އަޝްރަފުގެ އިލްތިމާސް: ލެޓިނުން ލިޔުން ހުއްޓާލާ، ތާނައިން ލިޔޭ! މަސްހުނި ކޮށްގެން ވާހަކަ ނުދައްކާ، ދިވެހި ބަހުން ވާހަކަ ދައްކާ!

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ

މިއަދަކީ ދިވެހިންގެ ފަޚްރު ކަމުގައިވާ ދިވެހި ބަހުގެ ދުވަހެވެ. ތިރީގައި މިވަނީ މިއަހަރުގެ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ އާފަތިހަށް ދެއްވި ބަސްދީގަތުމެއްގެ ޚުލާސާއެކެވެ.

ދިވެހި ބަހަކީ އެތައްސަތޭކަ އަހަރެއްވެފައިވާ ފަޚުރުވެރި ބަހަކަށް ވީކަމުގައިވިއަސް ދިވެހި ބަހުގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރައްވަން ފަށްޓަވައިފައިވަނީ ވަރަށް ފަހުންނެވެ. އެއީ މީގެ ހަތަރު އަހަރު ކުރިންނެވެ. 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ގައެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަން ފެށުނު ގޮތާ ބެހޭގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ، ދިވެހި ބަހުގެ ދުވަހަކީ ލިޔުންތެރިންގެ ގުޅުމުން އިސްނަގައިގެން، ދެއަހަރެއްހާ ދުވަހު ކުރެވުނު މަޝްވަރާތަކަކަށްފަހު ސަރުކާރަށް ހުށަހަޅައިގެން، ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ދުވަހެއްކަމުގައެވެ.

"އަޅުގަނޑަށްވެސް، އެބަހުރި ބައެއް ބައްދަލުވުން ތަކުގައި ބައިވެރިވެވިފައި. އެއިން ބައްދަލުވުމެއްގައި އަޅުގަނޑު ވެސް ދެންނެވިން، ސަރުކާރަށް ހުށަހަޅައިގެން މަސައްކަތް ކޮށްދޭނެ ވާހަކަ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ ލިޔުންތެރިންގެ ގުޅުމުން، ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވަރަށް ބޮޑު މަސައްކަތްޕުޅެއް ކުރައްވައިގެން ރައީސް އޮފީހަށް ހުށަހެޅުއްވުމުން. ސަރުކާރުން ރަސްމީކޮށް ބަހުގެ އެކަޑަމީއަށްވެސް އެންގެވީ އެދުވަސް ރަސްމީކޮށް ފާހަގަކުރަން. އެދުވަހުން ފެށިގެން އަޅުގަނޑުމެން މިދަނީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް މާދަރީ ބަހުގެ ދުވަހާ އެކު ދިވެހި ބަހުގެ ދުވަސް ވެސް  ފާހަގަކުރަމުން." ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަން ފެށްޓެވި އިރު ރާއްޖޭގެ ސްކޫލު ތަކުގައި މާދަރީ ބަހުގެ ދުވަސް އޮތީ ވަރަށް ބޮޑަށް ވައިގައި ހިފައިފައިކަމަށް އަޝްރަފު ވިދާޅުވިއެވެ. ނަމަވެސް ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން ހަމަޖެއްސެވުމުން މާދަރީ ބަހުގެ ދުވަހަށްވުރެ ވެސް ކުލަގަދަކޮށް ސްކޫލުތަކުގައި އެދުވަސް ފާހަގަ ކުރަން ފެށްޓެވިކަން އަޝްރަފު  ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ އަހަރު މާލޭގެ ސްކޫލުތަކަށް ބޭއްވި އަދަބީ ހަވީރުގެ ކާމިޔާބީ އަޝްރަފު ފާހަގަކުރެއްވިއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ އަހަރު ކަނޑައެޅުނު ޝިޢާރަކީ "ދިވެހި ބަސް- ދިވެހިންގެ ޝަރަފު" އެވެ. ފުރަތަމަ އަހަރު ވަނީ ބަހުގެ މުސްތަޤްބަލު ކަނޑައެޅުމަށް ފޯރަމެއް ބާއްވައިފައެވެ. ވަރަށް ފެންވަރު ރަނގަޅު ކަރުދާސްތަކެއް އެފޯރަމަށް ހުށަހެޅުނުކަންވެސް އަޝްރަފު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ވެސް ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކާއި އިދާރާތަކުގައި ބާއްވާ ޚާއްޞަ އެސެމްލީ އަޝްރަފު ފާހަގަކުރެއްވިއެވެ. އަދި އޮފީސްތަކުގެ މުވައްޒަފުންނަށް އަތުލިޔުމުގެ މުބާރާތެއްވެސް ކޮންމެ އަހަރަކު ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާކަން ފާހަގަ ކުރެއްވިއެވެ.

