ކަރުނައިގެ މުތީ (6)

(25 މާރިޗު 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

މުމްތާޒު މަޙަލް ރީތިފުޅުކަމުގައި ދެވަނައެއް ނެތް އިރު، ވާހަކަފުޅު ދެއްކެވުމުގައި އަޑުފުޅުގެ ފޮނިކަމުގެ މިސާލެއް ނެތެވެ. އެކަމަނާގެ އަދަބުވެރިކަމާއި، މިޒާޖުފުޅުގެ ރަނގަޅުކަމާއި، ޚިދްމަތްތެރިކަމުގެ ފުރިހަމަކަމުން ޚުއްރަމްގެ ހިތްޕުޅުގައި އެކަމަނާ ވެރިކަން ކުރައްވަނީއެވެ. އެމަނިކުފާނުގެ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުގެ ހަތަރު ފާރުގައި ކަޅި ހުއްޓޭ ކޮންމެ ދިމާއަކުން ފެންނަނީ މުމްތާޒު މަޙަލްގެ ފޮޓޯއެވެ. އެމަނިކުފާނު އެންމެ ސިކުންތަކަށް ވެސް އަނބިކަނބަލުންނާ ދުރަށް ވަޑައިގަންނަވާކަށް ރުހިވަޑައެއް ނުގަންނަވައެވެ. އަނބިކަނބަލުން، ހިތްޕުޅުހަމަނުޖެހޭ ކަމަކަށް އޮންނަނީ ޝެހެޒާދާ ރާފޮދުހިއްޕެވުމެވެ. ރާފޮދު ނުހިއްޕަވާން އެތައް ހާސް ފަހަރަކު ވައުދުވެވަޑައިގަތުމަށް ފަހު ވެސް ހުއްޓައިލެއްވޭ ގޮތެއް ނުވެއެވެ. އެމަނިކުފާނު މުމްތާޒު މަޙަލްގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި، އެއަށްފަހު ރާތަށްޓެއްގައި އަތްޕުޅު ނުލައްވާން ވައުދުވެވަޑައިގަނެއެވެ. އެކަމަކު އެކިއެކި ޙަފްލާތަކުގައި ޝެހެންޝާހް ޖަހާން ގީރް އެމަނިކުފާނަށް މަޖުބޫރުކުރައްވައެވެ. ޝެހެންޝާހްގެ އަމުރުފުޅާ ދެކޮޅުހައްދަވާކަށް އެމަނިކުފާނަކަށް ކެރިވަޑައެއް ނުގަންނަވައެވެ. އެހެން އިބާރާތާކުން ދަންނަވާ ނަމަ އެމަނިކުފާނު ބައްޕާފުޅު ރުހިވަޑައި ނުގަންނަވާ ގޮތް ހައްދަވައިގެން ހިންދުސްތާނުގެ ތާޖާއި ތަޚުތުން މަޙްރޫމްވެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން ލޯބީގައި ކުރެވެމުންދާ ހުވާ، ތަކުރާރުކޮށް ފުނޑުފުނޑުވަމުން ދެއެވެ.

