާމައެކެވެ. ނާކާމިޔާބުގެ މައިގަނޑު ސަބަބަކީ ދުޝްމަނުން ފިލާ ތިބެގެން ގެއްލުންދިނުމެވެ. މި ފާޑުގެ ހަނގުރާމައިން ޚުއްރަމަށް ވެސް ގެއްލުން ފޯރައިފާނެއެވެ. އެ ކަން އެހެން އޮތުމާ އެކު ވެސް އެމަނިކުފާނު އެ ހަނގުރާމައަށް ފުރާވަޑައިގެންނެވިއެވެ. ސިޔާސީ އުކުޅުތައް އެމަނިކުފާނަށް ވެސް އެނގިވަޑައިގަނެއެވެ. އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި ފަތަޙަ ލިބިވަޑައިގެންފި ނަމަ، ސިޔާސީ މައިދާނުގައި އެމަނިކުފާނަށް ނޫރު ޖަހާން ކޮންމެވެސް މިންވަރަކަށް ދަށްކޮށްލައްވައި ބައްޕާފުޅުގެ އިތުބާރު ހޯއްދެވޭނެއެވެ.
އެމަނިކުފާނު ފުރާވަޑައިގަތުމުން އާޞިފު ޚާން މަލިކާގެ އަރިހުގައި ވިދާޅުވިއެވެ. ޝެހެޒާދާ މިހާރު ވަޑައިގެން އެ ހުންނެވީ ވެރި ރަށާ ވަރަށް ދުރުގައެވެ. ހައެއްކަ މަސް ދުވަހުގެ ކުރިން އެނބުރި ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންވީމާ ޝާހު ބާނޫ ބައްޕަ އަރިހުގައި ހުންނަވާން ވަޑައިގަތުމުގެ ހުއްދަ ދެއްވާންވީ ނޫންތޯއެވެ. މަލިކާ ނުހަނު ދީލަތިފުޅުކަމާއެކު އެ ހުއްދަ ދެއްވިއެވެ. ދެތިން ދުވަސް ފަހުން ޝާހު ބާނޫ ބައްޕަގެ އަރިހަށް ވަޑައިގެންފިއެވެ. އާޞިފު ޚާން ހުންނެވީ ދަނޑިވަޅުގެ ފައިދާ ހޯއްދަވާން ތައްޔާރަށެވެ. އެމަނިކުފާނު ޝެހެޒާދާއާއި ޝާހު ބާނޫއާ ދެމެދުގައި ދެވަނަ ފަހަރަށް ސިޓީ ބިޓީ ބަދަލުކުރެވޭނެ ސިއްރު އިންތިޒާމެއް ހަމަޖެއްސެވިއެވެ. ބޭނުންފުޅަކީ ޝެހެޒާދާގެ ހިތްޕުޅުގައި ޝާހު ބާނޫގެ ހަނދާން އަބަދު ވެސް ތާޒާވެ ތާޒާވެ ހުރުމެވެ. ޝާހު ބާނޫގެ ސިޓީ ވަރަށް ސިއްރުން ޖާސޫސެއްގެ އަތުގައި ހަނގުރާމައިގެ މައިދާނަށް ޝެހެޒާދާގެ އަތްޕުޅަށް ފޮނުވެއެވެ. އަދި ޝެހެޒާދާގެ ސިޓީ ޝާހު ބާނޫއަށް ލިބިވަޑައި ގަންނަވަމުން ދެއެވެ.
ޝެހެޒާދާ ޚުއްރަމް އެމަނިކުފާނުގެ ލަޝްކަރާ އެކުގައި އުދޭ ޕޫރުގެ ޗޯގާން މައިދާނުގައި ފޭލިގެޖެއްސެވިއެވެ. އޭރު އަދި އެއްވެސް ލަޝްކަރެއް އެ ހިސާބަކަށް ނުފޯރައެވެ. ރާޖާ ސޫރަޖް ސިންގް ޝެހެޒާދާއަށް ވިސްނައިދެއްވި ގޮތުގައި މުޅި ލަޝްކަރު ފަރުބަދަތަކުގެ ތެރެއަށް ވަނުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އޭރުން ދުޝްމަނުން އެ ލަޝްކަރު ވަށައިގެން ބައްދައިލައިފާނެއެވެ. އަދި އެހީ ހިފައިގެން އަންނަ ލަޝްކަރުތަކާ ގުޅުން ކަނޑުވައިލައިފާނެ އެވެ. އެކަމަކު ޝެހެޒާދާ ބޭނުންފުޅުވީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ހަނގުރާމަކުރައްވާށެވެ. އެމަނިކުފާނު، ސަރަހައްދުން ފެށިގެން އުދޭ ޕޫރާ ހަމައަށް ހަ މަރުކަޒު ގާއިމުކުރެއްވިއެވެ. އެއީ އެހީ ފޯރުކޮށްދިނުމަށާއި ލަޝްކަރުގެ ހަރަކާތްތަކަށް ދަތިވިޔަ ނުދިނުމަށެވެ. ދެން އެމަނިކުފާނުގެ ތޫނު ވިސްނުންފުޅުގެ މަތީން ލަޝްކަރު ހަތަރު ބައި ކޮށްލެއްވިއެވެ. އެއް ބައި ޢަބްދު ޚާން ފީރޯޒު ޖަންގްގެ ވެރިކަމުގެ ދަށުގައެވެ. ދެވަނަ ބައި ދިލާވަރު