މާދަރީ ބަހުގެ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ބައިވެރި ވަޑައިގެންނެވި ރަސްމީ ޖަލްސާއެއް ވަނީ ބާއްވައިފައެވެ. ނަމަވެސް މިއަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް އެފަދަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެއް ނެތެވެ. ނޫސް ސިންތާއެއް ބާއްވާ ދިވެހި ބަހުގެ ޤަވާޢިދުގެ ނަމުގެ ބައި އާއްމުކުރެއްވުމާއި އާލަފުޒުތައް އެކުލަވާލެވޭ އުޞޫލުތައް ހާމަ ކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ދިވެހި ބަހަކީ ދިވެހިންގެ ފަޚުރަކަށް ވެފައި ދިވެހިންނާ ސީދާ ގުޅުންހުރި ދުވަހަކަށް ވާއިރު މާދަރީ ބަހުގެ ދުވަހަށްވުރެ ދިވެހި ބަހުގެ ދުވަހުގެ ކުލަ ފަނޑުވެގެންދަނީ ކީއްވެގެންތޯ އަޝްރަފަށް ދަންނަވާލީމެވެ.

އަޝްރަފް ވިދާޅުވީ މާދަރީ ބަހުގެ ދުވަސް ދިމާވީ އެކަޑަމީގެ މަސައްކަތްތައް ވަރަށް ހުސްކޮށް އޮތް ދުވަސް ކޮޅަކަށް ވުމުން އެދުވަސް ވަރު ރަސްމީ ޖަލްސާއެއް ބޭއްވުމަށް ފުރުޞަތު ލިބި ރައީސުލްޖުމްހޫރިއްޔާވެސް ބަހާ ބެހޭގޮތުން އެއްޗެއް ވިދާޅުވުމުގެ ފުރުޞަތު ލިބިގެން ދިޔައީ ކަމުގައެވެ. ދިވެހިބަހުގެ ދުވަސް ކުރިއަށް ގެންދެވެނީ މާދަރީ ބަހުގެ ދުވަހާވެސް ގުޅުވައިލައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދިވެހިބަހުގެ ދުވަސް މިއައީ ވަރަށް ބޮޑު ދިވެހި އަދަބީ ޢީދެއްގެ ތެރެއިން ކަން ފާހަގަ ކުރައްވާ މިހާރު ކުރިއަށްދާ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ މުހިންމުކަމާއި ހައިބަތު ހާމަކުރެއްވިއެވެ.

ދިވެހި ބަސް ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާ އެއް

ދިވެހި ބަހުގެ ދުވަހަށް ކޮންމެ އަހަރަކުވެސް ޚާއްޞަ ޝިޢާރެއް ކަނޑަ އަޅުއްވައެވެ. އެގޮތުން މިއަހަރަށް ކަނޑައެޅީ "ބުނާނީ، ލީޔާނީ ދިވެހި ބަހުން" ނެވެ.