ގާތްގަނޑަކަށް އަށް އަހަރު ވަންދެން، މުމްތާޒު މަޙަލާއި ޝެހެޒާދާ ޚުއްރަމްގެ ލޯބިފުޅު ކަށިތަކާ ދުރުގައި ވާ މަލެއް ފަދައިން ފޮޅެމުން ދިޔައެވެ. މި މުއްދަތުގެ ތެރޭގައި މުމްތާޒު މަޙަލްގެ ބަނޑުފުޅުން ދެ އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުން އުފަންވެވަޑައިގަތެވެ. އެއީ ޙޫރުއްނިސާ ބޭގަމާއި، ޖަހާން އާރާ ބޭގަމާއި، ދާރް ޝިކޯހާއި، ޝުޖާޢާއި، އޯރަންގް ޒޭބެވެ. އެ ދެކަނބަލުން އެ ހުރިހައި ބޭފުޅުން ދެކެ ވެސް އެއް ފަދައަކުން ލޯބިފުޅުވެވަޑައިގަނެއެވެ. އެކަމަކު ޝެހެޒާދާ ޚުއްރަމް ދާރު ޝިކޯހް ދެކެ ތަންކޮޅެއް ބޮޑަށް ލޯބިފުޅުވެވަޑައިގަނެއެވެ. އެމަނިކުފާނު، އެ ދަރިކަލުން އަބަދު ވެސް އެމަނިކުފާނުގެ އަރިހުގައި ބަހައްޓަވައެވެ. އޭގެ ސަބަބަކީ އެ ދަރިކަލުންގެ ސިފަފުޅު އެ ދަރިކަލުންގެ މައިކަނބަލުން މުމްތާޒު މަޙަލާ އެއްގޮތް ކަމެވެ. ޚާއްޞަ ކޮށް، އެ ދަރިކަލުން އުފަންވެވަޑައިގަތީ މައިކަނބަލުންގެ ކަޅު ކަޅު، ބޮޑު ދެ ލޯފުޅު އަމިއްލަފުޅުކުރައްވައިގެންނެވެ. އެ ދަރިކަލުން ޚުއްރަމާ ދިމާއަށް ބައްލަވައިލައްވައިފި ނަމަ ޚުއްރަމަށް ހީފުޅުވަނީ މުމްތާޒް މަޙަލް އެމަނިކުފާނާ ދިމާއަށް ބައްލަވަނީ ހެންނެވެ.

މި ކަންތައްތަކުން ޝެހެޒާދާ އެމަނިކުފާނުގެ އަނބިކަނބަލުން ދެކެ ލޯބިފުޅުވާލެއް ބޮޑުކަން ފާޅުކޮށްދެއެވެ. އެމަނިކުފާނު އަނބިކަނބަލުންނާ ދުރަށް، އެނގިވަޑައި ނުގަންނަވާ މުއްދަތަކަށް ވަޑައިގަންނަވާ ހަމައެކަނި ވަގުތަކީ ކޮންމެވެސް ހަނގުރާމައަކަށް އެމަނިކުފާނު ވަޑައިގަންނަވާ ވަގުތެވެ. މި ފަދަ ވަގުތުގައި ވެސް އަނބިކަނބަލުންގެ ފޮޓޯއެއް އަތްޕުޅުގައި އޮވެއެވެ. އަދި އަނބިކަނބަލުންގެ ލޯބީގެ ސިޓީތައް ހަނގުރާމައިގެ މައިދާނަށް ލިބި ލިބި ހުރެއެވެ.

އެ ދުވަސްވަރުގެ ތެރޭގައި ދެކުނުގެ ތިން ރަސްކަލަކު، ނިޡާމުލް މަލިކާއި، ޤުޠުބުލް މަލިކާއި، ޢާޤިލް ޚާން ގުޅިވަޑައިގަންނަވައިގެން ފަންސާސް ހާސް ސިފައިންގެ ލަޝްކަރެއް، އެއްކުރައްވައިގެން ބާލާ ގާޓްގެ ޝާހީ ގަނޑުވަރުތަކަށް ވެރިވެވަޑައިގެންފިއެވެ. އެ ރަސްރަސްކަލުންގެ ބާރުފުޅު ގަދަވުމުން، އެ ތާނގެ އަމީރުންނާއި އެހެނިހެން ވެރީން އެ ތަން ދޫކޮށްލެއްވިއެވެ. އެއަށްފަހު މަހެގަރުގެ އިސްޓޭޝަނަށް ވެރިވެވަޑައިގެން ތިއްބަވައިގެން ތިން މަސް ދުވަސް ވަންދެން ވަރަށް ހިތްވަރުފުޅާއެކު ދުޝްމަނުންނާ ހަނގުރާމަ ކުރެއްވިއެވެ. ދުޝްމަނުންގެ އަދަދު ވަރަށް ގިނައެވެ. އެބައިމީހުން ހަތަރު ފަރާތުން މަގުބައްދާލުމުން ކާބޯތަކެތީގެ އެހީ ލިބިވަޑައިގަތުން ވެސް ހުއްޓުނެވެ. ދެން އެ ބޭފުޅުން ޖަހާން ގީރްގެ އަރިހަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި ލިއުއްވިއެވެ. ކާބޯތަކެތި ލިބިވަޑައި ނުގަތުމާއި ދުޝްމަނުންގެ ގަދަފަދަކަމުން އެ ބޭފުޅުންގެ ޙާޅުކޮޅު ވަނީ ވަރަށް ދަށް ވެފައެވެ. އެ ބާޣީންގެ އަތްދަށުން އެ ބޭފުޅުން ސަލާމަތް ކޮށް ނުދެއްވައިފި ނަމަ ހިތްވަރުފުޅު ގަދަ ރަސްދަރިކަލުން ފަދައިން އެ ބޭފުޅުން ޖައުހަރުގެ ރަސްމު އަދާކުރައްވައި ފުރާނަފުޅު ދޫކޮށްލައްވާނެއެވެ.

