ފެންވަރު ރަނގަޅު ޓީޗަރުން ތަޢުލީމީ ނިޒާމުގައި ދެމިނުތިބުމުގެ ކަންބޮޑުވުން ފާޅުކޮށްފި

ފެންވަރު ރަނގަޅު ޓީޗަރުން ތަޢުލީމީ ނިޒާމުގައި ދެމިނުތިބުމުގެ ކަންބޮޑުވުން ތަޢުލީމީ ބިލަށް ޚިޔާލު ހުށަހެޅުއްވި ތަޢުލީމީ ދާއިރާގެ ފުންނާބު އުސް ބައެއް ބޭފުޅުން ފާޅުކުރައްވައިފިއެވެ.

ތަޢުލީމީ ބިލަށް ޚިޔާލު ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ ވިދާޅުވީ ރަނގަޅު ފެންވަރުގެ ޓީޗަރުން ސްކޫލްތަކުގައި ނެތި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ނުދެވޭނެކަމަށެވެ. ފެންވަރު ރަނގަޅު ޓީޗަރުން ތަޢުލީމު އުގަންނައި ދިނުމަށްދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން، ކިޔަވައި ދިނުމަކީ ވަރަށް ފައިދާހުރި ޕްރޮފެޝަނަކަށް ހެދުމަށް ތަޢުލީމީ ބިލުގެ ތެރެއިން ބާރު އަޅައި ގޮތްތަކެއް ހޯދުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

ތަޢުލީމީ ބިލް ދިރާސާކުރާ ޤައުމީތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެމުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުޞޫލުގެ ތެރެއިން، ޓީޗަރުން ގިންތިކުރެވި މުސާރައާއި އިނާޔަތްތައް ކަނޑައެޅޭއިރު ޓީޗަރުން ހިތުން ރުހުމުން ވަޒީފާގައި ދެމިތިބޭނެފަދަ އެލަވަންސާއި އިނާޔަތްތައް ކަނޑައެޅިގެންދާނަމަ ޚިދުމަތުގައި ދެމި ތިބުމަށް ބާރަކަށް ވާނެކަމަށެވެ. ބިލްގައިވާ ގޮތުން އެކަމަށް ބޭނުންވާ ޤަވާއިދާއި އުޞޫލުތަށް ކަނޑައަޅާނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމުގެ ބިލްގައިވާ ގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބޭ ހައްޤުތަކުގެ އިތުރަށް ވެސް އިނާޔަތާއި ރައްކާތެރިކަން ޓީޗަރުންނަށް ލިބިގެން ދާނެކަމަށެވެ. މިއީ ޓީޗަރުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރަރ ލީލާ އަޙްމަދު ވިދާޅުވީ މިހާރު ޓީޗަރުން ތަމްރީން ކުރަމުންދަނީ ތިން ގޮތަކަށްކަމަށެވެ. އެއީ އޮންލައިން ކޮށާއި ބްލޮކް މޯޑަށާއި ކޮންމެ ދުވަހަކު ޔުނިވަރސިޓީއަށް ހާޒިރުވެ  ލެކްޗަރަރާއިންނާ "ފޭސް ޓު ފޭސް" ދިމާވެ ތަމްރީންތައް ފުރިހަމަ ކުރާ ގޮތަށް ކަމަށެވެ. އެގޮތުން ޔުނިވަރސިޓީއަށް ހާޒިރުވެ ޓީޗިން ފުރިހަމަކުރާ ކުދިން ފެންވަރުގެ ގޮތުން 100 ޕަސަންޓް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ. ތަމްރީނުވެގެން ނުކުންނަ ހުރިހާ ކުދިންނަކީ ވެސް ކޮންމެ ދުވަހަކު ޔުނިވަރސިޓީއަށް ހާޒިރުވެ ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް ފުރިހަމަ ކުރާ ކުދިން ކަމަށް ވާނަމަ ފެންވަރު ރަނގަޅު ޓީޗަރުން ނެރެވޭނެކަމުގެ 100 ޕަސަންޓް ޔަޤީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ޓީޗަރުންގެ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ފެންވަރު ރަނގަޅު ކުދިން އެދާއިރާއަށް ކުރިމަތި ނުލުން ކަމަށެވެ. ދަށް ފެންވަރުގެ ކުދިން ތަމްރީނުވެގެން ޓީޗަރުންގެ ގޮތުގައި ނުކުތުމުން ދެން އުފެދޭނީ އެއަށްވުރެ ދަށް ފެންވަރުގެ ކުދިންކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސްކޫލުތަކުން ނިމޭ ފެންވަރު ރަނގަޅު ކުދިން ތަޢުލީމީ ދާއިރާއަށް ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ކުރިން ޓީޗަރަކަށްވެސް އުޅުއްވި ރޮޒައިނާ ފާހަގަ ކުރެއްވިގޮތުގައި ތަންކޮޅެއް ކުރިއަށް ބަލާއިރު ސްކޫލުތަކުން ނުކުންނަ ފެންވަރު ރަނގަޅު ކުދިން ތަޢުލީމީ ދާއިރާއަށް ޝަޢުޤުވެރިވެ އެދާއިރާއަށް ނުކުމެފައިވާކަމަށެވެ. އެހެންކަމުން ޤާނޫނުގެ ތެރެއިން ކުދިން ޓީޗިންގ ދާއިރާއަށް ޝައުޤުވެރި ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. ލާރިދީގެން އެސައިންމެންޓް ހެދުމަކީ ރާއްޖޭގައި އާއްމުވަމުންދާ ކަމެއްކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުންވެސް ތަމްރީނުވެގެން ނުކުންނަ ކުދިންގެ ފެންވަރު ދަށްވާނެކަމަށް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ ޙައްލެއް ގެންނަން ޖެހިފައިވާ މައްސަލައެއްކަމަށްވެސް  ވިދާޅުވިއެވެ.

ތަޢުލީމީ ބިލަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ މުޙައްމަދު މުމްތާޒް ހުށަހެޅުއްވިބިލެކެވެ. ބި ބިލް ޤާނޫނަކަށްވެ، ތަންފީޒުކުރަން ފެށުމާއެކު ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.