ދިވެހި ބަހުގެ މުހިންމުކަން ފާގަކުރައްވާ އެކަޑަމީގެ ރައީސް ވިދާޅުވީ ދިވެހި ބަހަކީ ޤައުމިއްޔަތުގެ މައި ރުކުން ކަމުގައެވެ. ދިވެހިންނަކީ ކޮންބައެއްކަން އަންގައި ދެނީ ދިވެހި ބަހުންންނެވެ. ކޮންމެ ދިވެއްސަކު އެމީހަކު ހުރިތަނެއްގައި ދިވެހި ބަހަށް ޚިދުމަތް ކުރުމަކީ ލާޒިމް ކަމެއްކަމަށް އަޝްރަފު ފާހަގަ ކުރެއްވިއެވެ. ދިވެހި ބަސް ދެމެހެއްޓުމަކީ ޤައުމަށްޓަކައި ކޮންމެ ދިވެއްސަކު އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއްކަމަށް އަޝްރަފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިވެހި ބަހަށް ހެޔޮ އެދެންޏާ ދިވެހި ބަހުން މުޢާމަލާތްކުރަން އިސްކަންދޭންވާނެ. ތާނަ އަކުރު މިއަދު ފަންނިއްޔާތުގެ ވަޞީލަތްތަކުގައި އެބަ ބޭނުން ކުރެވޭ. ދެން ކީއްކުރަންތޯ، އަޅުގަނޑުމެން ދިވެހިން ބުނަން ބޭނުންވާ އެއްޗެއް ލެޓިނުން ލިޔެލިޔެ ތިބެންވީ؟ އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ބަސް ލެޓިނުން ނުލިޔެ ތާނަ އިން ލިޔެވެން އޮތް އިރު ތާނައިން ލިޔަމާތޯއޭ." އަޝްރަފު ވިދާޅުވިއެވެ.

ރަސްމީ ލިޔުންތައް ރައީސް އޮފީހުން މީސްމީޑިއާގައި ތާނައިން ލިޔުއްވަމުން ގެންދަވާކަން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ވުޒާރާތަކުންވެސް އެކަން ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރަމުންދާކަން ވެސް ފާހަގަ ކުރެއްވިއެވެ. ރައީސް ޞާލިޙުގެ އަރިހުގައި، މިމަގުން މިކަން ކޮށްދެއްވުމަށް އެދިވަޑައިގެންނެވިކަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ.

"ދިވެހި ބަހުން ވާހަކަ ނުދައްކައި ދިވެހި ބަސް ކުރިއަރުވަނިއްޔޭ، ބަސް ދެކެ ލޯބިވޭ ބުނުމުގެ ބޭނުމެއް ނެތް. ދިވެހި ބަސް ތާނައިން ލިޔެވޭ. ބަހެއް ބުނަން އުދަނގޫވެއްޖިއްޔާ އަޅުގަނޑުމެން ލަފުޒުތައް އެބަ ކަނޑައަޅަން. މިކަނޑައެޅުންތައް ތަންފީޒުކުރުމުގެ ބާރު އަބަދުވެސް އޮންނާނީ ބަހުގެ އަހުލުވެރިންގެ ކިބައިގައި." އަޝްރަފު ވިދާޅުވިއެވެ.

ދޭދޭ ދިވެހިންގެ މެދުގައި، މުޢާމަލާތު ކުރުމުގައި ބަސް މަސްހުނި ކޮށްގެން ބޭނުން ނުކުރުމަށް ވެސް އަޝްރަފު އިލްތިމާސް ކުރެއްވިއެވެ. ބަސް މަސްހުނި ކުރުމުގެ ބޭނުމާމެދު ސުވާލު އުފައްދަވާ އަޝްރަފު ވިދާޅުވީ، ދިވެހި ބަހަކީ، އެއަށްވުރެ ކުޅެދޭ، ތަޞައްރަފު ފުދިފައިވާ ބަހެއް ކަމުގައެވެ.

އެބައެއްގެ އަމިއްލަ ބަހާއި ދަސްކުރާ ބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކުމަކީ، ބަހެއްނެތި ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވާއިރު ރާއްޖެ މިހާރު ދެކެމުންދަނީ އެމަރުޙަލާކަން އަޝްރަފު ހިތާމަޔާ އެކު ފާހަގަ ކުރެއްވިއެވެ.