ހިންދޫން ޖައުހަރުގެ ރަސްމު އަދާކުރާ ގޮތަކީ ފުރާނައަށް ނުރައްކާވެ، އުންމީދުކެނޑުމުން، ރަސްދަރިކަލުން ފުރަތަމަ އެ ބޭފުޅުންގެ އަންހެން ބޭފުޅުން ގަތުލުކުރައްވަނީއެވެ. އެއީ ދުޝްމަނުންނަށް އެ ބޭފުޅުންގެ ޢިއްޒަތަށް އަރައިނުގަނެވޭނޭ ގޮތުގެ މަތީންނެވެ. އެއަށްފަހު ދުޝްމަނުންނާ ހަނގުރާމަ ކުރައްވައި، އެ ބޭފުޅުންގެ ފުރާނަފުޅު ދޫކޮށްލައްވަނީއެވެ. ޖަހާން ގީރް މި ސިޓީގައި އޮތް ވާހަކަ އައްސަވައިފައި، އެ ހަނގުރާމައަށް ޚުއްރަމް ދެކުނަށް ވަޑައިގަތުމަށް ވިދާޅުބަސްފުޅު އިއްވެވިއެވެ.

ޚުއްރަމް ކަން ހުރި ގޮތް ބެއްލެވުމަށްފަހު، ޝެހެންޝާހަށް ދެންނެވިއެވެ. "ދުޝްމަނުންގެ ލަޝްކަރުގެ ބާރު ކުރިއާ އަޅާ ބަލާ އިރު އެތައް ގުނައެއް އިތުރު. އެ މީހުން ވަނީ ބުރުހާން ޕޫރު ވެސް ވަށައިލާފަ. މި ކަމާ ގުޅޭ ގޮތުން އަޅުގަނޑުގެ އެދުމެއް އެބަ އޮތް. ރާނާ ސާންގާގެ ހަނގުރާމައިގަ ޙަޟްރަތު ފިރްދައުސް މަކާނީ (ޡަހީރުއްދީން މުޙަންމަދު ބާބަރު) ރާފޮދު ހިއްޕެވުމުން ތައުބާވެވަޑައިގަތް. ހުސް ޠާހިރުވަންތަ ﷲ އެމަނިކުފާނުގެ ދުޢާ އިޖާބަކުރައްވާ، އެމަނިކުފާނަށް ފަތަޙަ ދެއްވި. އަޅުގަނޑު ބޭނުން ވަނީ އެ ގޮތަށް އަޅުގަނޑު ވެސް ރާބުއިމުން ތައުބާވެ، ﷲއަށް ދުޢާ ދަންނަވައިގެން ފަތަޙަ ހޯދަން."

ޖަހާން ގީރް ވަގުތުގެ މަޞްލަޙަތަށް ބައްލަވައިފައި ޝެހެޒާދާގެ އެ ޚިޔާލުފުޅާ އެއްބަސްވެވަޑައިގަތެވެ. އަދި އެމަނިކުފާނަށް ތައުބާވެވަޑައިގަތުމުގެ ހުއްދަ ދެއްވިއެވެ. ޝެހެޒާދާ، ޗަންބަލް ކޯރުގެ އައްސޭރީގައި ފޭލިގެ ޖެއްސެވި ދުވަހަކީ އެ މަނިކުފާނުގެ ތޭވީސް ވަނަ އުފަންދުވަހެވެ. އުފަންދުވަސް ފާހަގަކުރެއްވުން އޮތީ ވަރަށް ފުރިހަމައަށެވެ. އުފަލާއި މަޖަލުގެ އެ ޙަފުލާގައި ޝެހެޒާދާ ހުރިހައި ރާއެއް ޗަންބަލް ކޯރަށް އަޅައިލުމަށް އަމުރުކުރެއްވިއެވެ.