ޚާން ކާކްޅާއާއި ކިޝަން ސިންގްގެ ބެލުމުގެ ދަށުގައެވެ. ތިންވަނަ ބައި ސައިފު ޚާން ބާރާއާއި ބޭގަމް މީރް ބަޚްޝީގެ ދަށުގައެވެ. ހަތަރުވަނަ ބައި މުޙައްމަދު ތަޤީގެ ވެރިކަމުގެ ދަށުގައެވެ. ދެން މި ސަރުދާރުންނަށް އެ މީހެއްގެ ދަރަޖައާ ގުޅޭ ގޮތުން އިނާމާއި، ކަނޑިއާއި، އެތާއި، އަރަބި އަސް ދެއްވިއެވެ. ރާނާއަށް މި ފައުޖުތަކުގެ ޚަބަރު ލިބިވަޑައިގަތުމުން އަތްފައިންޕުޅު ފިނިވެވަޑައިގަތެވެ. އެމަނިކުފާނަށް މާ ގިނަ ދުވަސް ވަންދެން ސާބިތުކަމާ އެކު ހަނގުރާމައެއް ނުކުރެއްވުނެވެ. އާދައިގެ މަތީން ފިލައިވަޑައިގަތެވެ. އެއް ފަހަރު ކޮންމެވެސް ފަރުބަދައެއްގެ ބަނޑުދަށުގައެވެ. އަނެއް ފަހަރު ކޮންމެވެސް ފަރުބަދައެއްގެ ހޮހަޅައިގައެވެ. އެއް ރޭ އެއް ހޮހަޅައިގައި ވޭތިކުރެއްވިއްޔާ އަނެއް ދުވަސް ހޭދަ ކުރައްވަނީ އަނެއް ޖަންގަލީގައެވެ. އެމަނިކުފާނު މި ގޮތަށް ފީކޯއިކުޅުއްވަމުން ކުއްލި ކުއްލިއަށް ޝާހީ ލަޝްކަރަށް ހަމަލާދެއްވަމުން ގެންދަވައެވެ. އެއަށްފަހު އަނެއްކާ ފިލައިވަޑައިގެން ކޮންމެވެސް ތަނެއްގައި ރައްކާތެރިވެވަޑައިގަންނަވައެވެ.
މި ގޮތުގެ މަތީން ދުވަސްތަކާއި ހަފުތާތަކާއި މަސްތައް ފާއިތުވަމުން ދެއެވެ. ރާނާ ބަލިފުޅުވާ ގޮތެއް ނުވެއެވެ. އެމަނިކުފާނު ބައެއް ފަހަރު ވަރަށް ނުރައްކާތެރި ހަމަލާ ދެއްވައެވެ. ރޭގަނޑު ދެއްވާ ބައެއް ހަމަލާގައި ޝާހީ ލަޝްކަރުގެ އެތައް ފޭލިގެއެއް އަންދައިލައްވައި ފުރާނައާއި މުދަލަށް އެތައް ގެއްލުމެއް ދެއްވުމަށް ފަހު ވަޑައިގެން ކޮންމެވެސް މީދާ ހަރެއްގައި ފިއްލަވައެވެ. މި ހަނގުރާމައިގެ ރެއާއި ދުވާލުގެ ތަފުސީލުތައް ޖަހާން ގީރަށް ލިބިވަޑައިގަންނަވަމުން ދެއެވެ. އެހެން ބައެއް ރާޖާއިންނާއި މަހާރާޖާއިން ވެސް ރާނާއަށް އެހީވެވަޑައިގަންނަވާ ޚަބަރު ވެސް ލިބިވަޑައިގަނެއެވެ. އެހެންކަމުން ރާނާ އެތައް ދުވަހެއް ވަންދެން ޚުއްރަމް ލައްވައި ދަގަނޑުގެ ގޮވާން ހައްޕުވަމުން ގެންދަވާނެއެވެ.
ރަނގަޅު ގޮތެއް ކަމަށް ޝެހެންޝާހަށް ފެނިވަޑައިގަތީ އެނބުރި، ވަޑައިގަތުމަށް ޝެހެޒާދާއަށް ދެންނެވުމެވެ. އެކަމަކު މަލިކާ ވިދާޅުވި އެވެ. "ހަނގުރާމައިގަ އޮންނާނީ ދެ ގޮތް. އެއް ގޮތަކީ މޮޅު ވުން، އަނެއް ގޮތަކީ ބަލި ވުން. މީން އެއްވެސް ގޮތެއް އަދި ނުވޭ. މި ދަނޑިވަޅުގަ ޝެހެޒާދާއަށް ވަޑައިގަންނަވަން ދެންނެވުމަކީ މަޞްލަޙަތާ ޚިލާފު ކަމެއް. އެހެން ނޫނަސް ޝެހެޒާދާއިންނަށް ޝެހެޒާދާކަމުގެ ދުވަސްވަރު ރަނގަޅުވާނީ ހަނގުރާމައިގެ މައިދާން. އެހެން ނޫނީ ޝާހީ ގަނޑުވަރުގެ ހިޔަލުގެ ތެރެއަށް ވަޑައިގެން މަޖަލާ އުފަލުގެ ކުލަ ހަފުލާތަކަށް ގެއްލިވަޑައިގަތުމުން އަމިއްލަފުޅު ކުޅަދާނަފުޅުކަމުގައި ޖަހާނީ ދަމިލަ."
މަލިކާ އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޖަހާން ގީރް އެއްބަސްވެވަޑައިގަތުމުގެ ގޮތުން އިސްތަށިފުޅު ތިރިކޮށްލެއްވިއެވެ.
(ނުނިމޭ)