އިނގިރޭސިން ނަންދީފައިވާ ތަންތަނުގައި، ދިވެހި ތަރުޖަމާ ނަން ތާނައިން ލިޔަނީ

ދިވެހި ބަސް އިސްކުރުމާއި، ބަސް ތަރައްޤީ ކޮށް ކުރިއަރުވައި އާއްމު މުޢާމަލާތްތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަކީ ދިވެހިބަސް ހިމާޔަތް ކުރުމަށް ޤާނޫނުން ލާޒިމް ކުރާ ކަންކަމެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ ދިވެހިންގެ ތެރޭގައި އާއްމުވެ ފަރިތަ ވެފައިވާ ނަންތައް އަލުން އިނގޭސި ވެގެން ދިޔަތަނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާ ޓޫރިޒަމް މިނިސްޓްރީ އަށެވެ. ތަޢުލީމީ ވުޒާރާ އެޑިޔުކޭޝަން މިނިސްޓްރީ އަށެވެ. ޚާރިޖީ ވުޒާރާ ފޮރިން މިނިސްޓްރީ އަށެވެ. މިނޫންވެސް  އެތައް ތަނެކެވެ. މިއީ ދިވެހި ބަހަށް ލިބޭ ނިކަމެތި ކަމެއް ނޫންތޯ ދިވެހި ބަހުގެ އެކަޑަމީގެ ރައީސަށް ދަންނަވާލީމެވެ. ދައުލަތުގެ ވުޒާރާތަކަށް އިނގިރޭސިން ނަންތައް ކިޔުމަކީ ބަހަށް ނިކަމެތިކަން ލިބިގެންދާނެކަމެއް ކަމަށް އަޝްރަފުވެސް ޤަބޫލު ފުޅުކުރައްވައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މިންގަނޑަކުން ނަންތައް ދެވިފައިވަނީ ކަމަށް އަޝްރަފު ދެކެވަޑައިގަންނަވައެވެ. އެ މައްސަލަ ޙައްލުކުރުމަށް އެފަދަ ތަންތަނަށް ތަރުޖަމާ ދިވެހި ނަންތައް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އިނގިރޭސި ނަން އޮތްގޮތަށް ދިވެހިން ލިޔުމަކީ ބަހަށް ލިބޭނެ ނިކަމެތި ކަމެއްކަމަށް އަޝްރަފު ފާހަގަ ކުރެއްވިއެވެ. ދިވެހިނަންތައް ސަރުކާރަށް ހުށަހަޅުއްވައިގެން އެކަން ކޮށްދެއްވާނެ ކަމުގެ ހެޔޮޚަބަރު މާދަރީ ބަހުގެ ދުވަހު ލިބިވަޑައިގެންފައިވާ ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ މުއައްސަސާ ތަކާއި ވުޒާރާތަކާއި އިދާރާތަކަކީ ދިވެހިންނަށް ޚިދުމަތް ދޭން އުފައްދަވައިފައިވާ ތަންތަނަށް ވާއިރު ދިވެހި ނަންތައް ނުދެވެންވީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.

"ދައުލަތުގެ ނިޒާމުގެ ތެރޭގައި ތަންތަނަށް ނަން ކިޔައިފައި މިހުންނަނީ ބޭރުގެ ބައެއް ބަސްބަހާ އެކީގައި. އެހެންނަމަވެސް ބޯޑްތަކުގައި ހުންނާނީ ޤާނޫނީ އިމަށް، ފުރަތަމަ ތާނައިން ލިޔެފައި. އެކަމަކު ޤާނޫނުގައި އެއީ ދެވަނަ ޚާއްޞިއްޔަތު. ދިވެހި ބަހުން ނެތްކަމަށް ވާނަމަ ކިޔައިފައި އޮތް ބޭރު ބަހުގެ ނަން ތާނައިން ލިޔެފައި އޮންނަން ޖެހޭނެ. އެހެން އޮވެއްޖެނަމަ ޤާނޫނީ އިޖްރާތު ފުރިހަމަވޭ." އަޝަރަފު ވިދާޅުވިއެވެ.