އަމުރު ކުރެއްވި ގޮތަށް ޢަމަލުކުރެވުނެވެ. ރާ، ކޯރުގެ ފެނާ އެކުގައި އޮޔާދިޔައެވެ. ރާފޭލިގޭގައި ހުރި ރާއަޅާ ރަން ރިހީގެ ކަންވާރުތައް ހަލާކުކޮށް، ބޭނުންޖެހިފައި ވާ މީހުންނަށް ބަހައިލެވުނެވެ. ޝެހެޒާދާ ހަމަ އެ ވަގުތު މުމްތާޒު މަޙެލަށް ސިޓީއެއް ލިއުއްވައި، ހަލާކުކޮށްލައިފައިވާ ކަންވާރެއްގެ އެތިކޮޅަކާއެކު ފޮނުއްވިއެވެ. އެ ސިޓީގައި ލިއުއްވިއެވެ.

މީގެ އަށް އަހަރު ކުރިން މަންމާފުޅު، މާތް މަލިކާ، ބައްޕާފުޅު މެދުވެރިކުރައްވައި، އަޅުގަނޑު ޖެއްސުވި ދަންތުރަ މިއަދު އަބަދުގެ އަބަދަށް ކޯރަށް ބައްސައިލައިފީމެވެ. ކުރިން އަޅުގަނޑު ފުނޑުފުނޑުކޮށްލަނީ ވައުދެވެ. މިއަދު ފުނޑުފުނޑުކޮށްލީ ރާއަޅާ ކަންވާރުތަކެވެ. އަޅުގަނޑުގެ އަޒުމަށް ދުވަހަކު ވެސް ގުޑުމެއް ނާރާތޯ ދުއާކޮށްދެއްވާށެވެ.

މުމްތާޒު މަޙެލް އެ ސިޓީ ވިދާޅުވެފައި، އަދި ރާކަންވާރުގެ އެތިކޮޅު ފެނިވަޑައިގެންފައި، އުފާފުޅުން ފޮޅިވަޑައިގަތެވެ. އެކަމަނާ ހަމަ އެ ވަގުތު ޝުކުރުގެ ދެ ރަކުޢަތް ކުރެއްވިއެވެ. ދެން ޖަވާބުގައި ސިޓީއެއް ލިއުއްވިއެވެ.  ޢިއްޒަތް ދެއްވަނީ ނިކަމެތިކަމުން ފަސްބައި ސަލާމަތްކުރާނޭ ގޮތް ދަންނަ މީހުންނަށެވެ. މަނިކުފާނުގެ ކިބައިގައި ހުރި މި ރަނގަޅުކަން މަނިކުފާނު ޝާހީ ތަޚުތާ ހަމައަށް ގެންދާނެއެވެ. އަޅުގަނޑު ދެކެމުން މި ގެންދަނީ، މަނިކުފާނު ވައުދުކުރެއްވި ރީތި، ފުރިހަމަ ގަނޑުވަރުގެ ފަނޑު ހިޔަންޏެކެވެ.

