ސްކޫލްތަކުގެ ވެރިން ތަމްރީނުކުރުމުގެ ފަސްވަނަ ބުރު ފަށައިފި

t.php

ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމަށް ސްކޫލްތަކުގެ ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތްތައް އިތުރަށް ތަމްރީނުކުރުމުގެ ފަސް ވަނަ ބުރުފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއި ގުޅިގެން  ނުވަ ދުވަހުގެ މުއްދަތަށް މެލޭޝިއާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން މެލޭޝިއާއަށް ފުރާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި ޕްރޮގްރާމް ދަށުން ހަތަރު ބުރެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އިރު، މި ފަހަރުގެ ބުރުގައިވެސް އަތޮޅުތެރެއާއި މާލޭގެ ސްކޫލްތައް ހިންގުމުގައި ހަރަކާތްތެރިވާ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ހިމެނޭ ގޮތަށް 23 ފަރާތަކުން ބައިވެރިވެއެވެ.

މި ދަތުރު ގައި ބައިވެރިން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި އެޤައުމުގެ 5 ސްކޫލަކަށާް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ މައުލޫމާތު ހޯދާނެއެވެ. އަދި އެކާވީސްވަނަ ޤަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ މަސައްކަތު ބައްދަލުވުންތަކެއް ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ބައިވެރިންނަށް ހިންގާނެއެވެ.

މި ޕްރޮގްރަމްގެ ފުރަތަމަ ބުރުގައި އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ހިމެނޭ ގޮތަށް 9 ފަރާތެއް މެލޭޝިއާއިން ތަމްރީނު ހޯދާފައިވާ އިރު، ދެ ވަނަ ބުރުގައި 30 ފަރާތެއް ތަމްރީނުވެފައި ވެއެވެ. އަދި ތިން ވަނަ ބުރުގައި ވެސް 30 ފަރާތަކުން ތަމްރީނުވެފައިވާ އިރު، ހަތަރު ވަނަ ބުރުގައި 23 ފަރާތަކުން ވަނީ ތަމްރީނުވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.