ޤާނޫނު އިޞްލާޙު ކުރަން ޖެހިފައި

ޤާނޫނުގައި ބުނެފައިވާ ގޮތަށް ދިވެހި ބަހަށް އިސްކަން ނުދޭނަމަ އޮންނަނީ ޖުރިމަނާ ކުރެވޭ ގޮތަށެވެ. ނަމަވެސް އެޖުރިމަނާ ބަލައިގަންނާނެ ގޮތެއް ޤާނޫނުން އެނގެން ނެތުމުން އެކަން ކުރުމުގެ އިޖުރާތު ފުރިހަމައެއް ނުވެއެވެ. ޤާނޫނުގައި ވަކި ގޮތެއް ބަޔާން ކޮށްފައި ނެތުމުން ޤަވާޢިދުގައިވެސް އެކަންކުރާނެ އުޞޫލެއް ބަޔާން ނުކުރެވުނުކަން އަޝްރަފު ފާހަގަ ކުރެއްވިއެވެ. ޤާނޫނަކުން ނުވަތަ ޤަވާޢިދެއްގައި ނެތުމުން، އެ ޖުރިމަނާ މީރާއަށްވެސް ނެގޭނެ ގޮތެއް ނެތްކަން އަޝްރަފު ފާހަގަކުރެއްވިއެވެ.

"އެކަޑަމީން މި މަސައްކަތް ކުރީ، އެއްވެސް ބަހެއް ދެމެހެއްޓުމަށް އަދަބު ދީގެން ތަޅުއަޅުވައިގެން، މީހުން ހިފާހައްޔަރުކޮށްގެން، މިކަން ނުވާނެކަމުގެ ސިޔާސަތުގެ ވިސްނުމެއް ގެންގުޅެގެން. އެގޮތް މަތިން ތަންތަނާ ބައްދަލުކުރަނީ. ބައްދަލުކޮށްފައި ހިތުލޯބިން އެބަދަލު ގެނައުމުގެ ވިސްނުންތަކެއް ދެނީ. ނަތީޖާއެއްގެ ގޮތުން މާލޭގެ ބައެއް ސްކޫލުތަކާއި ޕާރކްތަކުގެ ނަންތައް ބަދަލުކޮށްފައިވެސް އެބަހުރި." އަޝްރަފު ވިދާޅުވިއެވެ.

ޤާނޫނީ ލަފާ ލިބިފައިވާ ގޮތުން ޤައުމީބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒު ކުރުމަށް ދަތި ތަކެއް ހުރިކަން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޤާނޫނަށް އިޞްލާޙު ގެންނަން ޖެހޭކަން ފާހަގަ ކުރައްވާ އެކަން ވަރަށް އަވަހަށް ކުރައްވާނެ ކަމުގެ ޢިޝާރާތެއް އަޝްރަފު ދެއްވިއެވެ.

"ދިވެހި ބަހޭ ކިޔައިގެން ކުރިން ނުދައްކާ ވާހަކަ ދައްކަން ފަށްޓައިފި މީހުން. ނުކިޔާ ކަހަލަ ގޮތްގޮތަށް ފާޑު ކިޔަން ފަށްޓައިފި މިހާރު. އެހެންވީމާ ބަހާމެދު މީހުން ވިސްނަން ފައްޓައިފިކަން އެބަ އެނގޭ. މިއީ ވަރަށް ފައްސި ވިސްނުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެކަން އަޅުގަނޑުމެން ބަލައިގަންނަން. ބަހުގެ ކުރިއެރުމެއް ބަހާމެދު ވިސްނުމަކީވެސް. ފާޑު ވިދާޅުވަންވީ. ހިތްޕުޅު ހުޅުވައިލައްވައިގެން ވާހަކަ ދައްކަވަންވީ. ވާހަކަ ދެއްކި ވަރަކަށް ބަސް ކުރި އަރާނީ. އެއްވެސް ބަހެއް ކުރިނާރާނެ ބަންދު ވެގެންނެއް. ވީއްލިގެން ފަސޭހަވެގެން ހިތްޕުޅު ހުޅުވިގެން ވާހަކަ ދެއްކޭނީ." އަޝްރަފު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.