މުމްތާޒު މަޙެލްގެ އެ ހުވަފެންފުޅު އަދި އޮތީ ޙަޤީޤަތަކަށް ވުމާ ވަރަށް ދުރުގައެވެ. ޖަހާން ގީރު، ޝެހެޒާދާ ދެކުނުގެ ހަނގުރާމައަށް ފޮނުއްވި އިރު ފޮނުއްވީ ޝާހް ޖަހާންގެ ލަގަބު ދެއްވައިފައެވެ. އެ ލަގަބަކީ ރަސްކަލެއްގެ އިއްޒަތާ ގުޅޭ ލަގަބެކެވެ. އެހެންކަމަށް ވީ ނަމަވެސް އޭރު ވެސް ޤައުމުގެ ސިއްރާއި ފައުޅުގެ ވެރިޔަކީ މަލިކާ ނޫރު ޖަހާނެވެ. ޝާހް ޖަހާން ދެކުނުގެ ހަނގުރާމަ ފަތަޙަކުރެއްވުމަށްފަހު މާންޑޫއަށް ވަޑައިގެންފައި ޖަހާން ގީރަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި އެދިވަޑައިގެންފައި އޮތީ ދޫލް ޕޫރުގެ ބިން އެމަނިކުފާނަށް ދެއްވުމަށެވެ. އެއަށްފަހު އެމަނިކުފާނުގެ ނޯކަރުން އެ ބިމަށް ފޮނުއްވިއެވެ. ނަމަވެސް އެ ސިޓީ ޖަހާން ގީރަށް ލިބިވަޑައިގަތުމުގެ ކުރިން މަލިކާ އެ ބިން އެކަމަނާގެ ދަނބިދަރިކަލުން ޝެހެރިޔާރަށް ވަނީ ދެއްވައިފައެވެ. ޝެހެރިޔާރުގެ ފަރާތްޕުޅުން ޝަރީފުލްމަލިކު އެ ބިމުގައި ހުންނެވިއެވެ. ޝާހް ޖަހާންގެ ނާއިބު އެ ބިމަށް ވަޑައިގަތުމުން ދެ ބޭފުޅުންގެ މެދުގައި ހަނގުރާމަ ހިނގައިފިއެވެ. މި ހަނގުރާމައިގައި ޝަރީފުލްމަލިކުގެ އެއް ލޯފުޅަށް ދުންޏެއް ހެރި އޭނާގެ އެއް ލޯފުޅު ހަލާކުވިއެވެ. މާތް މަލިކާއަށް ހަމަނުޖެހުމުގެ އަލިފާންގަނޑު ބޮޑަށް ރޯކޮށް ޖަހާން ގީރު ޝާހް ޖަހާނާ ދެކޮޅުވެރި ކުރުއްވުމަށް ރަނގަޅު ދަނޑިވަޅެއް ލިބިވަޑައިގަތެވެ.

ޝާހް ޖަހާން މި ހަމަނުޖެހުން ނައްތައިލެއްވުމަށް މަޢާފުގެ ސިޓީއަކާއެކު އެމަނިކުފާނުގެ ނާއިބު އަފްޡަލް ޚާން، ޖަހާން ގީރުގެ އަރިހަށް ފޮނުއްވިއެވެ. އެކަމަކު މަލިކާ އޭރު ވަނީ ރަނގަޅަށް އަލިފާން ރޯކުރައްވައިފައެވެ. އެކަމަނާ ޖަހާން ގީރަށް ވިސްނަވައިދެއްވައިފައި ވަނީ ވިދިވިދިގެން ލިބިވަޑައިގަތް ފަތަޙަތަކުގެ ސަބަބުން ޝާހް ޖަހާން ވަނީ ބޮޑާފުޅުވެފައިކަމަށާއި، ޝެހެންޝާހުގެ އަމުރުފުޅަށް ޝެހެރިޔާރަށް އެރުވި ބިމުގެ މައްޗަށް އެމަނިކުފާނު ގަދަބާރުން ވެރިވެވަޑައިގެންފިކަމުގައާއި، ޝެހެޒާދާއިން މި ގޮތަށް ބަޣާވާތް ފަށްޓަވަމުން ވަޑައިގަންނަވާ ކަމަށް ތާރީޚު ހެކިވާ ކަމުގައެވެ.

އެ ވަގުތު އާޞިފު ޚާން އޭނާގެ ދަނބިދަރިކަލުންގެ ކުށެއް ނެތްކަން ދެއްކެވުމަށް ކުރެއްވެން ހުރި ހުރިހައި މަސައްކަތްޕުޅެއް ކުރެއްވިއެވެ. އެކަމަކު މަލިކާގެ ޖާދޫ ވަނީ ޖަހާން ގީރުގެ އިސްތަށިފުޅަށް ސަވާރުވެފައެވެ. ދަނބިދަރިކަލުންނާ އެއްކޮޅަށް ޖެހިވަޑައިގަތުމުގެ ނަތީޖާއަކަށް ވީ މަލިކާ އާޞިފު ޚާނުގެ ދުޝްމަނަކަށް ވެވަޑައި ގަތުމެވެ. ޖަހާން ގީރް، މަހާބަތު ޚާނަށް އައުމަށް އެންގެވިއެވެ. މަހާބަތު ޚާނަކީ އާޞިފު ޚާނުގެ ދުޝްމަނެކެވެ. އަދި ޝާހް ޖަހާނަށް ވެސް އިޚްލާޞްތެރި މީހެއް ނޫނެވެ. މަހާބަތު ޚާން ކާބުލްގައި ހުރެފައި ލިޔުނެވެ. އާޞިފު ޚާން މަނިކުފާނުގެ އަރިހުގައި ހުރިހައި ހިނދަކު އަޅުގަނޑު ތިޔަ ތަނަށް ދިޔުމަކީ ވެވޭނޭ ކަމެއް ނޫނެވެ. ޝާހް ޖަހާންގެ ބާރު ކަނޑުވައިލައްވަން ބޭނުންފުޅު ނަމަ އާޞިފު ޚާނަށް ބަންގާލް ބެލެހެއްޓެވުން ހަވާލުކުރައްވައިފައި އެ ތަނަށް ފޮނުއްވާށެވެ. އޭރުން އަޅުގަނޑު ޚިދުމަތް އަދާކުރުމަށް ހާޒިރުވާނަމެވެ.

