ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަން ގެއްލި ހަށިގަނޑު ބެލެންސް ނުކުރެވި ރަނގަޅަށް ހިނގަންވެސް ނޭނގޭ: ހީނާ ސަލީމް 

ޕްރައިމަރީ ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަން ދަށްވެ ހަށިގަނޑު ބެލެންސް ނުކުރެވި ރަނގަޅަށް ހިނގަންވެސް  ނޭނގޭ ކުދިން އިތުރު ވަމުން ދާތީ ، ކުޅިވަރު ދާއިރާގެ ތަޖްރިބާކާރު، ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ހީނާ އަޙްމަދު ސަލީމް  ކަންބޮޑުވުން ފާޅުގަކުރައްވައިއެވެ. މިސަބަބަށްޓަކައި ސްކޫލުތަކުން ފިޒިކަލް އެޑިޔުކޭޝަނަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ތަޢުލީމީ ބިލަށް ޚިޔާލު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޮމިޝަނަރ ހީނާ ސަލީމް ވިދާޅުވީ ސިލަބަހުގައި ވަރަށް ރަނގަޅަށް ފިޒިކަލް އެޑިއުކޭޝަންގެ ވާހަކަ ހިމަނައިފައިވާ ކަމަށެވެ. ނަމަވެސް ޢަމަލީ ސިފައެއްގައި އެކަން ތަންފީޒުކުރެވެމުން ނުދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަންޒަރު ފެންނަނީ ކޮންމެވެސް ގަސްބުޑެއްގައި ޓީޗަރު އިނދެ އެކުދިން އަތްލާ ކުޅެ ދުވެލާ ހަދައި އެކަހަލަ ކަމެއް ކުރާތަން. ސިލަބަސް ކިތަންމެ ހިތްގައިމަސް ޕްރެކްޓިކަލީ ތަންފީޒު ނުކުރަންޏާ، ސްޕޯރޓްސް އަޅުގަނޑުމެން މިދެކޭ ލެވެލަކަށް ނުގެންދެވޭނެ. ހަޤީޤތުގައި ރާއްޖޭގައި މިހާރު ގިނަ ކުދިންނަށް ހިނގަންވެސް ނޭނގޭ.  ގްރޭޑް ފަހަކުން ދަށުގެ ކުއްޖަކު ސަތޭކައެއްހާ މީޓަރަށްވެސް ދުވާލަކު ނުހިނގާކަމަށް ވަނީ. ސައިކަލުގައި ސްކޫލަށް ދަނީ، އަންނަނީ، ޓިއުޝަނަށް ދަނީ. މިހެން ގޮސް ލިފްޓުން ގެއަށް އަރަނީ. އެހެންވީމާ އެކުއްޖާއަށް ހިނގަންވެސް ގިނަ ފަހަރަށް ނޭނގޭ.  ދެން އަޅުގަނޑުމެން އެކުދިން ލައްވާ ކުޅިވަރެއް ކުޅުވަން ބަލާއިރު މިހުންނަނީ ހިނގަން ނޭނގޭ ކުއްޖެއް. އެއްވެސް ވަރަކަށް ބެލެންސެއް ނުހިފެހެއްޓޭ ކުއްޖެއް." ހީނާ ސަލީމް ވިދާޅުވިއެވެ.

ދުޅަ ހެޔޮ ޞިއްޙަތެއް ހޯދައިދޭ ވާހަކަ ދައްކާއިރު  ވަރަށް ގިނަކުދިންނަކީ ހުންނަންޖެހޭ ވަރަށް ވުރެ ބަރުދަން އިތުރު ފަލަކޮށް ތިބޭ ކުދިންކަމަށްވެސް ހީނާ ސަލީމް ފާހަގަ ކުރެއްވިއެވެ. ކުދިންގެ އެކަހަލަ ކަންކަން ރަނގަޅު ކުރުމަކީ ސްކޫލުތަކުގައި ފިޒިކަލް ފިޓްނަސް ނަގައިދޭ މީހާގެ ޒިންމާއެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ދާއިމީ ގޮތެއްގައި ކުޅިވަރުތައް ނުކުޅުވޭ ކަމަށް ވާނަމަ ހަމައެކަނި ބެލެނިވެރިން ހިތްހަމަ ޖައްސާލަން ޢުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ސްކޫލުތައް ވާދަކުރާ މުބާރާތްތައް ބޭއްވުމަކީ އެކުދިންނަށް ގެއްލުން ވާނެކަމެއްކަމަށްވެސް ހީނާ ސަލީމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އިންޓަރ ހައުސް އާއި އިންޓަރ ކްލާސް މުބާރާތައް ބޭއްވިދާނެކަން ފާހަގަ ކުރެއްވިއެވެ.

"ސްކޫލު ދެމެދުގައި ވާދަ ކުރުމުން އެންޓެޓެއިން ކުރެވެނީ ހަމައެކަނި ޕޭރަންޓުން. ދިރާސާއެއް ކޮށްފިއްޔާ ޔަޤީނުން ވެސް ކުދިންނަށް ގެއްލުން ވާނެކަން އެނގިގެން ދާނެ. ދަށްވީމާ އެ ކުރާ މަލާމާތާއި ބުލީއާ، އެހެންގޮސް ގޯސް ހުރިހާ ކަމެއް އޭގައި ހިމެނޭ."  ސްޕޯރޓްސް ކޮމިޝަނަރ ހީނާ ސަލީމް ވިދާޅުވިއެވެ.  

ހިނާ ސަލީމް ވިދާޅުވީ އެ ވާހަކަ ތަކަކީ އޭނާގެ ތަޖްރިބާގެ އަލީގައި ދައްކަވާ ވާހަކަތަކެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.