ޖަހާން ގީރް މަހާބަތު ޚާނުގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތީން އާޞިފު ޚާން ޚަޒާނާ ގެނައުމުގެ ބަހަނާގައި އާގަރާއިން ފުރުވައިލެއްވިއެވެ. އަދި ޝާހް ޖަހާނުގެ ބިންތަކުގެ ތެރެއިން ދޯއާޕޭ ބިން އެ މަނިކުފާނުގެ ކިބައިން ވަކިކޮށް ޝެހެރިޔާރަށް އެރުވުމަށް ވިދާޅުބަސްފުޅު އިއްވެވިއެވެ. ޝާހް ޖަހާނަށް މި ޚަބަރު ލިބިވަޑައި ގަތުމުން ބައްޕާފުޅުގެ ހިތްޕުޅުން ނުރުހުންފުޅު ދުރު ކުރެއްވުމަށް ލަޝްކަރާ އެކު ލާހޫރާ ދިމާއަށް ފުރާވަޑައި ގަތެވެ. ޖަހާން ގީރަށް މި ޚަބަރު އެރުވުނީ ޝެހެޒާދާ އެހައި ބޮޑު ލަޝްކަރަކާ އެކު އެ ވަޑައިގަންނަވަނީ ޙަމަލާދެއްވަން ކަމުގައެވެ. އެމަނިކުފާނު ލާހޫރުން އާގަރާއަށް ވަޑައި ގަތެވެ. އެއަށްފަހު ޝެހެޒާދާއާ ޚިލާފަށް ތައްޔާރު ކުރެއްވި ލަޝްކަރުގެ ކޮމާންޑަރުކަން މަހާބަތު ޚާނަށް ދެއްވިއެވެ.

ޝާހް ޖަހާން ކޯޓިލާމޭވާޓަށް ވަޑައިގެން، ރާޖާ ބަކުރުމާ ޖީތާއި ދާރާބު ޚާނާއި އެމަނިކުފާނުގެ އެހެނިހެން އަމީރުން މަހާބަތު ޚާނާ ދެކޮޅަށް ނެރުއްވިއެވެ. ހަނގުރާމަ ފެށުމުން، ދެ ފަރާތުގެ ސިފައިން ހިތްވަރުގަދަކަމާއި ފިރިހެންކަމުގެ ނަމޫނާ ދައްކާން ފެށިއެވެ. މި ހަނގުރާމައިގައި ޝާހް ޖަހާންގެ ލަޝްކަރު ގަދަ ވަމުން އައެވެ. އެކަމަކު ގަދަ ވޭވޭ އޮވެފައި މަންޒަރު ބަދަލުވިއެވެ.

ވީ ގޮތަކީ ޝާހް ޖަހާނުގެ ކޮމާންޑަރު ބަކުރުމާ ޖީތު ހިތްވަރުފުޅާއެކު ހަނގުރާމަކުރައްވަމުން، ޝާހީ ލަޝްކަރު ފިސްކުރައްވަމުން، މަރުވާން ކައިރިވެފައިވާ މީހެއްގެ ގާތުން ވަޑައިގަތެވެ. އޭރު އެ މީހާގެ އަތުގައި ބަޑިއެއް އޮތެވެ. އޭގެ ފަލީތާ އޮތީ ރޯކޮށްލައިފައެވެ. ރާޖާ ބަކުރުމާ ޖީތު އެ ހިސާބަށް ވަޑައިގަތީ ބަޑި ގޮވީއެވެ. ވަޒަން ދިޔައީ އެމަނިކުފާނުގެ މޭފުޅު ފޫއަޅުވައިލައިފައެވެ. އެމަނިކުފާނު ހަމަ އެ ވަގުތު އަވަހާރަވީއެވެ. އެ ރާޖާއަކީ ޝެހެޒާދާގެ ޚާއްޞަ ފަހުލަވާނެކެވެ. ނުހަނު ވިސްނުންފުޅު ތޫނު ކޮމާންޑަރެކެވެ. އެމަނިކުފާނު ހަމަ އަވަހާރަވުމާއެކު ލަޝްކަރުގެ ހިތްވަރު އެލުނެވެ. ލަޝްކަރުގެ ތަރުތީބު ގެއްލުނު ތަން ޝާހް ޖަހާނަށް ފެނިވަޑައިގަތުމުން ފިޔަވަޅުފުޅުމަތީ ސާބިތުވެވަޑައިގެންނެއް ނުހުންނެވުނެވެ. މަޖުބޫރުވެ ވަޑައިގަންނަވައިގެން މައިދާން ދޫކުރައްވައި މާންޑޫއާ ދިމާއަށް ވަޑައިގަތެވެ.

މަހާބަތު ޚާން އެމަނިކުފާނުގެ ފަސްފަހަތްޕުޅުން ދިޔައެވެ. ޝާހް ޖަހާން މާންޑޫއަށް ވަޑައިގެންފައި ރުސްތުމް ޚާން ލަޝްކަރުގެ ކޮމާންޑަރަކަށް ހެއްދެވިއެވެ. އެކަމަކު ޝާހް ޖަހާނުގެ ނަސީބުފުޅުގައި އޭރު އަދި ލިޔެވިފައި އޮތީ ނާކާމިޔާބާއި ޒަމާނުގެ ބޮނޑިތަކެވެ. ރުސްތުމް ޚާން ޣައްދާރުވެ މަހާބަތު ޚާނާ ގުޅުނެވެ. ޝާހް ޖަހާން ނަރްބަދާކޯރު ކަޑައްތުކުރައްވައި އަނެއް ފަރާތަށް ވަޑައިގަތެވެ. ދެން ހުރިހައި ދޯނިތައް އެ ފަރާތަށް އެއްކުރައްވައި ޝާހީ ލަޝްކަރުގެ މަގު ބަންދުކުރެއްވިއެވެ. އެއަށްފަހު، އަސީރު ކިއްލާއަށް ވަޑައިގެން، މަހާބަތު ޚާނާ ޞުލްޙައިގެ ވާހަކަދެއްކެވުމަށް އެ ކިއްލާގެ ޚާންޚާމާން އެއްބަސްކުރުއްވިއެވެ. ޚާންޚާމާން ޤުރްއާން މަޖީދު ގަންދެއްވައި ހުވާކުރައްވައިފައި، ދެ ފަރާތް ޞުލްޙަ ކުރެއްވުމަށް ފުރިހަމަ އީމާންތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާނޭ ކަމުގައި ވިދާޅުވިއެވެ. އޭނާ ނަރްބަދާކޯރު ހުރަސްކުރައްވައި މަހާބަތު ޚާންގެ ފަޅިއަށް ވަޑައިގަތް ރޭ ޖަހާން ގީރުގެ ލަޝްކަރުގެ ބައެއް ސިފައިން ޝާހްޖަހާންގެ ލަޝްކަރުގެ ސިފައިން ޣާފިލުވެފައި ތިބި ތަން ދެކެ ނަރްބަދާގެ އައްސޭރީގެ މަގު ހުޅުވައިލިއެވެ. ޖަހާން ގީރުގެ ލަޝްކަރު ގަދަވާ ތަން ފެނިވަޑައިގަތުމުން ޚާންޚާމާން ހުވާ އުވައިލައްވައި މަހާބަތު ޚާންގެ ލަޝްކަރާ ގުޅިވަޑައި ގަތެވެ.

ޝާހް ޖަހާން ހިތްޕުޅުދަތިވެގެން ދެކުނަށް ދަތުރުފެށްޓެވިއެވެ. ދަތުރުމަތީގައި ކިތަންމެ އަމީރުންނަކާއި، އޮފިސަރުންނަކާއި، ނޯކަރުންނެއް އެމަނިކުފާނާ ވަކިވެވަޑައިގަނެ، އެމަނިކުފާނުގެ ހިތްޕުޅު ހަލާކުކުރިއެވެ. ކޮންމެ ފިޔަވަޅުފުޅަކާއެކު އެމަނިކުފާނަށް ކޮންމެވެސް މުސީބާތަކާ ކުރިމަތިފުޅުވެއެވެ. ވަގުތު ދިޔައީ ބަދަލުވަމުންނެވެ. ބައިވެރީންގެ މިޒާޖު ދިޔައީ ބަދަލުވަމުންނެވެ. މޫސުން ދިޔައީ ބަދަލުވަމުންނެވެ. ބައެއް ފަހަރު ތުރުތުރު އަޅުވައިލާ ފަދަ ފިނީގައެވެ. އަނެއްބައި ފަހަރު އަލިފާން ކަހަލަ އަވީގައެވެ. އަދި އަނެއްބައި ފަހަރު ވާރޭގެ ތޫފާނުގައި ވަޒަނެއް ނެތް މީހުން ފަދައިން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެއްވުމުގައެވެ.

ލޯތްބެއް، އެހީތެރިކަމެއް ނެތް މާޔޫސްކަމުގެ އެ ފަދަ ދުނިޔެއެއްގައި މުމްތާޒު މަޙަލްގެ ލޯބިފުޅު އެމަނިކުފާނުގެ ހިތްޕުޅުގައި އައު އުންމީދާއި އައު ހިތްވަރުފުޅު އުފައްދުވައެވެ. އެ ދުވަސްކޮޅު ރާޙަތެޖާން އިންނެވީ ބަންގާލްގައެވެ. އާޞިފް ޚާން އާގަރާއިން ފުރާވަޑައިގެންނެވި އިރު ފުރާވަޑައިގަތީ ދަރިކަނބަލުންނާއި އެކަމަނާގެ ތުއްޕުޅު ބޭފުޅުން ގޮވައިގެންނެވެ. ޝާހް ޖަހާން ގަސްތުކުރެއްވީ ބަންގާލަށް ވަޑައިގެން ވަރުބަލިފުޅުކަން ދުރުކޮށްލެއްވުމަށެވެ. އެމަނިކުފާނުގެ އަނބިކަނބަލުންގެ ލޯބިން ފުރިފައިވާ އަތްޕުޅުގެ ތެރޭގައި ދުވަސްކޮޅަކު އަރާމުކޮށްލެއްވުމަށެވެ. އެއަށްފަހު އަލުން އާ ލަޝްކަރެއް އެއްކުރެއްވުމަށެވެ.

މި ގޮތަށް ގަސްތުކުރައްވައި އެމަނިކުފާނު އަޅީސާއާ ދިމާއަށް ދަތުރުކުރެއްވިއެވެ. މަލިކާ ނޫރު ޖަހާނަށް މި ޚަބަރު ލިބިވަޑައިގަތުމުން ބަންގާލްގެ ދާއިމީ ގަވަރުނަރު، އެކަމަނާގެ ބޮޑުބޭބޭފުޅު އިބްރާހީމް ޚާނަށް ޝާހް ޖަހާންގެ މަގަށް ހުރަސްއެޅުއްވުމަށް އެންގެވިއެވެ. އަދި އެމަނިކުފާނުގެ ވަސް އަބަދަށް ފޮހެލެއްވުމަށް އެންގެވިއެވެ. އިބްރާހީމް ޚާން އަޅީސާގެ ރަށެއް ކަމުގައިވާ ކަޓަކްގެ ވެރިޔާ އަޙްމަދު ބޭގް ޚާނަށް ޝެހެޒާދާ ކުރިއަށް ވަޑައި ގަތުން ހުއްޓުވުމަށް އެންގެވި އެވެ. ދެން ޝެހެޒާދާ އެ ހިސާބުން މަގު ބަދަލުކުރައްވައި މަޗްލީ ޕަޓަނަށް ވަޑައިގަތެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.